ކަލާސްގެ ބިގް ބޮސްއިން ވިދާލި ބަތަލާ އަދި ޕަންޖާބު ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލްއަށް ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ކުރިއަށްއޮތް ފިލްމުން ފުރުސަތު ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަލްމާން ޚާންގެ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"އިން ބޮލީވުޑަށް ތަޢާރަފުވެފައިވާ ބަތަލާ ޝެހެނާޒް ވަނީ މިފިލްމުގެ އިތުރުން ފިލްމީ ކެރިއަރުގައި އިތުރު ފުރުސަތުތަކެއް ލިބިފައިވާކަމުގެ އިޝާރާތެއްވެސްކޮށްފައެވެ.

މީޑިއާތަކަށްދިން އިންޓަވިއުއެއްގައި ޝެހެނާޒްގެ ގިނަ ފޭނުން ދަންނަ ނަމުންނަމަ ސަނާ ބުނެފައި ވަނީ އަރަމުން އަންނަ ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ފިލްމުގައި ސަނާގެ ރޯލް ޝޫޓްކޮށް ނިންމާލިއިރު ރެއާގެ ފިލްމުގައި ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމުގައި ޝެހެނާޒުވަނީ ބުނެފައެވެ. ނަމަވެސް އެފިލްމާ ބެހޭގޮތުން އިތުރު ތަފްސީލު އަދި ދެވެން ނެތްކަމަށްވެސް ޝެހެނާޒުވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އެފިލްމު ރިލީޒްކުރާ ދުވަސް ކައިރިވުމުން ފިލްމާބެހޭ މައުލޫމާތު ހިއްސާކުރާނެކަމަށް ޝެހެނާޒް ބުނެފައިވާއިރު މިފިލްމުގައި ޝެހެނާޒްއާއެކު އެކްޓަރު އަނިލް ކަޕޫރުއާއި ބަތަލާ ބޫމީ ޕެޑްނެކަރު ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ. ރެއާ ކަޕޫރު ޕްރޮޑިއުސްކުރާ މިފިލްމުގައި ރިއާގެ ފިރިމީހާ ކަރަން ބޫލާނީވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ. ރެއާ މިހާރުވެސް އަންނަނީ "ދަ ކްރޫ"ގެ ނަމުގައި ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. މިފިލްމުގެ ލީޑް ރޯލްގެ ތަރިންނަކީ ބަތަލާ ކަރީނާ ކަޕޫރު ޚާން، ކްރިތީ ސެނޮން އަދި ތައްބޫއެވެ.

ސަލްމާން ޚާންގެ ފިލްމުން ޝެހެނާޒްއަށް ފުރުސަތު ލިބުމުގެކުރިންވެސް ބަތަލާވަނީ ޕަންޖާބުގެ ފިލްމުތަކުން ފެނިފައެވެ. ޝެހެނާޒް އެންމެ ފަހުން ކުޅެފައިވަނީ 2021ވަނަ އަހަރު ރިލީޒްކުރި ޕަންޖާބް ފިލްމު "ހޯންސްލާ ރަކް"އެވެ. ކަ

ލާސްގެ ބިގް ބޮސް 13އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާއަކީ އެ ސީޒަން ކާމިޔާބުކުރި ސިދާތް ޝުކުލާއާ ވަރަށް ގާތްގުޅުމެއް އޮތް ފަރާތެކެވެ. ސިދާތްގެ ހަޔާތުގައި ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ޝެހެނާޒްވަނީ ސިދާތްގެ ކުއްލި މަރަށްފަހު ފިލްމީ ދާއިރާއާއި ވަރަށް އެކަހެރި ދުވަސްތަކެއް ހޭދަކޮށްފައެވެ. ދިރިއުޅުމުގައި މިހާރު އާދެވިފައިހުރި މަގާމަށް ވާސިލުވުމަށް އެކްޓަރު ސަލްމާން ޚާންގެ ވަރަށްބޮޑު ހިތްވަރެއް ލިބުނުކަމަށް ޝެހެނާޒްވަނީ ބުނެފައެވެ.