20 Apr 2023, 13:54
ފެބްރުއަރީ މަހު ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިބްރާހިމް ފައިހް ނިޒާމަށް ދައުވާކުރަން މި ހަފުތާގެތެރޭގައި ފޮނުވަން ނިންމައިފިއެވެ.
މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު)އަށް ހަމަލާ ދިނީ ފެބްރުއަރީ މަހުގެ 24ގައެވެ. އެ ހަމަލާގެ ސަބަބުން، ހަމަ އެ މަހުގެ 27 ވަނަ ދުވަހު އޭނާ ވަނީ މަރުވެފައެވެ.
ފައިހުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާއިރު ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ. ފައިހް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވަނީ މާރާމާރީ ހިންގުމުގެ މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައިވާތީ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކްރިމިނަކް ކޯޓުން ބުނީ އޭނާގެ މައްސަލަ މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހެޅޭނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވަނީ ނައުޝާދުގެ މަރުގެ މައްސަލައިގައެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާނު ކޮށްފައިވަނިކޮށް ފައިހް އަމިއްލައަށް ފުލުހުންނާ ހަވާލުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. އޭގެފަހުން އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.
އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 13ގައި އަމުރުކޮށްފައެވެ.