20 Apr 2023, 15:48
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅެއް ވަކި ނުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަނެއްކާވެސް ކޯޓުން ބޭރުކޮށްލައިފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވީ އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނޭ އަހްމަދު ސިއްދީގު އިސްވެ ހުންނަވައިގެންނެވެ.
ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމުމުން ކޯޓުން އެ މައްސަލަ ބޭރުކޮށްލަން ނިންމީ މިދިޔަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިމަހުގެ 20 ވަނަ ދުވަހު އަލުން އެ މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް އެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގައި ގާނޫނީ ގޮތުން ބަހުސްކުރެވޭ ފަދަ ނުކުތާއެއް ހުށަހަޅާފައި ނުވާތީ ކުރީގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހޭނައްތާލި ވަގުތުކޮޅަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ އަހަރު ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފައިސަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައެވެ.
އެ އޮޕަރޭޝަނަށް ހޭދަވި ތިން ގަޑިއިރަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ރައީސް ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށާއި، އެކަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކަން ލިޔުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޕީޕީއެމް ލީޑަޝިޕްގެ ފަރާތުން ވަނީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނު އަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނު އަސާސީ މާނަކުރުމަށް އެމައްސަލައިގައި އެދިފައެވެ. އަދި މިކަމަކީ ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައީސް ޞާލިޙަށް "ލަނޑެއް" ދިނުމުގެ ނިޔަތުގައި އުއްތަމަ ފަނޑިޔާރުގެ ބައިވެރިވުމާއެކު ކުރެއްވި ކަމެއް ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، އިދިކޮޅުން ވަނީ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުރީ ރައީސް ޞާލިޙް ކަމަށް ގަބޫލުކުރުމާ ދެކޮޅު ހަދާފައެވެ.