22 Apr 2023, 11:54
ބަތަލާ ސޮނަކްޝީ ސިންހާގެ ކެރިއަރުގެ އަލަތު ވެބް ސީރީސް އެމޭޒަން ޕްރައިމްގައި ރިލީޒްކުރާގޮތަށް ނިންމައިފިއެވެ.
"ދަހާދް"ގެ ނަމުގައި ގެނެސްދޭ މިވެބް ސީރީސްއަކީ، ކްރައިމް މިސްޓްރީ ތްރައިލާއެކެވެ. ޒޯޔާ އަޚްތަރް އާއި ފަރްހާން އަޚްތަރުގެ އިތުރުން ޕްރޮޑިއުސަރުންގެ ބޮޑު ޓީމެއް ހިމެނޭ މިވެބް ސީރީސްއަކީ އެކްސެލް މީޑިއާ އާއި ޓައިގާ ބޭބީގެ އުފެއްދުމެކެވެ.
ސޮނަކްޝީއާއި ވިޖޭ ވަރްމާ ލީޑް ރޯލް ކުޅޭ މިސީރީސްއިން ގުލްޝަން ދެވައިއާ އަދި ސޯހަމް ޝާހްވެސް ފެންނާނެއެވެ. "ދަހާދް"ވަނީ މިއަހަރުގެ ކުރީކޮޅު ދަ ބާލިނޭލް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއާކޮށްފައެވެ.
ސޮނަކްޝީ ފުލުސް އޮފިސަރެއްގެ ރޯލް ކުޅޭ މިވެބް ސީރީސްއަކީ މިފަދަ ފިލްމު ފެސްޓިވަލެއްގައި ޕްރިމިއާކުރެވުނު ފުރަތަމަ އިންޑިއާގެ ސީރީސްވެސްމެއެވެ. ސޮނަކްޝީއާއެކު ވެބް ސީރީސްގެ އިންވެސްޓިގޭޓިން ޓީމުން ފެންނާނެ އެންމެ މުހިއްމު އެއް ތަރިއަކީ ގުލްޝަން ދެވައިވާއެވެ. ގޮތް ނޭނގޭ މަރުގެ ހާދިސާތަކެއް ދައްކުވައިދޭ މިސީރީސްގައި ހިމެނެނީ ޖުމްލަ އަށް އެޕިސޯޑެވެ. "ދާހަދް" އެމޭޒަން ޕްރައިމްއިން ޕްރިމިއާކުރުމަށް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ 12ވަނަ ދުވަހުއެވެ.
މީގެކުރިންވެސް ވެބް ސީރީސްތަކުން ފެނިފައިވާ އެކްޓަރު ވިޖޭ ވަރްމާއަކީ، ކްރިމް ތްރިލާ ވެބް ސީރީސްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ކުޑަ ދުވަސްކޮޅެއްގެތެރޭގައި ހޯދި އެކްޓަރެކެވެ. ވިޖޭ އެންމެ ފަހުން ފެނިފައިވަނީ ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "ޑާލިންގްސް"އިންނެވެ.
ވިޖޭ ސޮއިކޮށްފައިވާ އިތުރު ދެ ފިލްމުގެތެރޭގައި، "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަދި "އަފްގާން ސްނޯ" ހިމެނެއެވެ. ސޮނަކްޝީގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްއަށް ތައްޔާރުވެފައިވާއިރު ބަތަލާވަނީ ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީސް "ހީރާ މަންޑީ"އަށްވެސް ސޮއިކޮށްފައެވެ. މި ވެބް ސީރީސްގެ މަސައްކަތް ފެށިފައިވާއިރު ބެލުންތެރިންނާ ހަމައަށް މިސީރީސް ގެނެސްދޭނެ އިރެއް ނޭނގެއެވެ.