މިސްރުގެ ކުރީގެ ލީޑަރު ކްލިއޯޕެޓްރާއަކީ ކަޅު ނަސްލުގެ މީހެއް ކަމަށް ނެޓްފްލިކްސްގެ ޑޮކިއުމެންޓްރީ ފިލްމު "ކުއީން ކްލިއޯޕެޓްރާ"ގައި ސިފަކޮށްފައިވާތީ މިސްރުގެ ގާނޫނީ ވަކީލަކު ނެޓްފްލިކްސްއާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ނެޓްފްލިކްސްގެ ކްލިއޯޕެޓްރާ ޑޮކިއުމެންޓްރީގެ މައްސަލަ މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރަށް ހުށަހެޅި ގާނޫނީ ވަކީލް މަހްމޫދު އަލް ސެމަރީ ވަނީ މި މައްސަލައިގައި ނެޓްފްލިކްސް މިސްރުގައި ބަންދުކުރުމަށް ގޮވާލާފައެވެ.

މިސްރުގެ ނޫހެއް ކަމުގައިވާ ދަ ޕްރެސް ޔުނައިޓެޑްއިން ރިޕޯޓްކޮށްފައި ވާގޮތުގައި، "ޖަރީމާއެއްގައި" ބައިވެރިވުމުން ނެޓްފްލިކްސްގެ ޕްރޮޑަކްޝަން ޓީމަށް އަދަބު ދިނުމަށް ގޮވާލައި އަލް ސެމަރީ ބުނީ ދާދި ފަހުން ރިލީޒްކުރި ޓްރެއިލާ މިސްރުގެ ތާރީހާ ގުޅިފައިވާއިރު، އެއީ ބައިބައިވުން އުފެދޭ "އެފްރޯސެންޓްރިޒަމް" ޕްރޮމޯޓް ކުރުމުގެ އަމަލެއް ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިސްރުގެ ގައުމީ އަދި ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި މިފަދަ މަސައްކަތްތައް މިސްރުގެ ރައްޔިތުންގެ މެދުގައި ހުއްޓުވަން ޖެހޭ،" ވަކީލް ވިދާޅުވި ގޮތުގައި ނެޓްފްލިކްސްގެ ގިނަ ހުށަހެޅުންތަކަކީ "އިސްލާމީ އަދި އިޖުތިމާއީ އަސާސްތަކާއި އުސޫލުތަކަށް، ހާއްސަކޮށް މިސްރުގެ ހުށަހެޅުންތަކަށް ނުފެތޭ" ހުށަހެޅުންތަކެކެވެ.

މީގެ އިތުރުން ނެޓްފްލިކްސް އާއި "ކުއީން ކްލިއޯޕެޓްރާ"ގެ ޕްރޮޑިއުސަރުން ވެސް މަކަރާއި ހީލަތް ހަދާ ކަމަށް އެ ޝަކުވާގައި ތުހުމަތުކޮށްފައިވެއެވެ.

މިސްރުގެ ކުރީގެ އެންޓިކުއިޓީސް މިނިސްޓަރު ޒާހީ ހަވާސް މިދިޔަ ހަފުތާގައި އެ އުފެއްދުން ކުށްވެރިކުރެއްވީ "ހަގީގަތް އޮޅުވާލާފައިވާ" ކަމަށް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ކްލިއޯޕެޓްރާއަކީ ގްރީކް މީހެއް ކަމަށާއި އޭގެ މާނައަކީ ކަޅު ނަސްލުގެ މީހެއް ނޫން ކަމަށެވެ.

ނެޓްފްލިކްސްގެ ރިވިޝަނިޒަމްއާ ދެކޮޅަށް ވާހަކަ ދެއްކުމަށް މިސްރުގެ ރައްޔިތުންނަށް ގޮވާލައްވަމުން ހަވާސް ވަނީ އެމެރިކާގެ ކަޅު ނަސްލުގެ ބައެއް އާބާދީތަކުގައި މިސްރުގެ ތަހުޒީބު ހަގީގަތުގައި އައީ ކަޅު އެފްރިކާއިން ކަމަށް ބުނާ ޓްރެންޑަށް ދެކޮޅު ހައްދަވާ އެވެ.

"ނެޓްފްލިކްސް އިން މަސައްކަތް ކުރަނީ މިސްރުގެ ތަހުޒީބުގެ އަސްލަކީ ކަޅު ނަސްލު ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރުމަށް ،" އެފަދަ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއީން ކްލިއޯޕެޓްރާ" ޑޮކިއުމެންޓްރީގައި ކްލިއޯޕެޓްރޭގެ ރޯލު އަދާކުރަނީ އިނގިރޭސިވިލާތުގެ އެކްޓަރު އެޑެލް ޖޭމްސްއެވެ.