ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޯކިބާ އަދި ދިރާގު ޢީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުޚީބެއް ލިބިއްޖެއެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު ޢީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މިއީ މާލޭގައި މާލެ ސިޓީ ކައުންސިލް އަދި ހުޅުމާލޭގައި އާބަންކޯއާ ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދިރާގުން ވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު ޢީދު ހަދިޔާ ގިފްޓް ޕެކް ވެސް ޢީދު ނަމާދަށް ފަހު ބަހައިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަނީ ދިރާގުން މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ދިރާގު ޢީދު ހަދިޔާ ބެހުމުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ތެރެއިން އިޖުތިމާޢީ ރޫހު އާލާ ކުރުމަކީ އެ ކުންފުނީގެ މުހިއްމު އެއް މަގުސަދު ކަމަށެވެ.

"މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖްތިމާޢީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދު ވެސް ޚާއްސަ ސަމާލުކަން ދޭ ކަމެއް،" ޖައިޝާން ވިދާޅުވިއެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.