20 Apr 2023, 09:57
ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމަށް ހާޒިރުވާ އޮޑިޝަންތަކުގައި މަނޯޖް ބަޖްޕައީގެ ފޮޓޯތައް އޭރުގެ އެސިސްޓެންޓް ޑައިރެކްޓަރުން ކުނި ވަށިގަނޑަށް ލާ މަންޒަރަކީ ކޮންމެ ދުވަހަކު ވެސް ފެންނަ މަންޒަރެއްކަމަށް އެކްޓަރު ބުނެފިއެވެ.
ފިލްމު "ސަތްޔާ" އަދި "ޕިންޖާރް"ފަދަ ފިލްމުތަކުން ނެޝަނަލް އެވޯޑް ޙާސިލުކޮށްފައިވާ އެކްޓަރު މިމޭރުމުން ވާހަކަ ދައްކާފައިވަނީ ފިލްމީ ދާއިރާއަށް އަލަށް ނުކުތްއިރު ދިމާވި ގޮންޖެހުންތަކުގެ ވާހަކަ މީޑިއާއާ ހިއްސާކުރަމުންނެވެ.
ފިލްމީ ދާއިރާއިން ކުރިޔަށްދާން ހިތުއަޅައިގެން އިންޑިއާގެ މުމްބާއީއަށް އަލަށް އަންނަ ކޮންމެ މީހަކީވެސް މިފަދަ ކޮންމެވެސް ކަހަލަ ހިތި ތަޖުރިބާތަކެއް ކުރާނެ މީހެއް ކަމަށް މަނޯޖް ވަނީ ބުނެފައެވެ. އިންޑިއާގެ ބިހާރަށް ނިސްބަތް މަނޯޖް ބަޖްޕައީ ބުނެފައިވަނީ ފިލްމަކުން ފުރުސަތު ލިބުމުގެ ހަރުފަތް ގިރާކުރެވެނީ އެ ފިލްމެއްގެ އެސިސްޓެންޓް ޑައިރެކްޓަރު މެދުވެރިކޮށް ކަމަށެވެ.
އެގޮތުން އޭރު މަސައްކަތްކުރި ބައެއް އެސިސްޓެންޓުން އަލަށް ފިލްމީ ދާއިރާއާ ގުޅެން އަންނަ ފަރާތްތަކާމެދު ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތި އަދި ދަށްފެންވަރެއްގައި ކަމަށް މަނޯޖް ވަނީ ބުނެފައެވެ. އޭރު އަންނަ ފަރާތްތަކުން އެންމެ ފުރަތަމަވެސް އެ ފަރާތެއްގެ ފޮޓޯތައް އެސިސްޓެންޓާ ޙަވާލުކުރާކަމަށާއި އެހެންނަމަވެސް އެއްވެސް އިހުތިރާމެއްނެތި ކުރިމަތީގައި އެފޮޓޯތައް ކުނިވަށިގަނޑަށް ލުމަކީ އޭރުގެ އާދައެއްކަމަށް މަނޯޖްވަނީ ބުނެފައެވެ.
އެފަދަ ދުވަސްތަކުގައި ހިތަށް ލިބޭ މާޔޫސްކަން ފިލުވަންކުރިކަމަކީ، ނޫސްތަކުގައި ހުންނަ ވާހަކަތަކުން ކޮންމެވެސް ކެރެކްޓާއެއް ހޮވުމަށްފަހު ރަޙްމަތްތެރިންގެ ކުރިމަތީގައި ހުށަހެޅުންކަމަށް 53 އަހަރުގެ އެކްޓަރުވަނީ ބުނެފައެވެ. އޭގެ ސަބަބުން ކެރިއަރުގެ ފުރަތަމަ ފިލްމުން ލިބުނު ރޯލަށް ވަރަށް ބޮޑު އެހީއަކަށްވިކަމުގައި މަނޯޖް ވަނީ ބުނެފައެވެ.
އިންޑިއާގެ އެންމެ ހަލަބޮލި ސިޓީ މުމްބާއީއަށް ގިނަ މީހުން އަންނަނީ އަމިއްލަ ޢާއިލާއާއި ރަޙްމަތްތެރިން ދޫކޮށްލުމަށްފަހު ފިލްމީ ކެރިއަރެއް ބިނާކުރުމަށްކަމަށް ބުނަމުން މަނޯޖް ބުނީ މުމްބާއިގައި ދަންނަ ރަޙްމަތްތެރިއެއް ނުވަތަ ގާތް މީހެއް ނެތުމަކީ މީހާ ވަރަށް ބޮޑަށް މާޔޫސްކޮށްލާ ކަމެއް ކަމަށެވެ. އިންޑިއާގެ އެހެން ސަހަރުތަކާ ޚިލާފަށް މުމްބާއިއަކީ ވަރަށް ތަފާތު ސަހަރެއްގެގޮތުގައިވެސް މަނޯޖް ވަނީ މި އިންޓަވިއުގައި ސިފަކޮށްފައެވެ.
މި ސިޓީއިން ހިތްދަތި ތަޖުރިބާތައް ކުރިނަމަވެސް ދިރިއުޅުމުގައި ލިބޭ ކާމިޔާބީތައް ވެސް އެކީގައި ފާހަގަކުރާކަމަށް މަނޯޖް ވަނީ ބުނެފައެވެ. ހިތި ތަޖުރިބާތަކަކަށްފަހު މަނޯޖް ބަޖްޕައީއަކީ މިވަގުތު ހިންދީ ސިނަމާގައިހުރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސިރީސް "ދަ ފެމިލީ މޭން"ގެ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނާ ބައްދަލުކުރީ ޑިޒްނީ ހޮޓް ސްޓާއިން ޕްރިމިއާކުރި ފިލްމު "ގުލްމޮހޮރް"އިންނެވެ.