23 Apr 2012, 14:07
ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދުގެ ދަށުން އިތުރު ޕާޓީއަކަށް ޓީވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސު ބްރޯޑްކާސްޓިން ކޮމިޝަނުން ދީފީ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ މިއަދު ވިދާޅުވީ "ޓީވީ ފައިވް"ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ކޭބަލް މެދުވެރިކޮށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސު ދީފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
"ޓީވީ ފައިވް"ގެ މަސްއޫލު ވެރިންނަކީ، ސަން އަށް އެނގިފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި އެކޮނަމިކް މިނިސްޓްރީގެ ނާއިބު މުހައްމަދު ޝިޔާމު ވަހީދާއި ހޯމް މިނިސްޓްރީގެ ނާއިބު މުހައްމަދު ސަލީމާއި ސ. ހުޅުދޫ، އެޅެހެށިގެ ބޭރުގެ މުހައްމަދު ނަސްރެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންނަކީ އެ ހަތަރު ބޭފުޅުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ޓީވީ ފައިވް"ގެ އެއް ޑިރެކްޓަރު މުހައްމަދު ސަލީމު މިއަދު ވިދާޅުވީ އެ ޗެނަލްގެ ހިދުމަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށެވެ. ނަމަވެސް ޗެނަލް ހާއްސަ ކުރަނީ ކޮން ދާއިރާއަކަށް ކަމެއް ސަލީމު ވިދާޅެއް ނުވެ އެވެ.
ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވާއިދު ބުނާ ގޮތުން ބްރޯޑްކާސްޓު ކުރުމަށް ލައިސަންސު ހޯދާ ފަރާތަކުން ލަސްވެގެން އަހަރު ދުވަހުގެ ތެރޭގައި ހިދުމަތް ފަށަން ޖެހެ އެވެ.