20 Apr 2023, 12:38
އަންކަރާ (20 އެޕްރީލް 2023): ދުނިޔޭގައި އޮތް އެމެރިކާ ޑޮމިނޭޓް ކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު މިހާރު ބަލިކަށިވެ ރޫޅެމުންދާކަމަށާއި ދުނިޔޭގެ ގިނަ ގައުމުތައް ބަދަލަކަށް ބޭނުންވާތީ ދުނިޔޭގައިވާ އެމެރިކާގެ ބާރާއި ނުފޫޒު (ޑޮމިނެންސް) ވަރަށް ހަލުވިކަމާއެކު މިހާރު ގެއްލެމުންދާކަމަށް ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސުވީލޯ ވިދާޅުވެއްޖެއެވެ.
ތުރުކީގެ އައިޑިންލިކް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސުވީލޯ ވިދާޅުވީ އެމެރިކާ ޑޮމިނޭޓްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމުގައި ޔޫރަޕަކީ އެމެރިކާ ބޭނުންކުރާ މަނައެއްކަހަލަ ބްލޮކެއް ކަމަށާއި ޔޫރަޕް އޮތީ އެމެރިކާގެ ފުރިހަމަ އަސްކަރީ ބާރާއި ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި ނިކަމެތިކަމާއެކު ޔޫރަޕް ގެންގުޅެން ޖެހިފައިވަނީ އެމެރިކާ ޑިކްޓޭޓްކުރާ ސިޔާސަތުތަކެއް ކަމަށާއި ޔޫރަޕަކީ އެމެރިކާއަށް ޒާތަކަށް "އަޅުވެތިވެފައިވާ" ސަރަހައްދެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މުސްތަގިއްލު ޔޫރަޕެއް މިހާރަކުނެތް އޮތީ އެމެރިކާގެ މުށުތެރޭގައި ތާށިވެފައިވާ އަޅުވެތި ޔޫރަޕެއް" ސުވީލޯ ސިފަކުރެއްވިއެވެ.
ޔޫރަޕަކީ އެމެރިކާގެ ގާފިލާގެ ފަހަތުންދާން މަޖުބޫރުވެފައިވާ ހާލަތުގައި އޮތް ރޭލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ދުނިޔެއަށް އަންނަމުންދާ ޖިއިޕޮލިޓިކަލް ބަދަލުތަކާބެހޭގޮތުން ތުރުކީގެ ދާޚިލީ ވަޒީރު ސުވީލޯ ވިދާޅުވީ ބާރާއި ނުފޫޒުގެ ގޮތުން ބަލާއިރު އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ޔޫރަޕް އޮތްނަމަވެސް ޒަމާނުއްސުރެ އެމެރިކާގެ ނުފޫޒުއޮތް ލެޓިން އެމެރިކާ، މިހާރު އެމެރިކާއަށް ގެއްލިފައިވާކަަމަށާއި ޒަމާނުއްސުރެ ޔޫރަޕްގެ ބާރާއި ނުފޫޒުއޮތް އެފްރިކާ، މިހާރު ޔޫރަޕަށް ގެއްލިއްޖެ ކަމަށެވެ.
އެފްރިކާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ބާރާއި ނުފޫޒު އެންމެ ބޮޑަށް އޮތް ކޮންޓިނެންޓެކެވެ. އަދި ލެޓިން އެމެރިކާއަކީ އެމެރިކާގެ ބާރާއި ނުފޫޒު އެންމެ ބޮޑަށް އޮތް ސަރަހައްދެކެވެ. އެފްރިކާގައި ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު އެންމެ ވަރުގަދައަށް އޮތް ތިން ގައުމުން ދާދިފަހުންވަނީ ފަރަންސޭސި ސިފައިން ބޭރުކޮށްލާފައެވެ.

ތުރުކީގެ ދާޚިލީ ވަޒީރު ސުލައިމާން ސުވީލޯ
ދާދިފަހުން އެފްރިކާގެ ގައުމެއްކަމަށްވާ ޗާޑުންވެސްވަނީ ޖަރުމަނުގެ ސަފީރުވަނީ ވަރަށް އިހާނާތްތެރި ގޮތަކަށް ބޭރުކޮށްލާފައެވެ. ޗާޑުގެ ސަރުކާރުން ރުޅިއައީ އެގައުމުގައި ހުންނަވާ ޖަރުމަނުގެ ސަފީރު އިންސާނީ ހައްގުތަކުގެ ނަމުގައި ޗާޑުގެ ދާޚިލީ ކަންކަމާ ބެހެމުންދާތީއެވެ. ޗާޑުގެ މި ނިންމުމާ ގުޅިގެން ޖަރުމަނުގެ ސަރުކާރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން ޖަރުމަނުގެ ދިފާއީ ވަޒީރު ބޮރިސް ބިސްޓޮރިއޮސް އެގައުމުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެފްރިކާ މިހާރު ޔޫރަޕަށް ގެއްލިފައިވާ ކަމަށާއި ހުޅަނގުގެ އިސްތިއުމާރު އެފްރިކާގައި އޮތް ދުވަސްވަރު ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ ބަދަލުހޯދުމަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރަކަށް އެފްރިކާގެ ގައުމުތައް ޑިމާންޑް ކުރަމުންދާކަމުގައެވެ. ނަމަވެސް މިއީ ޔޫރަޕަށް ދެވޭނެ ބަދަލެއްނޫންކަމުން ޔޫރަޕަށް އެފްރިކާ ގެއްލިގެންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެފްރިކާގައި ފަރަންސޭސިވިލާތަށްވެސް އަދި ޖަރުމަނަށްވެސް ކުރިމަތިވަނީ މިފިއްތުންތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެފްރިކާގައި އިގްތިސާދީ ގޮތުން އިންވެސްޓް ނުކޮށް ޔޫރަޕްގެ ކުންފުނިތަކުން އެފްރިކާއިން ނާޖާއިޒު ފައިދާނެގުމުގެ ސަަބަބުން އެފްރިކާ ނިކަމެތިވެގެން ދިޔަކަމުގެ އިހްސާސް އެފްރިކާގެ ލީޑަރުންނާއި އާންމުންވެސް ކުރާކަން ޖަރުމަނުގެ ވަޒީރު ހާމަކުރެއްވިއެވެ. އަނެއްކޮޅުން އިންވެސްޓްމަންޓްގެ ގޮތުގައި ޗައިނާ ވަރަށް ބޮޑަށް އެފްރިކާއަށް ވަދެފައިވާކަންވެސް ޖަރުމަނުގެ ވަޒީރު ފާހަގަ ކުރެއްވިއެވެ.
އެފްރިކާގެ ލީޑަރުން މިހާރު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާއާއި ޔޫރަޕަކީ ގަދީމީ އިސްތިއުމާރީ ބާރުތައް ކަމަށް ސިފަކޮށް އެމެރިކާއާއި ޔޫރަޕަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ދާއިރާތަކުގައި އެފްރިކާއަށް ފިލާވަޅު ދެވޭވަރުގެ ގައުމުތަކެއް ނޫންކަމަށް ވިދާޅުވެ ފާޅުގައި ހުޅަނގަށް ގޮންޖައްސަވަމުންނެވެ.
އެފްރިކާގެ ލީޑަރުން މިގޮތަށް ހުޅަނގަށް ފާޅުގައި ގޮންޖައްސަވަނީ އިސްތިއުމާރުގެ ދުވަސްވަރު ޔޫރަޕްގެ ގައުމުތަކުން އެފްރިކާގައި ހިންގާފައިވާ ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނާއި އެމެރިކާއިން އަޅުންގެ ގޮތުގައި އެފްރިކާ މީހުން ވަރަށް އަނިޔާވެރިކޮށް އެމެރިކާއަށް ގެންގޮސް އެމީހުންނާމެދު އެމެރިކާއިން ހިންގި އަޅުވެތި ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރި އަމަލުތަކާ ގުޅިގެންނެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުން ފެށިގެން ޗައިނާ ގެންދަނީ އެފްރިކާގެ ގިނަ ގައުމުތަކެއްގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މި ބިޔަ އިންވެސްޓްމަންޓްތަކާއެކު ޗައިނާ މިހާރުވަނީ އެފްރިކާގެ ގައުމުތަކާއެކު ވަރަށް ބަދަހި އިގްތިސާދީ ގުޅުންތަކެއް ގާއިމްކޮށްފައެވެ.
އަނެއްކޮޅުން ރަޝިއާވެސް ގެންދަނީ އެފްރިކާއަށް ވަރަށްބޮޑަށް ވަންނަމުންނެވެ. އެފްރިކާއަށް ބޮޑެތި އެހީތަކެއް ދެމުންނެވެ. ރަޝިއާވަނީ އެފްރިކާގެ ގައުމުތަކުން ރަޝިއާއަށް ދައްކަންޖެހޭ ލޯނުގެ ތެރެއިން 10 ބިލިޔަން ޑޮލަރުގެ ލޯނުވެސް މައާފްކުރާނެކަން ދާދިފަހުން އިއުލާނުކޮށްފައެވެ. މި 10 ބިލިޔަން ޑޮލަރު މައާފްގައި ޝާމިލުވާ ގައުމުތަކާއި ޝާމިލްވާ މިންވަރު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހު ރަޝިއާގެ ސެންޕީޓާސްބާގްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެފްރިކާއާއި ރަޝިއާގެ އިސްވެރިންގެ ސަމިޓްގައެވެ.
ތުރުކީގެ ދާޚިލީ ވަޒީރު ވިދާޅުވިގޮތުގައި ދުނިޔޭގައި އަލަށް އުފަންވާ ގިނަ ބާރުތައް ހިމެނޭ ބައިނަލްއަގްވާމީ އައު ނިޒާމުގައި ޔޫރަޕަށް ކުޅެވެނެ މާބޮޑު ދައުރެއް ނޯންނާނެއެވެ. އެއީ ޔޫރަޕަކީ ގުދުރަތީ ރިސޯސް ގާތްގަނޑަކަށް ހުސްވަމުންދާ ސަރަހައްދަކަށްވެފައި ޔޫރަޕްގެ އާބާދީ މުސްކުޅިވަމުންދާއިރު އާބާދީ އިތުރުވާމިންވަރު ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސުމެއްގައި ނޫނީ ނެގެޓިވްގައި އުޅޭތީއެވެ.
އެހެންކަމުން ކުރިޔަށްއޮތީ ޔޫރަޕަށް ދަތި އުނދަގޫ މަރުހަލާއެއް ކަމަށާއި މިމަރުހަލާގައި އެމެރިކާގެ އަޅުވެތިކަމާއި ކޮންޓްރޯލްގެ ދަށަށް ޔޫރަޕް މިހާރަށްވުރެވެސް ބޮޑަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިިކާ ޑޮމިނޭޓްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު ރޫޅެމުންދާކަން ދުނިޔޭގެ މަޝްހޫރު ސިޔާސީ މުހައްލިލުންނާއި ސްޓްރެޓީޖިކް ދިރާސާތައްކުރާ މަރުކަޒުތަކުންވެސް ދަނީ ހާމަކުރަމުންނެވެ.
މިކަމުގެ ހެކިތަކުގެ ތެރޭގައި އދ.ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއާ ދެކޮޅަށް ޗައިނާއާއި ރަޝިއާ ގޮންޖަހައި ވީޓޯ ކުރަންފެށުމާއި ޗައިނާގެ ޚާރިޖީ ސިޔާސަތަށް ބަދަލުތައް ގެނަސް ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލުކުރަން ޑިޕްލޮމެޓިކްގޮތުން ޗައިނާ ވަނުން ހިމެނެއެވެ.
މީގެ އިތުރުން އެމެރިކާ ޑޮލަރާއި އެމެރިކާގެ މާލީ ނިޒާމު ކަމަށްވާ ސްވިފްޓް ނިޒާމުގެ ބާރުކަނޑުވާލައި ގިނަ ފައިސާތަކެއްގެ މައްޗަށް ބިނާވެފައިވާ އައު މާލީ ނިޒާމެއް އުފައްދަން ރަޝިއާއާއި ޗައިނާ ބްރިކްސްގެ ގައުމުތަކާއެކު ފާޅުގައި ނުކުތުމާއި ޑޮލަރާއި ނުލައި ދުނިޔޭގައި ކުރާ މާލީ މުއާމަލާތްތައް ފުޅާވާން ފެށުން ހިމެނެއެވެ.
އަނެއްކޮޅުން ކުރިން އެމެރިކާއަށް ކިޔަމަންތެރިކަން އަދާކުރި ސައޫދީ ފަދަ މެދުއިރުމަތީގެ ގައުުމުތައް އެމެރިކާއަށް ބެލުމެއްނެތި މިހާރު ޗައިނާއާއި ރަޝިއާއާ ގުޅުންތައް ބަދަހިކުރަންފެށުމާ އެމެރިކާ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ދުނިޔޭގެ ގިނަ ގައުމުތައް ދެކޮޅު ހެދުން ފަދަ އެތައް ކަމަކުން، އެމެރިކާ ޑޮމިނޭޓްކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމު ރޫޅެމުންދާކަން ދަނީ ހާމަވަމުންނެވެ.