21 Apr 2023, 13:32
އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއަށް ކުޅުންތެރިން ގެނައުމުގައި އަދި މާލީ ގޮތުން އެ ޓީމުން އޮޅުވާލައިފައިވާކަމަށް ނިންމައި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިޓާލިއަން ލީގުގައި އެ ޓީމު އަތުން އުނިކުރި 15 ޕޮއިންޓު އަލުން އެ ޓީމަށް ދީފިއެވެ.
މީގެ ތިން މަސް ކުރިން އިޓަލީގެ ފުޓުބޯޅަ ފެޑްރޭޝަނުން ޔުވެންޓަސްއަށް އެ އަދަބު ދިނީ 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އެ ކުލަބަށް ގެނައި ކުޅުންތެރިން ގެނައުމުގައި މަކަރު ހަދައިފައިވާކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ބެލުމުން ފާހަގަވި ކަންކަމާ ގުޅިގެންނެވެ.
އެ ކުލަބަށް ގެނައި ކުޅުންތެރިންގެ އިމޭޖްރައިޓްސްއިން ލިބޭ އާމްދަނީ އޮޅުވާލާފައިވާކަމަށް އިޓަލީގެ ފުޓުބޯޅަ ފެޑްރޭޝަނުން ކުރި ތަހުގީގުން އޭރު ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ އެ ކުލަބުން ވަނީ ފޭކު ބިލް ތަކެއް ވެސް ހުށަހަޅާފައި ކަމަށެވެ.
ޔުވެންޓަސްގެ އެ މައްސަލަ ބަލަން ފެށުމާއެކު އެ ކުލަބުގެ މެނޭޖުމަންޓު އެއްކޮށް ވަނީ އިސްތިއުފާ ދީފައެވެ. ނަމަވެސް އެ ތަހުގީގު ނިންމައި އިޓަލީގެ ފުޓުބޯޅަ ފެޑްރޭޝަނުން ވަނީ މެނޭޖުމެންޓުގެ ބައެއް މެންބަރުންނަށް ވެސް އަދަބު ދީފައެވެ.
ނަމަވެސް ޔުވެންޓަސްއިން އަލުން އެ މައްސަލަ ބަލައިދިނުމަށް އިޓަލީގެ ފުޓުބޯޅަ ފެޑްރޭޝަނަށް ހުށަހެޅުމުން އެ މައްސަ އިތުރަށް ބެލުމަށްފަހު އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާއަށް ހުށަހަޅާފައިވާ ހެކިބަހަށް ފަހު ވަގުތީ ގޮތުން އުނިކުރި ޕްއިންޓު ދޭން ނިންމާފައިވާ ކަމަށެވެ.
ޔުވެންޓަސްއަށް އުނިކުރި ޕޮއިންޓު ދިނުމާ ހަމައަށް އެ ޓީމު އޮތީ ތާވަލުގެ ހަތް ވަނައިގައެވެ. ނަމަވެސް އަލުން 15 ޕޮއިންޓު ދިނުމާއެކު އެ ޓީމު ވަނީ ތާވަލުގެ ތިން ވަނައަށް ޖެހިލައިފައެވެ. އެ ޓީމު ތިން ވަނައިގައި އޮތީ 30 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ.