23 Apr 2012, 11:41
ސްރީލަންކާގައި ހުރި މިސްކިތެއް ނައްތާލަން އެ ގައުމުގެ ސަރުކާރުން އަންގައިފި އެވެ.
ސްރީލަންކާގެ މަޝްހޫރު ކެންޑީގެ ކައިރީގައިވާ ޑަމްބުއްލާ ނަމަކަށް ކިޔާ ރަށުގައިވާ އެ މިސްކިތް ނަގަން ލަންކާ ސަރުކާރުން އެންގީ އެ ސަރަހައްދަކީ އެ ގައުމުގެ ބައި ގިނަ ބުދުދީނުގެ މީހުންގެ މުގައްދަސް ސަރަހައްދެއް ކަމަށް ބުނެފަ އެވެ.
މިސްކިތް ނެގުމަށް ސްރީލަންކާ ސަރުކާރުން އަމުރުކޮށްފައި މިވަނީ މިސްކިތަށް ހަމަލާދިނުމަށް ބުދުދީނުގެ މޮންކުން އެއްވިތާ ދެ ދުވަސްފަހުންނެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ޑީއެމް ޖަޔަރަތުނާ ވިދާޅުވި ކަމަށް ބީބީސީ ބުނީ މިސްކިތް ޑަމްބުއްލާ އިން ނަގައި އެހެން ތަނެއްގައި އިމާރާތްކުރަން އެންގީ ކަމަށެވެ.
ކޮޅުނބުގައި ހުރި ބީބީސީގެ ކަރެސްޕޮންޑެންޓް ޗާލްސް ހާވިލޭންޑާ ހަވާލާދީ ބީބީސީ އިން ބުނީ ބޮޑުވަޒީރު ޖަޔަރަތުނާގެ ބަޔާން އައިސްފައި މިވަނީ މިސްކިތާ މެދު ބަހުސްކުރުމަށް ސްރީލަންކާގެ މުސްލިމު ސިޔާސީ ލީޑަރުންނާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް އިންތިޒާމުކޮށްފައި ވަނިކޮށް ކަމަށެވެ.
މިސްކިތް ތަޅާލުމާ މެދު ލަންކާ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވަނީ މިސްކިތް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް މުސްލިމް ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެބޭފުޅުން އެކަމަށް އެއްބަސްވެވަޑައިގަތީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ނަމަވެސް ލަންކާގެ މުސްލިމުންގެ ނޫހަކުން ބުނެފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް ސަރުކާރުން ބުނާ ތިން ބޭފުޅަކު އެބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
ސްރީލަންކާގެ ވަޒީރެއްގެ ގޮތުގައި ހުންނެވި މުސްލިމް ބޭފުޅެއް ކަމަށްވާ އޭއެޗްއެމް ފައުޒީ ވިދާޅުވި ކަމަށް ބީބީސީގައި ވަނީ ބައްދަލުވުމުގައި ބައިވެރިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް މިސްކިތް އެހެން ތަނަކަށް ބަދަލުކުރަން ސަރުކާރުން އެދުމަކީ ގަބޫލުކުރެވިދާނެ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް އަމުރު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ އާ ހަވާލާދީ ބީބީސީ ބުންޏެވެ.
ލަންކާ ސަރުކާރު ހިންގާ ޕާޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅެއް ކަމަށްވާ އައްޒަތު ސައްލީ ވިދާޅުވެފައި ވަނީ މިސްކިތް އަޅާފައި ހުރީ ގަވައިދާ ހިލާފަށް ކަމަށް ވިޔަސް އެކަމާ ދެކޮޅު ހަދާ މީހުން ގުންޑާ އިން ފަދައިން އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
"މުސްލިމުންނާއި ތަމަޅައިންނަށް ސްރީލަންކާގައި ދިރިއުޅުމުގެ ހައްގު މިހާރު ނެތީތަ؟" އޭނާ ސުވާލުކުރެއްވި ކަމަށް ބީބީސީގައިވެ އެވެ.
ސްރީލަންކާގެ ބުދުދީނުގެ މީހުންގެ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނަވާ އެންމެ އިސްބޭފުޅެއްގެ ހައިސިއްޔަތުން ޖަޔަރަތުނާ ވިދާޅުވެފައި ވަނީ މިސްކިތް ހުރީ ބުދުދީނުގެ މީހުންގެ މުގައްދަސް ތަނެއްގައި ކަމަށްވާތީ މިސްކިތް އެތަނުން ނަގައި ޑަމްބުއްލާގެ ކައިރީގައިވާ އެހެން ތަނެއްގައި އިމާރާތް ކުރެވިދާނެ ކަމަށެވެ.
ތަޅާލަން އަންގާފައިވާ މިސްކިތަކީ ކުރިން ކުޑަކުޑަ މިސްކިތެއް ކަމަށާއި އެހެން ނަމަވެސް މިހާރު ގަވައިދާ ހިލާފަށް އެ މިސްކިތް ބޮޑުކޮށްފައިވާ ކަމަށް ބުދުދީނުގެ މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެ މިސްކިތުގެ އިމާމު ވިދާޅުވެފައި ވަނީ މިސްކިތް ހުރީ ގަވައިދާ އެއްގޮތަށް ކަމަށާއި ހަމަ އެކަނި އާ ކުރީ ކަމަށެވެ.