ގެވެށި އަނިޔާ ހުއްޓުވުމުގެ ތަސްދީގުކޮށް ގާނޫނަކަށް ބަދަލުވުމަކީ އަންހެނުންނާއި އަންހެން ކުދިންނަށް ވަރަށް ބޮޑު ގާނޫނީ ހިމާޔަތެއް ލިބިގެންދިޔަ ކަމެއްކަމަށާއި ގާނޫނުގައި ބުނާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ވަރަށް އަވަހަށް އުފައްދާނެ ކަމަށް ރައީސުލް ޖުމުހރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު ފުރަތަމަ ތަސްދީގު ކުރެއްވި ގާނޫނޫ "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު" ތަސްދީގުކުރެއްވުމަށް ފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތައް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް އުފައްދާ އެ އޮތޯރިޓީގެ ބޯޑަށް ހަމަޖައްސަވަން ޖެހޭ ހަތް މެންބަރުން ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށެވެ.

"މި ގާނޫނޫ ހިނގާ ނުހިގާގޮތް ބަލާ ތަންފީޒު ކުރުމަށްޓަކައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް މި ގާނޫނު ބުނާގޮތުން އުފައްދަން ޖެހޭ. އަދި އެފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށްޓަކައި ހަތް މެންބަރުންގެ ބޯޑް އިރާދަ ކުރެއްވިއްޔާމު މާލަސްތަކެއް ނުވެ އަޅުގަނޑު އައްޔަންކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ވެސް ކުރަނީ އަންހެނުންނަށް ކަމަށާއި އެމަނިކުފާނަށް އެނގިވަޑައިގެންނަވާ ގޮތުގައި ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބިފައިވާ މީހެއް ކަމަށެވެ.

"އެކަން ގިނަފަހަރަށް ހިނގާފައިވަނި ގޭތެރޭގައި އެހެންވީމައި މިއަދު މި ތަސްދިގުކުރެވުނު ގާނޫނޫގެ ސަބަބުން ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންނަށް ވަރަށް ބޮޑު ހިމާޔަތެއް ގާނުނޫގެ ސަބަބުން ލިބިގެން މިދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ބިލް މަޖިލިހަށް ހުށައަޅުއްވާ އެބިލް ފާސްކޮށްދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.