ޑޮލަރުގެ ބުލެކް މާކެޓް ނުވަތަ ޑޮލަރުގެ “ކަޅު ބާޒާރު”ގައި ޑޮލަރުގެ އަގު ދަށަށް ގޮސްފައިވާކަމަށް ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށުނު އިރު ބްލެކްމާކެޓްގައި ޑޮލަރުގެ އަގު ހުރީ 18ރ. ގައި ހުރި ނަމަވެސް މިހާރު އެ އަދަދު 16.50ރ. އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ޖަމިއްޔާއިން ބުނަނީ މި ނިސްބަތަކީ އަބަދުވެސް އަގު ބޮޑުކޮށް އުޅޭ ޑޮލަރުގެ އަގުން 2.50ރ. ގެ އަގުހެޔޮވުމެއް ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބުރައީސް އިސްމާއިލް އާސިފް މިއަދު ވިދާޅުވީ ޑޮލަރުގެ އަގު ހެޔޮވީ ޓުއަރިޒަމްގެ ހައި ސީޒަނާއި ދިމާވުމާއި އިމްޕޯޓްކުރާ މުދަލުގެ އަދަދު މަދުވުމުން ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ޓުއަރިސްޓުންގެ ހައި ސީޒަނާ ދިމާވީމަ ޑޮލަރު ލިބޭ ވަރު އިތުރުވެ އަދި އިމްޕޯޓް ދަށަށް ދިޔައިމާ ކަމަށް މި ބެލެވެނީ ބަދަލު އައިސްގެން މި އުޅެނީ،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ދެ ބޭންކަކުން ފަސޭހަކަމާ އެކު ޑޮލަރު ލިބެމުން އައި ނަމަވެސް މިހާރު ހުރި ގިނަ ބޭންކުތަކުން ފަސޭހަކަމާ އެކު ޑޮލަރު ލިބެން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން ބްލެކް މާކެޓްގެ ޑޮލަރަށް އޮތް ޑިމާންޑް ވެސް ދަށްވެފައިވާ ކަމަށެވެ.

"ކުރިންވެސް ބޮޑަތި އަދަދުން ޑޮލަރު ބޭނުންވާ މީހުން އަސްލު ޑޮލަރު ގަންނާނީ ބްލެކްމާކެޓުން. އެކަމަކު ބޭންކުން ލިބެންޏާމުން އެމީހުން ބުލެކް މާކެޓަކަށް ނުދާނެ. އޭރުން އަގު ދަށްވާނެ،" އާސިފް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭ ޑޮލަރު ގަނެ ވިއްކާ އަގު 15.42ރ. ބޮޑުކުރުމާއެކު ޑޮލަރުގެ އަގު ވަނީ 20ރ. އަށް ބުލެކް މާކެޓްގައި މައްޗަށް ގޮސްފަ އެވެ.
މީގެ ކުރިން އެކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު ވެސް ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު މިދުވަސް ވަރު ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ޑޮލަރުގެ އަގު މި އަހަރު ތެރޭ އިތުރަށް އުފުލިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.