22 Apr 2023, 11:27
"މާމަ ބުނީމެއްނު މީ ދަރިފުޅުގެ މަންމަ އެންމެ ފުރަތަމަ ކައިވެނި ކުރަން އުޅުނު މީހާއޭ..." ތަސްވީރުގައި ހުރި ފިރިހެންމީހާ ދައްކައިލަމުން ސަރަފިއްޔާ ވާހަކަ ދެއްކިއެވެ.
********
"އާނ... ހަނދާންވެއްޖެ..." މިޒްޔަލްގެ މޫނުން ފެނުނީ ޝައުގުވެރިކަމެވެ. "މާމަ ބުނިން ދޯ އެމީހާ ނިޔާވީ، މަންމަ ސަލާމަތްކުރަން އުޅެނިކޮންނޭ..."
"މާމަ ބުނަން މިއުޅެނީ، އޭނަގެ ދަރިފުޅާ ބައްދަލުވި ވާހަކަ..." ސަރަފިއްޔާ ވާހަކަ ދެއްކީ މިޒްޔަލްގެ މޫނަށް ވެރިވަމުންދިޔަ އަސަރުތަކަށް ވިސްނައިގެންނެވެ.
"ތީ ހާދަ އުފާވެރި ހަބަރެކޭ... ބޭނުން އެކުއްޖާއާ ބައްދަލުކުރަން..." މިޒްޔަލް އެދުނެވެ. "އަދި އެބައޮތް މާމައަށް ހެޕީ ނިއުސްއެއް ދޭންވެފަ..."
"ދަރިފުޅުމެން ދެކުދިންގެ މައްސަލަ ހައްލުވީތަ؟..." ސަރަފިއްޔާ ހިނިތުންވެލިއެވެ.
"މާމަ ހާދަ މޮޅޭ..." މިޒްޔަލް ސަރަފިއްޔާގެ ގައިގައި ބައްދާލިއެވެ. "ބިންޔާ އެއްބަސްވެއްޖެ ވީ އެންމެ އަވަހަކަށް މެރީކުރަން... މަންމަމެން އައިހާ އަވަހަށް ކައިވެނިކުރަން ބޭނުން... އިންޝާﷲ މާމަ ބޭނުންވި ހުރިހާ ކަމެއް މިފަހަރު ވާނެ..."
"ތީ ވަރަށް އުފާވެރި ހަބަރެއް... ދަރިފުޅު ނާހާނަންތަ އެއީ ކޮން ކުއްޖެއްތޯ؟..." ސަރަފިއްޔާ އަނެއްކާވެސް ކުރީގެ މައުޟޫޢު ނެގިއެވެ.
ސަރަފިއްޔާ ކުއްލިއަކަށް މައުޟޫޢު ބަދަލުކޮށްލުމުން، އެ ކުރި ސުވާލާއިމެދު ވިސްނައިލަން މިޒްޔަލްއަށް މަޖުބޫރުވިއެވެ. މާމަ އެހާ ގިނަފަހަރު އެ ވާހަކަ ދައްކާނީ އޭގެ ފަހަތުގައި ފޮރުވިފައިވާ ސަބަބެއް އޮތީމައިކަން މިޒްޔަލްއަށް ވިސްނުނެވެ. އެއީ ދަންނަ ކުއްޖެއްބާއޭ މިޒްޔަލްގެ ހިތަށް އެރިއެވެ.
"ދަންނަ ކުއްޖެއްތަ އެއީ؟..." މިޒްޔަލް އަހައިލީ ކެތްތެރިކަން ކުޑަ ރާގަކަށެވެ.
"ދަރިފުޅު ކައިވެނިކުރަން ތި އުޅޭ ކުއްޖަކީ އެއީ..." ސަރަފިއްޔާ ބުންޏެވެ.
"ބިންޔާ؟..." މިޒްޔަލްގެ ދެލޯ ބޮޑުވިއެވެ.
ގަބޫލުނުކުރެވިގެން މިޒްޔަލް ސަރަފިއްޔާގެ އަތުން އަލްބަމް އަތުލައިގެން ބެލިއެވެ. ތަސްވީރުގައި ހުރި ފިރިހެން މީހާ ބިންޔާއާއި ވައްތަރުކަން އޭނާއަށް ޔަގީންވިއެވެ. މިޒްޔަލް ފުންމައިގެން ތެދުވިއެވެ. އަލްބަމުން ތަސްވީރު ވަކިކޮށްލައިގެން އޭނާ ގެއިން ނުކުތެވެ.
މިޒްޔަލް ގެއިން ނުކުތްއިރު، ޝިމާޢު ސައިކަލު ޕާކުކޮށްފައި ގެއާއި ދިމާއަށް އަންނަނީއެވެ. މިޒްޔަލް ފެނުމުން، ޝިމާޢު ހުއްޓުނެވެ.
"އެބަޖެހޭ ވާހަކައެއް ދައްކާލަން..." ޝިމާޢުގެ މޫނުން ފެނުނީ ހާސްކަމެވެ.
"މިހާރުތަ؟..." މިޒްޔަލް އަހައިލިއެވެ.
"އާޖެންޓް..." ޝިމާޢު ބުންޏެވެ.
"އެތެރެއަށް ވަންނަމާ..." މިޒްޔަލް އެދުނެވެ.
"އުހުނ... ކަމަކުނުދާނެ... ރެސްޓޯރެންޓަށް ދާނީ..." ދައްކަންޖެހޭ ވާހަކައިގެ ބާވަތުން ގެއަށް ވަންނާކަށް ޝިމާޢު ބޭނުމެއް ނުވިއެވެ.
********
ފުލުހުން އާސިފު ހައްޔަރުކުރީ، ކުށުގެ ވެށިންނެވެ. ރިޝްވަތު ދިނުމާއި، މާރާމާރީ ހިންގުމުގެ ކުށުގެ އިތުރުން މަސްތުވާތަކެތި ގެންގުޅުމުގެ ކުށް، އާސިފުގެ މައްޗަށް ސާބިތުވިއެވެ.
ބިންޔާއަށް އެ ހަބަރު ލިބުނީ ނުދަންނަ ނަންބަރަކުން މީހަކު ގުޅާފައި ބުނުމުންނެވެ.
"ތީ ކާކު؟..." ބިންޔާ އެމީހަކާއި ސުވާލުކުރިއެވެ.
"މީ ކާކުތޯ ބެލުމުގެ މުހިއްމު ކަމެއް ނެތް... މުހިއްމީ، ތިކުއްޖާއަށް ލިބުނު އަނިޔާގެ ބަދަލު ހޯދުމެއްނު... ބޭނުންތަ އަހަރެންގެ ހެލްޕް؟..." އެމީހަކު ބުނެލިއެވެ.
"އަހަރެން ނުވެސް ދަންނަ މީހަކު އަހަންނަށް އެހީވާންވީ ކީއްވެ؟..." ބިންޔާ ހުރީ ޝައްކެއްގެ މަތީގައެވެ.
"ހީކޮށްލާ ދަރަންޏެއް އަދާކުރަނީއޭ...." އެމީހެއްގެ އަޑުގައި ކޮންމެވެސް ވަރަކަށް ރިހުމުގެ އަސަރު އެކުލެވިގެން ވިއެވެ. "ތިގޭ ދޮރުމަތީ އިންނާނެ ފޮށްޓެއް... އާސިފަށް ދުވަހަކު ޖަލުން މިނިވަން ނުވެވޭނެ ވަރުގެ ހެކި ހުންނާނެ އޭގަ..."
ބިންޔާ ގެއިން ނުކުތްއިރު، ދޮރުމަތީގައި ފޮށްޓެއް އިނެވެ. ފޮށީގެ ބޭރުގައި އެއްވެސް އެއްޗެއް ޖަހާފައެއް ނުވެއެވެ.
ބިންޔާ ފޮށި ހުޅުވީ، ދެ ފިކުރެއްގައި ހުރެފައެވެ. ފޮށީގައި އޮތީ ކެމެރާއަކާއި، މެމޮރީ ކާޑެކެވެ.
"މެމޮރީކާޑުގަ ހުންނާނީ އަހަރެން އާސިފުގެ ގޭގަ ހަރުކުރި ސްޕައި ކެމެރާއަކަށް ރިކޯޑުވެފަ ހުރި މަންޒަރުތަކެއް... ތީގަ އޮތް ކެމެރާއަކީ އާސިފު ގެންގުޅުނު އެއްޗެއް... ބިންޔާ ބްލެކްމެއިލް ކުރަން އޭނަ ގެންގުޅުނު ހުރިހާ ތަސްވީރެއް ހުރީ ތި ކެމެރާގަ..." އެމީހަކު ތަފްސީލް ދިނެވެ.
"އެކަމަކު އަހަރެން އެ ކެމެރާ ނެގިން..." އެއްޗެއް ހަނދާންވާ ފަދައިން ބިންޔާ ބުންޏެވެ.
"ބިންޔާ ނެގީ އޭނަ ގެންގުޅުނު ދެވަނަ ކެމެރާ... ތި ކެމެރާ ނެގީ އަހަރެން..." އެމީހާ ބުނެލިއެވެ.
"ތީ ކާކު؟..." ބިންޔާ ހުރީ ސުވާލުތަކުން ހިތް ފުރިފައެވެ.
އެމީހަކަށް ބިންޔާ އެހާ ރަނގަޅަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހާ ކުރީއްސުރެ އާސިފާއި ބިންޔާގެ ހަރަކާތްތައް ބެލީ ކީއްވެ ހެއްޔެވެ؟ ބިންޔާ ހައިރާންވެފައި ހުއްޓާ، ފޯނުގެ އަނެއްކޮޅުން ދަންނަ އަޑެއް އިވުނުހެން ހީވިއެވެ. އެއީ އެމީހެއްގެ މަންމަގެ އަޑުކަން ބިންޔާއަށް ޔަގީންވިއެވެ.
"ސަލާހު؟..." ބިންޔާއަށް ބުނެވުނެވެ.
ބިންޔާގެ އަޑާއިއެކު އެކޮޅުން ފޯނު ކަނޑައިލި އަޑު އިވުނެވެ. ބިންޔާ ހުއްޓާނުލައި އެމީހަކަށް ގުޅަން ފެށިއެވެ. އެތައް އިރެއް ފަހުން ސަލާހު ފޯނު ނަގައި ހަލޯއޭ ބުނި އަޑު އިވުނެވެ.
"ކީއްވެ އަޑު ބަދަލުކޮށްގެން ވާހަކަ ދެއްކީ؟..." ބިންޔާ ފުރަތަމަވެސް ކުރީ ސުވާލެކެވެ.
"އަހަރެންގެ އެހީ ބިންޔާ ބޭނުން ނުވެދާނެތީ ސިއްރުކުރަން މަޖުބޫރުވީ..." ސަލާހު ހުރީ ދެރަވެފައެވެ. "އަހަރެން ގަބޫލުކުރަން އަހަންނަކީ ނުވިސްނޭ މޮޔަ މީހެއް ކަން... އަހަރެން އާސިފުގެ ގޭގަ ކެމެރާ ހަރުކުރީ ބިންޔާއަށް ޝައްކުކޮށްގެން... ފިރިހެނެއްގެ ގެއަށް ބިންޔާ ވަންނާތީ، އެގޭގަ ކުރަނީ ކީއްތޯ ބަލަންވެގެން..."
"ތީ މިހާތަނަށް ސަލާހުކުރި އެންމެ ރަނގަޅު ކަންތައް..." ބިންޔާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. "އަހަރެން ސަލާހަށް މާފުކޮށްފިން..."
ފޯނު ބޭއްވިއިރު، ބިންޔާގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ލިބިފައިވާ ހެކީގެ އެހީގައި، ބިންޔާއަށް އިންސާފު ހޯދިދާނެއެވެ. އާސިފަށް ހައްގު އަދަބު ދެވޭނެއެވެ. އެއީ އޭނާ އެދިއެދިހުރި ފުރުސަތެކެވެ.
********
ޝިމާޢުގެ ވާހަކަތައް އަޑު އަހަން އިން މިޒްޔަލްއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލެވުނެވެ. އެނގިގެންދިޔަ ހަގީގަތްތަކެއްގެ ސަބަބުން އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ. ބިންޔާއާއި ގުޅިގެން އަމަން ދެއްކި ވާހަކަތަކާއި ނާޒިރާގެ އެދުމުގެ މަތިން މީރާ ކުރި ކަންތަކުގެ ވާހަކަ ޝިމާޢު މިޒްޔަލްއާއި ހިއްސާކުރިއެވެ. މިޒްޔަލް ހިންހަމަނުޖެހުނީ ހަގީގަތް އެނގިހުރެ، ޒަޔާން އެކަންކަން ސިއްރުކުރުމުންނެވެ.
"ބިންޔާގެ ކޮންމެ މާޒީއެއް އޮތަސް، އަހަރެންގެ ފަރުވާލެއް ނެތް... އަހަރެން އޭނަ ދޫކޮށެއް ނުލާނަން... އަހަރެން މިހުރީ އަމިއްލަ ނަފުސަށް ވައުދެއް ވެގެން... މިހާރު އަމަންއަށް އެހެން ވިސްނުނަސް، އޭނަ ފަހުން އޯކޭވާނެ... އަހަންނަށް އަމަންގެ ގޮތް އެނގޭ... އަހަރެން މީރާއަށްވެސް މާފުކޮށްފިން... އެކަމަކު، ޒަޔާނާ އޭނަގެ މަންމައަށް މާފެއް ނުކުރެވޭނެ..." މިޒްޔަލް ދެފަރާތަށް ބޯ ހޫރައިލިއެވެ.
ޒަޔާނުގެ ކުށެއް ނެތްކަން ވިސްނައިދޭން ޝިމާޢު އެތައް ވާހަކައެއް ދެއްކިއެވެ. މިޒްޔަލް އިނީ އެއަށްވުރެ ހިތްހަމަނުޖެހިފައެވެ. އެއީ ޒަޔާންގެ މަންމަގެ ސަބަބުން ބިންޔާގެ ފުރާނައަށް ނުރައްކާވިކަން އެނގުމުންނެވެ.
"ޒަޔާނޭ އެކަން ހުއްޓުވީ މިޒްޔަލް... ޒަޔާން ނުހުއްޓުވިނަމަ، ނޭނގެއެއްނު މިއަދު ތިމީހުން ދުނިޔޭގަ ތިބޭނެކަމެއްވެސް..." ޝިމާއު ބުނެދިނެވެ.
"އަހަރެންގެ މަންމަގެ ދިރިއުޅުން ހަލާކުކޮށްލާފަވެސް އެމީހުންގެ ހިތް ނުފުރުނީ ކީއްވެތަ؟... ހުރިހާ މުދަލެއް ބޭނުންވީތަ؟... އެވާހަކަވެސް އަހަރެން ކައިރީ ބުނެލީމަ ދޯ އެނގޭނީ..." މިޒްޔަލްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ.
"މިޒްޔަލް... ހަމަޖެހިބަލަ..." ޝިމާޢު ހާސްވީ މިޒްޔަލްގެ މޫނުން ފެނުނު ރުޅިވެރިކަމެއްގެ ސަބަބުންނެވެ. އެ ރުޅީގައި އޭނާ މީހަކަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ފަހުން ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ވާކަށް ޝިމާޢު ނޭދެއެވެ.
********
ބިންޔާ އަމަންއާއި ބައްދަލުކުރީ ރެސްޓޯރެންޓަކުންނެވެ. އަމަންއަށް ގުޅީ ބިންޔާއެވެ. ބައްދަލުކުރަން އެދުމުން، އަމަން ވަގުތުން އެއްބަސްވިއެވެ. މިޒްޔަލްގެ މަންމައަށް ގެއްލުން ދިން އާސިފަށް ހައްގު އަދަބު ދޭން އޭނާވެސް ބޭނުންވެއެވެ. ވީއިރު، އެފަދަ ފުރުސަތަކަށް އެއްބަސް ނުވާންވީ ސަބަބެއް ނެތެވެ. ކުނިމޫނު ދައްކައިގެން އިނަސް، ރީތިކޮށް ވާހަކަ ދެއްކޭތޯ އަމަން މަސައްކަތް ކުރިއެވެ.
"މިހުރީ ހެކި... އަމަން ނޫނީ އަހަރެން އިތުބާރު ކުރާ އެހެން ޕޮލިހެއް ނެތް..." ކެމެރާއާއި މެމޮރީކާޑު މޭޒުމަތީގައި ބާއްވަމުން ބިންޔާ ބުނެލިއެވެ.
"ކީއްވެ އަހަންނަށް އިތުބާރު ކުރަނީ؟... ކިހިނެއް އަހަރެންގެ ގޮތް އެނގެނީ؟..." އަމަންގެ މޫނުން ފެނުނީ މަލާމާތުގެ ހިނިތުންވުމެކެވެ.
"އަމަން ތީ ވަޒީފާއަށް އިސްކަންދޭ މީހެއްވީމަ...." ބިންޔާ ބުންޏެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އަމަން އިރުކޮޅަކު އިނެވެ. ބިންޔާ ބުނީ ތެދެކެވެ. އަމަންއަށް އަބަދުވެސް އިސްވަނީ އޭނާގެ ވަޒީފާއެވެ. މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތްކުރުމަކީ އޭނާގެ ވާޖިބެކެވެ. ވަޒީފާގެ މާހައުލުގައި އަމަންއަކީ އިންސާފަށް ލޯބިކުރާ މީހެކެވެ.
"އަހަރެން ތިކަން ކޮށްފިއްޔާ ބަދަލުގަ ކޮންކަމެއް ކޮށްދޭނީ؟..." އަމަން ވިސްނައިލާފައި ސުވާލު ކުރިއެވެ. "އާސިފަށް ހައްގު އަދަބު ލިބޭނެ... ބިންޔާ މިނިވަންވާނެ... އޭގެ ފަހުން؟..."
"ކޮން ކަމެއް އަމަން ބޭނުންވަނީ؟..." ބިންޔާ ސުވާލުކުރިއިރު، އޭނާގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ.
"ސިމްޕަލް.... މިޒްޔަލްގެ ލައިފުން ބިންޔާ ދިއުން..." އަމަން ބުނިހެން އޭނާގެ ޖުމުލަ ކުރެވެ. އެކަމަކު، އެ ޖުމުލައިން ބިންޔާގެ ހިތުގައި އެޅީ ކިހާ ވޭނެއްކަމެއް އަމަންއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
"އެއްބަސް ނުވަންޏާ، އަހަންނަށްވެސް މިކަން ކުރެވޭކަށް ނެތް... އޮންނަ ޕްރޮސީޖާގެ ތެރެއިން ކަންކަން ކުރިއަށް ގެންދޭ..." ބިންޔާ މޭޒުމަތީގައި ބެހެއްޓި ތަކެތި އަނބުރާ ބިންޔާގެ ކައިރިއަށް ޖައްސަމުން އަމަން ބުންޏެވެ.
"ނޫން..." ބިންޔާއަށް ބުނެވުނެވެ. "އަމަން ކީއްވެ އަހަރެންދެކެ ތިހާ ރުޅި އަންނަނީ؟..."
އަމަން އޭނާގެ ހިތުގައި ހުރި ހުރިހާ ވާހަކައެއް ކިޔައިލިއެވެ. ބިންޔާގެ މަންމަގެ ވާހަކައާއި، މިޒްޔަލްގެ މަންމައަށް ހެދިގޮތުގެ ވާހަކަވެސް މެއެވެ. އަދި އާސިފުގެ އަތްދަށުވެ ބިންޔާއަށް ދިމާވި ހިތާމަވެރިގޮތް އެނގޭކަމުގައި ބުންޏެވެ. އިއްފަތްތެރިކަމެއްނެތް އަންހެންކުއްޖަކަށް މިޒްޔަލްއަށް ދެވޭނެ އުފަލެއް ނޯންނާނެކަމުގައި ބުނުމުން، ބިންޔާގެ ހިތް ފަޅައިގެން ދާން އުޅުނެވެ.
"އެއްވެސް އެކުވެރިއަކު ބޭނުމެއް ނުވާނެ އޭނަގެ ރައްޓެއްސަކު ގޯސް ބައިވެރިއަކު ހިޔާރުކުރާކަށް..." އަމަންގެ އަޑުގައި އޯގާތެރިކަމެއް ނެތެވެ.
ޖެހި ބުދެއްހެން ބިންޔާ އިނީ ގުޑިލަންވެސް ނޭނގިފައެވެ. އެނގުނު ހަގީގަތެއްގެ ސަބަބުން، އޭނާ ދެން މިޒްޔަލާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަމަން ހުރިހާ ވާހަކައެއް މިޒްޔަލްއަށް ކިޔާދީފިއެވެ. ހުރިހާ ގޮތަކުން އޭނާ ވަނީ ކުށްވެރިވެފައެވެ. މިޒްޔަލްގެ މަންމަ އަޅުވެތިކޮށް އުޅުނު ހިތްދަތި މަންޒަރު ފެނިމެ، އެކަމަށް އެއްވެސް ހައްލެއް އޭނާއަކަށް ހޯދައެއް ނުދެވުނެވެ. އެހީވާން ކުރެވުނު ކަމެއް ނެތެވެ. އެ ހުރިހާ ކަމަކާއިއެކު، އޭނާގެ މަންމަ އެވަނީ، މިޒްޔަލްއަށް ލިބެން އޮތް މައެއްގެ ލޯބިވެސް ފޭރިގަނެފައެވެ. އެވަރުން ނިމުނީކީ ނޫނެވެ. މިޒްޔަލްގެ މަންމަ އަޅުވެތިކޮށް، އެތައް އަނިޔާއެއްވެސް ދިނީއެވެ.
ބިންޔާގެ ބޮޑު ދެލޮލުން ހޯސްލާފައި އޮހެންފެށީ ތާޒާ ކަރުނައެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުންވެސް މިޒްޔަލްއާއި ކުރިމަތިލާނެ ހިތްވަރެއް ދެން ބިންޔާގެ ގަޔަކު ނެތެވެ. އަމަންގެ ހިތުގައި ރަހުމު އުފެދުނެވެ. އޭނާ ހުރިހާ ވާހަކައެއް ދެއްކީ ކޮންމެހެން ބިންޔާ ދެރަކުރުމުގެ މަގުސަދުގައެއް ނޫނެވެ. އޭނާގެ އެކުވެރިޔާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. އެ ހަޔާތުން ބިންޔާ ބޭރުކޮށްލެވޭނީ އެފަދަ ގޮތަކުންކަން އެނގޭތީއެވެ.
"އަހަރެން މިބުނަން އުޅޭ އެއްޗަކީ..." އަމަން އެއްޗެއް ބުނަން އުޅުނެވެ. އޭގެކުރިން ބިންޔާ ވާހަކަ ދައްކަން ފެށިއެވެ.
"އެންމެ ރަނގަޅު... ތިކަންތައް ކުރިއަށް ގެންދޭ... އަމަން ބޭނުންވި ކަންތައް އަހަރެން ކޮށްދޭނަން..." ބިންޔާ ނުކުމެގެން ދިޔައީ އަމަން ބޭނުންވި ޖަވާބު ދީފައެވެ.
އެކަމުން އަމަންއަށް އުފަލެއް ނުލިބުނެވެ. ގަބުވެފައި އޭނާ އިރުކޮޅަކު އިނެވެ. ކުރެވުނީ ކުށެއް ހެން އަމަންއަށް ހީވާން ފެށިއެވެ. އޭނާ ބާރުބާރަށް ހިނގާފައި ނުކުތްއިރު، ބިންޔާ ފެންނަންވެސް ނެތެވެ.
(ނުނިމޭ)