ޔޫއެފާ ޔޫރޮޕާ ލީގުގައި ޕޯޗުގަލްގެ ސްޕޯޓިން ބަލިކޮށް އިޓަލީގެ ގަދަބާރު ޔުވެންޓަސްއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫރޮޕާ ލީގުގެ ސެމީއަށް ޔުވެންޓަސް ދަތުރުކޮށްފައިވަނީ އެގްރިގޭޓް ނަތީޖާއިން ސްޕޯޓިންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޔުވެންޓަސްއިން ވަނީ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި 2-0 ގެ ނަތީޖާއަކުން ސްޕޯޓިން ބަލިކޮށްފައެވެ. އަދި ރޭ ސްޕޯޓިންގެ ދަނޑުގައި ކުޅުނު އެ މުބާރާތުގެ ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ނުވަ ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ޔުވެންޓަސްގެ ފެޑްރީކޯ ޗިއޭސާ ނެގި ކޯނަރަކުން އެ ގޯލު ޖެހީ އެޑްރިއެން ރެބިއޮޓްއެވެ.

އޭގެ 10 މިނެޓު ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ސްޕޯޓިންއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ސްޕޯޓިންގެ މެނުއަލް އުގާޓޭއަށް ޔުވެންޓަސްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން މާކޮސް އެޑުވާޑް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ސްޕޯޓިންއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ސްޕޯޓިންގެ ރިކާޑޯ އެސްގަޔޯ ޔުވެންޓަސްގެ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޮސްފައިވަނީ ގޯލާ އަމާޒުނުވެއެވެ.

މެޗުގެ ފަހު މިނެޓުގައި ސްޕޯޓިންގެ ކެޕްޓަން ސަބިސްޓިއަން ކޯޓޭސް ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނީލޯއެވެ.

އެ މޮޅާއެކު ޔުވެންޓަސް ޔޫރޮޕާ ލީގު ސެމީއަށް ދަތުރުކޮށްފައިވާއިރު ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސެވިއްޔާއާއެވެ.