ކޮމަންވެލްތުން ވަކި ވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރަށް ތާއީދުކުރާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލެއްވުމާއި ގުޅިގެން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ބައެއް މެންބަރުން ގޮވާލާފައިވާތީ އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގަ އާއި ރާއްޖެއަށް ދިމާވި އެކި އެކި ކަންކަމުގައި ކޮމަންވެލްތުން ގިނަ އެހީތެރިކަން ދީފައިވާ ކަމާށާއި މިހާރުވެސް ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމަށް ހައްލު ގެންނަން ކޮމަންވެލްތުން އިސް ދައުރެއް އަދާ ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް ކޮމަންވެލްތުން ވެދޭ އެހީތެރިކަމަކީ ކޮމަންވެތްގެ ގައުމަކަށްވާތީދޭ އެހީތެރިކަން ކަމަށާއި އެ ޖަމާއަތުން ރާއްޖެ ވަކި ވެއްޖެ ނަމަ ނުވަތަ ރާއްޖެ ވަކި ކޮށްފި އޭގެ ގެއްލުންތައް ރާއްޖެއަށް ލިބޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި ވިދާޅުވީ 54 ގައުމު ހިމެނޭ ކޮމަންވެލްތުން ރާއްޖެއާއިމެދު އަޅާ ފިޔަވަޅެއްގެ ސަބަބުން ވަކި ވަކި ގައުމުތަކުން ވެސް ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"ކޮމަންވެލްތުން ވަކި ވެއްޖެޔާ މި ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ގައުމަށް ނިމުމަކަށް އައީ. އަޅުގަނޑުމެން އެކަހަރި ވީ. ކޮމަންވެލްތް ބަހަކީ މުޅި ދުނިޔޭން ގަބޫލުކުރާނެ ބަހެއް. ބައިނަލް އަގުވާމީ ހުރިހާ ޖަމާއަތްތަކުން، ޔޫރިޕިއަން ޔޫނިއަން އިން، އދ އިން. ކޮމަންވެލްތްގެ ބަޔާނުގައި ވެސް ބުނެފައި އެބައޮތް އެބޭފުޅުން މަސައްކަތް ކުރަނީ މި ހުރިހާ ދިމާތަކެއް އެކުއެކީގައި ކަމަށް. އެހެންވީމަ ކޮމަންވެލްތަކީ ދިވެހި ރާއްޖެ ނިސްބަތްވާ މިފަދަ ބޮޑު ޖަމާއަތަކަށްވާތީ ކޮމަންވެލްތްގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކުން ވެސް ބަލާނެ،" އެނާ ވިދާޅުވި އެވެ.

ރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ކޮމަންވެލްތުން ދިނުމާއި ގުޅިގެން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މާފަންނު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ރަޝީދު ރައްޔިތުން މަޖިލީހަށް މިއަަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަފުޅު ދެއްކެވި ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.