އިންޑިއާގެ އިތުރުން ހޮލީވުޑް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ އެކްޓަރު އިރްފާން ޚާން ކުޅުނު ފަހު ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް" މިމަހުގެ 28ގައި ރިލީޒްކުރަން ނިންމައިފިއެވެ.

އިރްފާން ޚާންއަކީ ވަރަށް ތަފާތު މޮޅު އެކްޓަރެއްގެގޮތުގައި އޯޑިއަންސް ބަލައިގެންފައިވާ އެކްޓަރެކެވެ. "ދަ ސޯންގް އޮފް ސްކޯޕިއަން" ރިލީޒްކުރުމަށް ނިންމާފައިވަނީ އިރްފާން ޚާން މަރުވިތާ ތިން އަހަރުވާ ދުވަހާ ދިމާކޮށެވެ.

"ދަ ސޯންގް އޮފް ސްކޯޕިއަން"އަކީ އިރުފާން ކުޅުނު ފިލްމު "ޤިއްސާ"ގެ ޑައިރެކްޓަރު އަނުޕް ސިންގްގެ ފިލްމެކެވެ. ލޯތްބާއި ބަދަލު ހިފުންތަކެއް ދައްކުވައިދޭ ފިލްމު "ދަ ސޯންގް އޮފް ސްކޯޕިއަންސް"ވަނީ 2017ވަނަ އަހަރު ބޭއްވި 70ވަނަ ލޮކާނޯ ބައިނަލް އަޤްވާމީ ފިލްމު ފެސްޓިވަލުގައިވެސް ޕްރިމިއާކޮށްފައެވެ.

އިރްފާން ޚާންގެ އިތުރުން ފިލްމުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭގައި ކުރީގެ ބަތަލާ ވަޙީދާ ރެހްމާން އަދި ޝަޝަންކް އަރޯރާ ހިމެނެއެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ބަތަލާ ގޮލްޝިފްތޭ ފަރަހާނީވެސް ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.

އިރުފާނު ޚާންއަކީ ބައިނަލް އަޤްވާމީގޮތުންވެސް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ އެކްޓަރެއްކަމަށް ޑައިރެކްޓަރު އަނުޕް ސިންގް ވަނީ ބުނެފައެވެ. އެކްޓަރަށް ލިބިފައިވާ މޮޅު ހުނަރާއެކު ބެލުންތެރިން އިރުފާނު ސިފަކުރަނީ 'އަ މޭން ވިތް އަ ހާޓް އޮފް ގޯލްޑް"ކަމަށް އަނުޕް ވަނީ ބުނެފައެވެ.

މި ފިލްމުގެ ސްކްރީނިންއަކީ ވަރަށް ގިނަ ބަޔަކަށް އިރުފާނުގެ ހަނދާންތަކެއް އާކުރުވާނެ ސްކްރީނިން އެއްކަމަށް ވެސް އަނުޕް ބުނެފައިވެއެވެ. އަދި އުއްމީދަކީ އިރުފާނުގެ ޢާއިލާއަށާއި އިރުފާނަށް ހެޔޮއެދޭ ގާތް ފަރާތްތަކަށް ފިލްމު މެދުވެރިކޮށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ލިބިގެންދިއުންކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

އިރުފާން ޚާން މަރުވެފައިވަނީ 2018ވަނަ އަހަރު ޖެހުނު ކެންސަރު ބައްޔާއެކު ހަށިގަނޑުގައި އުފެދުނު އިތުރު ކޮލޮން އިންފެކްޝަންއަށް ފަރުވާ ހޯދަމުން ދަނިކޮށް 2020ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އިރުފާނު ޚާން ބެލުންތެރިންނަށް އެންމެ ފަހުން ފެނިފައިވަނީ 2020ވަނަ އަހަރު ރިލީޒްވި ފިލްމު "އަންގްރޭޒީ މީޑިއަމް"އިންނެވެ.