މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީނުލް އިސްލާމް (29 އަހަރު)، މިއަދު، މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަމީނުލް މަރުވިކަން ޑޮކްޓަރު ކަނޑައަޅާފައިވަނީ މިއަދު މެންދުރު ފަހު 2:10 ގައެވެ.

އެ ރަށު ހެލްތް ސެންޓަރާ ހަވާލާދީ އެ ޚިދުމަތުން ބުނީ އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށެވެ.

އަމީނުލް އިސްލާމަކީ ބަދުއަޙްލާޤީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށް ވެސް އެ ޚިދުމަތުން ވަނީ ބުނެފައެވެ.