22 Apr 2023, 00:50
ޗެލްސީގެ ކޯޗުކަމުގެ ރޭހުން ވަކިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ޖޫލިއަން ނަގެލްސްމަން ސީދާ ޖަވާބެއް ނުދިނެވެ.
ޗެލްސީއަށް ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތުގެ ދަށުން ނަގެލްސްމަން ހޯދުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް، އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް އައުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ދާދި ފަހުން ރިޕޯޓުތައް ވަނީ ބުނެފައެވެ.
އެކަމުގައި އޭނާގެ ބަހެއް ހޯދުމަށް މީޑިއާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެ ފަހުން އޭނާއާ ކުރި ސުވާލަށް ވެސް ފުރިހަމަ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ޗެލްސީގެ ކޯޗުކަން ގަބޫލުނުކުރާނެ ކަމަށް ވެސް ބުނެފައެއް ނުވެއެވެ.
"ކަމަކަށް އިންކާރުކުރެވޭނީ ވެސް އެކަމަކަށް ކޮމިޓްވެގެން،" 'ސްކައި ސްޕޯޓްސް' އަށް ދިން އިންޓަވިއުއެއްގައި ނަގެލްސްމަން ބުންޏެވެ.
ޗެލްސީން ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ކުރިން އެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކުރުމަށްފަހުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ތޯމަސް ޓުޗެލްގެ ބަދަލުގައި މަގާމާ ހަވާލުވި ޕޮޓާ، މަގާމުން ވަކިކުރީ މިމަހުގެ ކުރީކޮޅެވެ.
ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ގެންނާނެ ކަމަށް ބެލެވޭ ކޯޗުންގެ ތެރެއިން މިހާރު އެންމެ ހަނި ފުރުސަތެއް އޮތީ ވަގުތީގޮތުން މިހާރު ކޯޗުކަމުގެ މަގާމުގައި ހުރި އެކްލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑަށެވެ. ދެން އެ ލިސްޓުގައި ނަގެލްސްމަންއާއެކު ހިމެނެނީ ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ އާއި ޓޮޓެންހަމް އަދި ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯއެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި ދާދިފަހުން ބަޔާންގެ ކޯޗުކަމުން ވަކިކުރި ނަގެލްސްމަން ގުޅޭނީ އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާއާއެވެ.