23 Apr 2012, 15:00
ކުލަބް ވެލެންސިޔާގެ ފަރާތުން ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ނާއިބް ރައީސް ކަމަށް ވާދަކުރުމަށް މިހާރުގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ނިންމައިފި އެވެ. އޭނާ ވަނީ މިކަން ސަންއޮންލައިނަށް ވެސް ކަށަވަރު ކޮށްދެއްވާފައެވެ.
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ، އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
ކްލަބް ވެލެންސިއާ ހިންގެވުމުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކްތަކުރެއްވި ހިޔަލީ އަކީ އައްޑު އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައިވާ ކުޅިވަރުގެ ތަޖުރިބާކާރެކެވެ. އަދި އޭނާ ވަނީ މިއަދު ބާއްވާ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސް ކަމަށް ވެސް ކުރިމަތި ލައްވާފައެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި، މިފަހަރުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން މިހާރު ވެސް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެފައި ވާއިރު، މިހާރުގެ ރައީސް އަލީ އާޒިމް ވެސް ވަނީ ނިއުރޭޑިއަންޓުގެ ފަރާތުން ކުރިމަތި ލުމަށް ނިންމައިފައެވެ.
އަދި މީގެއިތުން އިލްހާމާ އެކު އެފްއޭއެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ރައްޔިތުންގެ މަޖީލިހުގެ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) ކަމަށް ވެސް ސަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި މިފަހަރު އެފްއޭއެމްގެ ރައީސްކަން އިލްހާމް އަހުމަދަށް ލިބިއްޖެ ނަމަ އޭނާގެ ޖެނެރަލް ސެކްރެޓަރީއަކަށް ވާނީ އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރު އަބުދުލް ހަމީދު އަބުދުލްޣަފޫރު (އައްޑޯ) ކަމަށް އިލްހާމްގެ ކެމްޕޭން ޓީމުން ވެސް ވަނީ ބުނެފަ އެވެ.
މިފަހަރުގެ އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީއެއް އެފްއޭއެމް އިން ވަނީ އުފައްދައިފައެވެ.