20 Apr 2023, 16:37
ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގެ އެކި ހިސާބުތަކުގައި ވަނީ ވަޅުގަނޑު ހެދި، އަޑިގުޑަންތައް ހެދިފައެވެ. އެކަމުގެ ސަބަބުން ވެހިކަލްތައް ދުއްވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ އާއްމުން ވަނީ ކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލު މަރިޔަމް ޝިއުނާ މިއަދު "ސަން"އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި އެފަދަ އަޑިގުޑަންތަކާއި ވަޅުގަނޑުތައް ރަނގަޅުކޮށް، މަގު މަރާމާތު ކުރުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތައް ބޭނުންވާ ސާމާނު ގެނައުން --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
އެގޮތުން މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ސާމާނުތައް މިހާރު މާލެ ގެނެސްފައިވާ ކަމަށާއި ދެން އޮތީ މަރާމާތުގެ އަމަލީ މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ސީދާ ނޭނގުނު ނަމަވެސް މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ އީދު ފަހުންނެވެ. އަދި މިހާރު އޮތް ގޮތުން އެ މަގުގެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވަނީ އިތުރު ބަޔަކާ ހަވާލުނުކޮށް ސިޓީ ކައުންސިލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގައި އަޑިގުޑަންތައް ހުރެގެން ގިނަ ބައެއްގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވާއިރު، އެކަން މެދުވެރިވަނީ މަގުތަކުގައި ހެވީ ވެހިކަލްތައް ދުއްވާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.