20 Apr 2023, 09:43
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ބަޔާން މިއުނިކް ބަލިކުރުމަށްފަހު މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިޓީ ޗެމްޕިއަންސް ލީގު ސެމީއަށް ދަތުރު ކުރީ 4-1 އެގްރިގޭޓް ނަތީޖާއަކުން ބަޔާން ބަލިކޮށްގެންނެވެ.
ސިޓީން ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހުގެ ރޭ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އެ ޓީމުގެ ދަނޑުގައި ކުޅެ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި ރޭ ބަޔާންގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ބަޔާން މޮޅުވުން މަޖުބޫރު އެ މެޗުގެ 16ވަނަ މިނެޓައި އެ ޓީމަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ސިޓީގެ އޭރިއާ ތެރޭގައި ބަޔާންގެ ލިއޮރީ ސާނޭ ހުރެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭނާ އެ ބޯޅަ ފޮނުވާލިއިރު އެނާއަށް ހުރަސްއަޅަން ހުރީ ސިޓީގެ ކީޕަރު އެޑަސަން އެކަންޏެވެ.
އެ މެޗުގެ 35ވަނަ މިނެޓުގައި ސިޓީއަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ބަޔާންގެ އޭރިއާތެރެއިން އެ ޓީމުގެ ޑީފެންޑަރު އެޕެމިކާނޯ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ފޯމުގައި ހުރި ސިޓީގެ ފޯވާޑު އާލިން ހާލަންޑު ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ބަޔާންއާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން ----
ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ގޯލެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފުގެ 57ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ކެވިން ޑި ބްރޭނާ ތަނަވަސްކުރި ފުރުސަތަކުން ހާލަންޑު ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއަިން މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ބަޔާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ސިޓީގެ އޭރިއަ ތެރެއިން އެ ޓީމުގެ ޑިފެންފަރު މެނުއުލް އަކަންޖީ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ޖޯޝުއާ ކިމިޗް ކާމިޔާބުކުރި ގޯލެކެވެ.
ސިޓީން ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު އެ ސެމީގެ މެޗުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ރެއާލް މެޑްރިޑާއެވެ.