22 Apr 2023, 12:09
ޚުރުތޫމު (22 އެޕްރިލް 2023): ސޫދާނުގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ފިތުރު އީދުގެ މުނާސަބަތުގައި ތިން ދުވަހަށް ހުއްޓާލުމަށް އެއްބަސްވިނަމަވެސް އެއްކޮށް ހަމަލާތައް ހުއްޓާނުލާކަމަށާއި އީދުގެ ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ހަމަލާތައް ބަދަލުކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސޫދާނުގައި އަސްކަރީ ކުރިމަތިލުންތައް ކުރިއަށްދަނީ އެގައުމުގެ އެންމެ ބޮޑު އަސްކަރީ ދެ ލަޝްކަރުގެ މެދުގައެވެ. އެއީ ސޫދާނުގެ ސިފައިންގެ ލަޝްކަރާއި އެލަޝްކަރާ ވަކި ކޮމާންޑެއްގެ ދަށުން އޮންނަ އެހެން ލަޝްކަރެއްކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އާ ދެމެދުއެވެ. "އާރް.އެސް.އެފް" އަކީވެސް ދައުލަތުގެ ރަސްމީ ލަޝްކަރެކެވެ.
ސޫދާނަކީ މިހާރު އަސްކަރީ ވެރިކަމެއް ކުރާ ގައުމަކަށްވާތީ ސޫދާނުގެ ރައީސަކީ ސިފައިންގެ ލަޝްކަރުތަކުގެ އިސް ކޮމާންޑަރު ޖެނެރަލް އަބްދުލްފައްތާހުލް ބުރުހާން އެވެ. ސިފައިންނަށް އެހީތެރިވުމަށް އުފައްދާފައިވާ "އާރް.އެސް.އެފް" ލަޝްކަރު ގެ އިސް ކޮމާންޑަރަކީ ސޫދާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާނު ދަގްލޫ އެވެ.
ދެފަރާތުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުންތައް ހިނގަންފެށީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުއެވެ. މިކުރިމަތިލުންތައް ކުރިޔަށްދާތާ މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ދެފަރާތުގެ ހަމަލާތަކުގެ ސަބަބުން އާންމުންގެ 413 މީހުން މަރުވެފައިވާކަމަށާ އަދި ތިން ހާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ.
މީގެއިތުރުން ސިފައިންގެ ތެރެއިންނާއި "އާރް.އެސް.އެފް" ލަޝްކަރުގެ ހަނގުރާމަވެރިންގެ ތެރެއިންވެސް އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވާނެކަމަށް ވަނީ ބެލެވިފައެވެ. މަރުވެފައިވާ ސިފައިންނާއި ގިނަ އަދަދެއްގެ އާންމުންނާއި "އާރް.އެސް.އެފް" ލަޝްކަރުގެ ހަނގުރާމަވެރިންގެ ހަށިތައް ވެރިރަށް ޚުރުތޫމުގެ މަގުތަކުގައިވަނީ ކުނިވާންވަނީ ދޫކޮށްލެވިފައެވެ. އެއީ ހަނގުރާމައިގެ ސަބަބުން އެމީހުން ވަޅުލުމަށް ކުރަންޖެހޭކަންކަން ނުކުރެވޭތީއެވެ.
އިއްޔެއަކީ ސޫދާނަށް ފިތުރު ޢީދު ދުވަހެވެ. އީދުގެ މުނާސަބަތާ ގުޅިގެން ތިން ދުވަހަށް ހަމަލާތާއް ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެފައިވީނަމަވެސް އިއްޔެވެސް ވެރިރަށް ޚަރްތޫމްގައި ވަރުގަދައަށް ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ. ނަމަވެސް ރެއާއި މިއަދު ހަމަލާތައް ވަރަށްބޮޑަށް ހުއްޓި ޚުރުތޫމަށް ކޮންމެވެސް ވަރެއްގެ އަމާންކަމަކާއި ހަމަހިމޭންކަމަށް އައިސްފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.
ސޫދާނުގައި ތިބި ބޭރު ގައުމުތަކުގެ އާންމުންނާއި ބޭރުގެ ޑިޕްލޮމެޓުންވެސްވަނީ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ތާށިވެފައެވެ. ޑިޕްލޮމެޓުން އަނބުރައި ގައުމަށް ގެންދަން ބޭނުންވާކަން ވަރަށް ގިނަ ގައުމުތަކުންވަނީ ހާމަކޮށްފައެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ސޫދާނުގެ އެއާޕޯޓްތަކުގެ ދަތުރުތައް ހުއްޓިފައިވާތީ މިކަންވަނީ ކުރެވޭނެގޮތެއްނެތިފައެވެ.
އެމެރިކާ ގެންދަނީ ޚުރުތޫމުގައި ތިއްބަވާ އެގައުމުގެ ޑިޕްލޮމެޓުން އަނބުރައި ގައުމަށް ގެންދިޔުމުގައި އެހީތެރިވެދިނުމަށް ސޫދާނުގެ އަވަށްޓެރި ޖިބޫޓީ އަށް އަސްކަރީ ބާރެއް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސޫދާނުން އަމާންކަމާއެކު ޑިޕްލޮމޭޓުން ނެރުމުގައި އެމެރިކާވެސް ވަނީ ނާކާމިޔާބުވެފައެވެ.
ސޫދާނުގައި ހިނގާ އަސްކަރީ ކުރިމަތިލުންތަކުގައި ދެފަރާތުންވެސް ހޮސްޕިޓަލްތަކަށް ހަމަލާދެމުން ގެންދާއިރު ނުވަ ހޮސްޕިޓަލެއްވަނީ ހަމަލާތައް އެރުމުގެ ސަބަބުން ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި 60 ހޮސްޕިޓަލެއްގެ މަސައްކަތްވަނީ ހުއްޓުމަކަށް އައިސްފައެވެ. އެއީ ބޭހާއި ސިއްހަތަބެހޭ ސާމާނު ނުލިބުމުގެ އިތުރުން ހަނގުރާމައިގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ނެތުމުންނެވެ.
މުރާސިލުން ބުނާގޮތުގައި އެގައުމުގެ ރަސްމީ ދެލަޝްކަރު ކަމަށްވާ ސިފައިންނާއި "އާރް.އެސް.އެފް" ގެ ހަނގުރާމަވެރިންގެ ކުރިމަތިލުންތަކުގެ ސަބަބުން ސޫދާން ރައްޔިތުންވަނީ ހަދާނެ ގޮތްހުސްވެ މަރާ އަދި ހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ. ވޭނާއި ތަދާއި އަދި ބިރާ ކުރިމަތިލާންޖެހިފައެވެ. ގޮތްހުސްވެފައިވާ ރައްޔިތުންގެ ކުރިމަތީގައި ގައުމު ސުންނާފަތިވެ އެމީހުންގެ މުސްތަގްބަލް ދަނީ ގެއްލެމުންނެވެ.
ސޫދާނުގެ އަސްކަރީ ވެރިޔާ އެގައުމުގެ އިންގިލާބީ ރައީސް އަދި ސިފައިންގެ އިސްކޮމާންޑަރު ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރްހާން ވަނީ ކޮންމެފަދަ އަގެއް ދައްކަންޖެހުނު ނަމަވެސް އާރް.އެސް.އެފް ލަޝްކަރާ ހަނގުރާމަކޮށް، އެ ލަޝްކަރުގެ ހަނގުރާމަވެރިން ބަލިކުރުން ނޫން އިތުރު ގޮތެއް ގައުމަށް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އާރް.އެސް.އެފް ލަޝްކަރަކީ ސިފައިންނަށް ފަސޭހައިން ބަލިކުރެވޭވަރަށްވުރެ މާބިޔަ އަދި މާ ބާރުގަދަ ހަތިޔާރާއި ތަމްރީން ލިބިފައިވާ ލަޝްކަރެކެވެ. ދެފަރާތުގެ ދެމެދުގައި ހަނގުރާމަ ފެށުނީ ވެރިކަމުގެ ކޯޅުންތަކުގެ ސަަބަބުންނެވެ. ބާރުތައް ހޯދުމަށް ކުރާ މަސައްކަތްތަކާއެކު ގޮތްދޫނުކުރުމުގެ ސަބަބުންނެވެ.