މުސްލިކަމަކު ހެޔޮ އަމަލެއް ކުރުމަށްފަހު، އެންމެ މުހިއްމުކަމަކީ އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި އެކުރެވުނު ހެޔޮ އަމަލުތައް ކުރުން މަތީ ދެމިހުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައި ވަނީ ނިމިދިޔަ ރޯދަމަހުގައި ކުރި ހެޔޮ އަމަލުތަކުގެ މަތީގައި އަބަދުވެސް ދެމިތިބުމުގެ މުހިއްމުކަމާއި މަތިވެރިކަމުގެ މައްޗަށެވެ. އެގޮތުން ފުރިހަމަ މުއުމިނަކު ދުވަހަކު ވެސް ހެޔޮ އަމަލުކުރުމަށް އަލްވަދާއު ނުކިޔާނެ ކަމަށާއި އެހެންވެ، މުސްލިމުންގެ މައްޗަށް އަބަދުވެސް އޮތީ، ހެޔޮ އަމަލުކުރުން މަތީގައި ދެމިހުރުން ކަމަށް ޚުތުބާގައި ބުންޏެވެ.

"މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި އަޅުކަން ކުރަން ޖެހޭ ބައެއް ނޫނެ. މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަން ކުރަން ޖެހޭނެ. ބައެއް މޫސުން ތަކުގައި އަޅުކަން ކުރުން ގިނަވޭ. ރަމަޟާން މަހަކީ އެފަދަ މޫސުމެއް. އެއީ އެ މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެ. އަދި އެ މަސް ނިމުނީމަވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މުސްލިމަކު ހެޔޮ ކަމެއް ކުރުމަށްފަހު އެންމެ މުހިއްމުކަމަކީ އެ އަމަލު ގަބޫލުކުރައްވާތޯ ދެންނެވުމާއި އެ ކުރެވުނު ހެޔޮ އަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީގަށް އެދި ދުއާ ދެންނެވުން ކަމަށެވެ. ރަމަޟާން މަސް އަލްވަދާއު ކީއިރު، ޝައްވާލް މަހުގެ ހަ ރޯދައިގެ މަތިވެރިކަން ފާހަގަކުރައްވައި މިއަދު ހުކުރު ޚުތުބާގައި ވަނީ، ހެޔޮ ކަމަށް އެދޭ މީހަކަށްވެ، އެ ނިއުމަތުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައެވެ.

ރަމަޟާން މަހު އަޅުކަން ކުރުމުގައި ފަރުވާކުޑަކުރެވުނު މީހުންނަށް ހާއްސަކޮށް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވީ، ގިނަގިނައިން ތައުބާވެ، ﷲއަށް އިސްތިޣުފާރު ކުރުމަށެވެ. އިސްތިޣުފާރު ކުރުމަކީ ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ.

"އެކަލާނގެ އެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވައި ފާފަ ފުއްސަވާ ރަސްކަލާނގެއެ. އެކަނލާގެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވާ ފާފަ ފުއްސަވާ ރަސްކަލާނގެއެ. އެކަލާނގެއީ، އެކަލާނގެ ކޯފާއަށްވުރެ، ރަހުމަތް ތަނަވަސް އެކަލާނގެ ޒާތުފުޅަށް ރަހުމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެއެ،" ޚުތުބާގައި ބުންޏެވެ.

ނިމިދިޔަ ރަމަޟާން މަހު އަމަލުތައް ހުރިގޮތާމެދު ވިސްނައި، ގަވާއިދުން ބަރާބަރަށް ފަރުޟު ނަމާދުކުރެވުނު ކަމުގައި ވާނަމަ އެ ނަމާނުތައް ކުރުން ރަމަޟާން މަހަށް ފަހުގައި ވެސް ދެމެހެއްޓުމަށް ޙުތުބާގައި ވަނީ އެދިފައެވެ. އަދި ހެޔޮ އަމަލުކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނު ނަމަވެސް ހުއްޓައި ނުލައި ކުރިއަށް ދިއުމަށް މިއަދުގެ ޙުތުބާގައި ވަނީ އެދިފައެވެ.

ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށާއި ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ. އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާތިލުވެގެން ހިނގައިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންވެ، ހެޔޮކަމެއް ކުރެއްވިޖެނަމަ އޭގެ ފަހުގައި އެ އަމަލުތައް ކުރުންމަތީގައި ދެމިތިބެން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރިއެވެ.