މި އަހަރުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު ކައިރިވަމުން އަންނައިރު، އެ ދެ އިމްތިހާނަށް ވެސް މި ފަހަރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން މިއަދު ބުނެފިއެވެ.

ޑީޕީއީގެ ރައީސް މުހައްމަދު އިހްސާން މިއަދު "ސަން"އަށް ވިދާޅުވީ، މި އަހަރުގެ އިމްތިހާނަށް ގެނެސްފައިވަނީ ފާހަގަކޮށްލެވޭ މައިގަނޑު ދެ ބަދަލެއް ކަމަށެވެ.

އެގޮތުން މީގެ ކުރީގެ އަހަރުތަކުގައި އިސްލާމް އިމްތިހާނު ފަށަނީ ކަރުދާސް ދެއަކުން ނަމަވެސް މި އަހަރުގެ އިމްތިހާނުގައި ކުރިން ދޭނީ އިސްލާމް މާއްދާގެ ކަރުދާސް އެކެކެވެ.

ދެވަނަ ބަދަލެއްގެ ގޮތުން އިހުސާން ފާހަގަކުރެއްވީ، މީގެ ކުރިން އަތުކުރި ގަޑި އަޅައިގެން އިމްތިހާން ހޯލުގައި އިނދެވުނު ނަމަވެސް މިފަހަރު ނީންދެވޭނެ ކަމަށެވެ.

"އާދައިގެ ގަޑިއެއް އިމްތިހާން ހޯލަށް ވެއްދިޔަސް އަތުގަ އަޅާފަ ނުބޭއްވޭނެ. އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގަ ބޭއްވޭނީ،" އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިޙާނެއްގެ މައި އިދާރާ (ޖޭސީކިޔު)ގެ ލަފާގެ މަތިންނެވެ.

މިފަހަރުގެ އިމްތިހާނަށް ކުދިން ތައްޔާރުވަމުންދާއިރު، އިހުސާން ވަނީ ދަރިވަރުން ސަމާލުކަންދޭންވި ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް ދަރިވަރުން އެސްއެސްސީ އިމްތިޙާނާއި އޯލެވެލް އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ އެއްކޮށް ލެމިނޭޓް ކޮށްގެން ގެންގުޅޭ ކަމަށާއި ނަމަވެސް އެއްވެސް އިމްތިހާނަކަށް ކަމާ ނުގުޅޭ އެއްޗެއް ވެއްދުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެ އިމްތިހާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ އެއްކޮށް ލެމިނޭޓް ކުރީމަ ކޮންމެ އިމްތިހާނަކަށް ވެސް ދާން ޖެހޭނީ ދޭތި އެއްކޮށް ހިފައިގެން. އޭރުން އިމްތިހާނާ ގުޅުމެއް ނެތް އެއްވެސް ޑޮކިއުމެންޓެއް ނުވެއްދޭނެ ކަމަށް އުސޫލުގައި އޮންނަ ގޮތާ އެބަ ޚިލާފުވެވޭ،" އޭނާ ވިދާޅުވިއެވެ.

އިހުސާން ވަނީ އެކަން އެގޮތަށް ނުކުރުމަށް ހުރިހާ ދަރިވަރުންނަށް ވެސް ނަސޭހަތްތެރިވެފައެވެ.

އަންނަ އަންގާރަ ދުވަހު އެސްއެސްސީ އިމްތިހާނު ފަށާއިރު އޯލެވެލް އިމްތިހާން ފަށާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ. އަދި އިމްތިހާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވާއިރު އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރުވުމެކެވެ. އަދި މިހަރުގެ ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވާއިރު، އެއީ 759 ދަރިވަރުންގެ އިތުރުވުމެކެވެ.

މި އަހަރުގެ ކޭމްބްރިޖް އޯލެވެލް އިމްތިޙާނު 244 ސެންޓަރެއްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.