23 Apr 2012, 15:02
ރާއްޖެ އާއި ސްރީލަންކާ ކޮންމެ އަހަރަކު ވެސް އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ކުޅެން އަނެއްކާ ވެސް މަޝްވަރާކޮށްފި އެވެ.
މި ފަހަރު މި މަޝްވަރާ ކުރީ މިދިޔަ ހުކުރު ދުވަހު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް މުޙައްމަދު ޙުސައިން ޝަރީފް، ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ޗެއާމަން މިސްޓަ މަނިލާލް ފެނާންޑޯއާ ބައްދަލުކުރައްވައިފަ އެވެ.
މިއީ ކުރީ ސަރުކާރުގައި ވެސް ނިންމާފައި ތަންފީޒުނުކޮށް އޮތް ކަމެކެވެ. ނަމަވެސް ރާއްޖެ އާއި ލަންކާ ވަނީ 2009 ވަނަ އަހަރު ކުރީ ކޮޅު އެކުވެރިކަމުގެ މެޗެއް ލަންކާގައި ކުޅެފަ އެވެ. އެއީ އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިން އަށް ތައްޔާރުވުމަށެވެ.
މިނިސްޓަރުގެ މިބައްދަލު ކުރެއްވުމުގައި ރާއްޖެ ފުޓުބޯޅައިގެ ކުރިއެރުވުމަށް ސްރީލަންކާއިން އެހީ ފޯރުކޮންދެވޭނެ ކަންތައްތަކާއި މެދު މަޝްވަރާކުރެއްވި އެވެ. މިނިސްޓަރުގެ މިބައްދަލު ކުރެއްވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.