23 Apr 2012, 14:32
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރަށް ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ މިނިވަން މުސްތަގިއްލު ތަހްގީގެއް ކުރުމަށާއި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ގޮވާލި ގޮވާލުމަށް މިހާރުގެ ސަރުކާރުން އިޖާބަ ނުދީ ހަރުކަށި ވުމުގެ ސަބަބުން، ސީމެގުން އަޅާ ހަރުކަށި ފިޔަވަޅަކުން ރާއްޖެ އަށް ނިކަމެތި ކަމެއް ކުރިމަތިވެދާނެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރަން ނޭނގޭބަޔަކާ ގުޅުން ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއްނޫން ކަމަށެވެ. އެހެންކަމުން ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަނީ ކޮމަންވެލްތުން ވަކިވަން. އަދުލު އިންސާފު ގާއިމްކުރަން ނޭނގޭބަޔަކާ ގުޅުން ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއްނޫން. ރައީސް އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނަށް ލަފައާއި މަޝްވަރާ ދިނުމަށް ސަރުކާރުން ގޮވާލާފައި ވަނިކޮށް އެއްވެސް ކަމަކަށް ބެލުމެއްނެތި ކޮމަންވެލްތުން ދަނީ ހަރުކަށި އިންޒާރު ދެމުން. ދެން އަޅުގަނޑުމެން އިތުރަށް ކޮމަންވެލްތާ ގުޅުން ބަދަހި ކުރާނީ މަޖިލީޙުން ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ފަހުގައި ދިރާސާތަކެއް ކުރުމަށްފަހުގައި،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ރިޔާޒު ރަޝީދުގެ އެ ގޮވާލުމަށް ތާއީދު ކުރައްވަމުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު ވިދާޅުވީ، އދ. އާއި އެމެރިކާ އާއި އިންޑިޔާގެ އިތުރުން އެހެން ހުރިހާ ގައުމުތަކުން ރާއްޖޭގެ މިހާރުގެ ސަރުކާރު ގަބޫލުކޮށްފައިވާ އިރު، އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލުމުގެ އެއްވެސް ހައްގެއް ސީމެގަށް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެގޮތަކީ މިވަގުތައް އެންމެ ރަނގަޅު ގޮތްކަމަށް ސަރުކާރަށް ވިސްނި ވަޑައިގަންނަވާ ނަމަ މަޖިލީހަށް ހުށަހަޅައިގެން ކޮމަންވެލްރުން ރާއްޖެ ވަކިވުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމަންވެލްތުން މިވަގުތު ރާއްޖެ ވަކި ވުމަކީ މިވަގުތު ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ސަރުކާރަށް ވިސްނިވަޑައިގަންނަވާ ކަމަށް ވާނަމަ މަޖިލީހުން އެގޮތަށް ފާސްކޮށް އެކަން ކުރުމަށް ތާއީދުކުރަން. ގައުމުގެ އިސްތިގުލާކު ވިއްކާލައިގެން ދިވެހިންނަކީ ބޭރު ގައުމެއްގެ އަތްދަށަށް ދާނެ ބައެއް ނޫންކަން ވޭތުވެ ދިޔަ 850 އަހަރުގެ ތާރީހުގައި އޮތީ ފެންނަން. އެހެންކަމުން ސީމެގެއް ނުވަތަ އެހެން ފަރާތަކަށް ބޯލަނބާކަށް ނުޖެހޭ. އަޅުގަޑުމެން ބޯލަނބަން ޖެހޭނީ އިސްލާމްދީނާއި ގާނޫނ ުއަސާސީއަށް. ސީމެގަކީ މިގައުމުގެ ދީން ހަލާކުކޮށްލަން ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވެސް ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރިޔާޒު ރަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"މިއަދުން މިއަދަށް ދިވެހި ދައުލަތަށް ގޮވާލަން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެމަތިން ކޮމަންވެލްތުން ވަކިވާން. ވަރަށް ސާފުކޮށް މިދަންނަވަނީ ކޮމަންވެލްތުން ވަކިވާން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދިވެހި ދައުލަތާ ހަވަލުވެވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އަޅުގަނޑު ގޮވާލަން. ސުވާލަކީ އަޅުގަނޑުމެންގެ ދާހިލީ ކަންކަމަށް ވަނުން. ގާނޫނު އަސާސީގައި ކަންކަން ބުނެފައިވާ އިރު، ގައުމީ ތަހްގީގެއް ނުނިމެނީސް އެމީހުންނަށް "ސީމެގަށް" އެނގޭ، ގޮތްނިންމަން. ނުކެރޭނެ އެކަން ކޮށްލާކަށް ކޮމަންވެލްތު ނޫންން ކޮންމެ ގައުމަކުން ގޮވާލިއަސް 2013ގެ ކުރިއަކުން ރާއްޖޭގައި އިންތިހާބެއް ބޭވުމަށް ލާހިކެއްނޫން،" އިލްހާމް ވިދާޅުވި އެވެ.
އެ ގޮވާލެއްވުމަށް ތައީދު ކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، ފުރަތަމަ ބަލަން ޖެހެނީ ސަރުކާރު ބަދަލުކުރީ ބަޣާވާތަކުންތޯ ކަމަށެވެ. އަދި ކޮމަންވެލްތަށް ވިތަސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމަންވެލްތުންމި ބުނަނީ އެކަން ތަހްގީގު ކުރާ އިންކުއަރީ ކޮމިޝަން ރަނގަޅު ކުރާށޭ، ހަމަ އެއާއެކު މިއަހަރު އިންތިހާބެއް ބާއްވަން. އެހެންވީމަ ކޮމަންވެލްތުގެ ނިންމުންތަކާ މެދު ސުވާލުތައް އުފެދެނީ. އެކަން ބެލުމަށްފަހު ނޫންތޯ ގާނޫނު އަސާސީއާ ހިލާފަށް އިންތިހާބެއް ބާއްވަން ސީމެގަށް ގޮވާލެވޭނީ. ގަނޫނު އަސާސީއާ ހިލާފަށް ގޮވާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެގޮތަށް ގޮވާލުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި، މުޅި ސިސްޓަމްގައި ތިބި މީޙުންނަކީ ބާޣީންކަމަށް. އެހެންނެއް ނުނިންމޭނެ ކޮމަންވެލްތަކަށް. މިއީ ބަޣާވާތެއްތޯ ނުބަލައި ކޮމަންވެލްތެއް ކަމަކު އީޔޫއެއްކަމަކު ރައްޖޭހެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ އެދޭ ކަމެއްނޫން. ގާނޫނާއި ގަވާއިދާ ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލުމަށް ފަހު އަވަސް އިންތިހާބެއް ބޭއްވުމުގެ އެއްވެސް ފުރުސަތަކަށް ތާއީދެއް ނުކުރާނަން،" މަހްލޫފު ވިދާޅުވި އެވެ.
ނަމަވެސް މި ކުއްލި މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ސީމެގްގެ ގޮވާލުމަށް އިޖާބަ ނުދިނުމުގެ ސަބަބުން އަޅާ ހަރުކަށި ފިޔަވަޅުގެ ސަބަބުން ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުއްވި މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮމަންވެލްތުން ނުވަތަ ސީމެގުން ރާއްޖެއާ މެދު ފިޔަވަޅެއް އަޅައިފި ނަމަ ވަރަށް ބޮޑު ނިކަމެތިކަމެއް ރާއްޖެ އަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ތައުލީމް ހާސްކޮށްފައިތިބި ގިނަ މީހުންނަކީ ސާކްގެ ގައުމުތަކުން ލިބުނު ފުރުސަތުގައި ތައުލީމް ހާސިލްކޮށްފައިވާ ބައެއް ކަމަށްވާތީ އެ ފަދަ ފިޔަވަޅެއްގެ ސަބަބުން ދެރަ ނިކަމެތިންނަށް ތައުލީމް ހޯދުމުގެ ދޮރު ބަންދުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ކޮމަން ވެލްތު ބުނާ ބަހަށް ބޯލަނބައި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ 54 ގައުމު ހިމެނޭ ބައިނަލް އަގްވާމީ އެފަދަ ބޮޑު ޖަމާއަތަކުން ނުވަތަ، ސީމެގުން ރާއްޖެ އަށް މިކަމުގައި ފިޔަވަޅު އަޅައިފިނަމަ، ރާއްޖޭގައި ފާއިތުވި ތަނުގައި ތައުލީމް ހޯދާފައިވާ އަށްޑިހައިން ސައްތައަކީ ކޮމަންވެލްތުގެ ތެރެއިން އައިސްފަ ހުރި ސްކޯލާޝިޕްތަކާއި އެހެން ނިހެން ކޯސްތަކުގައި ކިޔަވާފަ ތިބި ކުދިން އެންނަމަވެސް މިފަދަ ފިޔަވަޅެއް އަޅައިފި ނަމަ ދެރަ ނިކަމެތި ފަގީރުންނަށް ކިޔެވޭނެ އެއްވެސް ގޮތެއްނޯންނާނެ. މުއްސަނދިންނާއި މަހުޖަނުންގެ ދަރިން ފިޔަވައި އެއްވެސް ބަޔަކަށް މިގަމުގައި ތައުލީމް އުގެނުމުގެ ފުރުސަތު ގެއްލިގެންދާނެ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުންނާއި ޔޫރަޕްގެ އިއްތިހާދުން އެހެންބުނެފައި ވަނީ މިދިޔަ ހަފްތާގައި. ކޮމަންވެލްތުން ވަކިވެއްޖެއްޔާ ނުވަރަ ސީމެގްގެ ލަފައަށް ޖާގަ ނުދީފިއްޔާ އަޅުގަނޑުމެންގެ ވިޔަފާރިއަށް ނުވަތަ ރާއްޖޭގެ ފަތުރުވެރިކަމަށް ރައްޔިތުންނަށް ލިބޭ އާމްދަނީ އަށް އަސަރު ކުރާނެ.
ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ކޮމަންވެލްތުން ފިޔަވަޅު އަޅައިފިނަމަ ރާއްޖޭގެ އާމްދަނީ ދަށްވެ އިގްތިސާދީ ގޮތުން ހީނަރުވާނެ ކަމަށެވެ. އަދި އަދ.އާއި އީޔޫއިން ތިބީ ކޮމަންވެތުން ބުނާ އެއްޗަކަށް ބަލަބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީމެގްގެ އަޑަކީ އެކަހެރި އަޑެއްނޫން. ސީމެގްގެ އެންމެ ފަހުގެ ބަޔާނުގައި ބުނެފައިވާ ގޮތަށް ސީމެގަށް ތާއީދު ލިބެމުންދަނީ އދ.ން ވެސް، އައިޕީޔޫން ވެސް. ޔޫރަޕްގެ އިއްތިހާދުން ވެސް، އިނގިރޭސި ވިލާތުން ވެސް، ތަކުރާރުކޮށް ބުނަމުން ގެންދަނީ ސީމެގްގެ މަސައްކަތަށް، ކޮމަންވެލްތުގެ މަސައްކަތަށް އަދި ސީމެގްގެ ހާއްސަ މުޝީރު ސާ ޑޮންމެކިނޮންގެ މަސައްކަތަށް ތިމަންނާމެންގެ ގައުމުތަކުން ތާއީދު ކުރަމޭ. އެންމެފަހުން އިނގިރޭސި ވިލާތުންނާއި ޔޫރަޕްގެ އިއްތިހާދުން އެހެން ބުނެފައިވަނީ މިދިޔަ ހަފްތާގައި. ކޮމަންވެލްތުން ވަކިވެއްޖެއްޔާ ނުވަރަ ސީމެގްގެ ލަފައަށް ޖާގަ ނުދީފިއްޔާ އަޅުގަނޑުމެންގެ ވިޔަފާރިއަށް ނުވަތަ ރާއްޖޭގެ ފަތުރުވެރިކަމަށް، ރައްޔިތުންނަށް ލިބޭ އާމްދަނީއަށް އަސަރު ކުރާނެ،" އީވާ ވިދާޅުވި އެވެ.