މެލޭޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާއިން އެގައުމުގެ ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދު ފަށަން ހަމަޖެހިފައިވާ ދަތުރުތަކުގެ ބުކިން ހެއްދުމަށް ހުޅުވާލައިފިއެވެ.

ބަޓިކް އެއާގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ ކޮންސިއާޖް ގްރޫޕުން ބުނީ އެ އެއާލައިންގެ ސޭލްސް، ރިޒަވޭޝަން އަދި ޓިކެޓިންގެ ހިދުމަތް ލިބޭނީ އެ ގްރޫޕުން ކަމަށެވެ.

އެ އެއާލައިނުން މާލެއާއި ކުއަލަލަމްޕޫރާ ދެމެދު ފުރަތަމަ ދަތުރުތައް ބާއްވާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުއްޓުމަށް ފަހު، ދަތުރުކުރާ ގޮތަށެވެ. އެގޮތުން އެ ދަތުރުތައް އަންނަ މަހުގެ 12ގައި ފަށާއިރު، ކޮންމެ ދުވަހަކުވެސް ދަތުރުތައް އޮންނާނެއެވެ.

އެހެންނަމަވެސް އަންނަ ޖޫން މަހުގެ 23ވަނަ ދުވަހުން ފެށިގެން ކުއާލަލަމްޕޫރުން މާލެއަށް ސީދާ ދަތުރުތައް ފަށާނެއެވެ. މި ދަތުރުތައް ކުރާނީ ހަފުތާއަކު ތިން ފަހަރެވެ.

ބަޓިކް އެއާއިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކަށް "އޯލް އިންކްލޫސިވް އިކޮނޮމީ ކްލާސް ޕްރޮމޯޝަނަލް ފެއާ"އެއް ފަށާފައެވެ. އެ ޕްރޮމޯޝަންގެ ދަށުން މާލެ އާއި ކުއަލަލަމްޕޫރާ ދެމެދު ދެކޮޅަށް ކުރާ ދަތުރަކަށް ނަގާނީ 459 ޑޮލަރު (7,045 ރުފިޔާ)އެވެ. މީގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން އެ އެއާލައިނުން މާލެ އާއި ކޮލޮމްބޯއާ ދެމެދު ދެކޮޅަށް ކުރާ ދަތުރަކަށް ނަގާނީ 289 ޑޮލަރު (4،436 ރުފިޔާ)އެވެ.

މި ފެއާގެ ދަށުން 20 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެއެވެ. އަދި، ބިޒްނަސް ކްލާހުގެ ފަސިންޖަރުންނަށް ފުލް ސާވިސް ލިބޭއިރު 40 ކިލޯގެ ބެގެޖް އެލަވަންސް ލިބޭނެއެވެ. އަދި، ބަޓިކް އެއާގެ ކޮންމެ ފްލައިޓް އަކުން ވެސް ދަތުރުމަތީގައި ކެއުމާއި ބުއިމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެއެވެ.

ރާއްޖޭގެ ދަތުރުތަކަށް ބަޓިކް އެއާއިން ބޭނުން ކުރާނީ ބޮއިން 737-8 އަދި 737-800 އެންޖީ މަރުކާގެ ބޯޓުތަކެވެ. އެއީ އިކޮނޮމީ ކްލާސް 150 ގޮނޑިއާއި ބިޒްނަސް ކްލާސް 12 ގޮނޑި ހިމެނޭ ފްލައިޓްތަކެކެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައިނާސްއިން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް ފަށާނެކަން އިއުލާންކޮށްފައެެވެ.