23 Apr 2012, 13:47
ރާއްޖެއާއި އިންޑިޔާ އަދި ސްރީލަންކާ ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ރާއްޖެއާއި އިންޑިޔާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ޓްރައިލެޓްރަލް ޖޮއިންޓް އެކްސެސައިޒްއަށް ދީފައިވާ ނަމަކީ " ދޯސްތީ11" ކަމަށާއި އެ ތަމްރީނުތައް އޮންނާނީ މާދަމާއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ތަމްރީނުތައް ބުދަދުވަހު ކަނޑުމަތީގައި ކުރިއަށް ދާއިރު ރާއްޖޭގެ ނޫސްވެރިންނަށް އެ އިވެންޓްގެ ކަވަކުރުމުގެ ފުރުސަތު ދޭނެ އެވެ. އެގޮތުން ރާއްޖޭގެ ނޫސްވެރިން އިންޑިޔާގެ މަނަވަރެއްގައި ހަރަކާތްތެރިވާ ގޮތަށް އެމްއެންޑީއެފުން ވަނީ ހަމަޖައްސާފަ އެވެ.
މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއާއި އިންޑިޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ސަވައިލަންސް އޮޕަރޭޝަނެއް ހިންގިއެވެ.
އެ އޮޕަރޭޝަންގައި ހަރަކާތްތެރިވީ އިންޑިއާ ނޭވީގެ ޚާއްޞަ މަތިންދާ ބޯޓަކާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ތިންދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ އެ ހަރަކާތުގައި ރާއްޖޭގެ ހުޅަނގު ބިތަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާފައި ވެއެވެ. އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާޚިލާފު ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ އެހަރަކާތުގައި ބަލާފައި ވެއެވެ.
އެމްއެންޑީއެފުން ބުނީ އެހަރަކާތުގައި ރާއްޖޭގެ ހުޅަނގު ބިތަށް އިސްކަން ދިނީ ފަހަކަށް އައިސް އިންޑިއާ ކަނޑުގައި، ޚާއްޞަކޮށް ރާއްޖޭގެ ހުޅަނގު ފަރާތުގައި ހިނގަމުންދާ ކަނޑުފޭރުމުގެ ހަރަކާތްތައް އިތުރުވެފައިވާތީ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ދޭތެރެދޭތެރެއި މިފަދައޮޕަރޭޝަންތައް ހިންގައެވެ.