20 Apr 2023, 10:02
ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެ ތަން ހިންގުމަށް ފިޝަރީޒް މިނިސްޓްރީން ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ ހަވާލުކޮށްފިއެވެ.
ފުނައްޑޫ މިފްކޯއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، އެއްބަސްވުމާއި ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިގޮތުން ފައިނޭންސް ލިބުނުހާ އަވަހަކަށް އެ ތަނުގެ މަސައްކަތް ފަށާނޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.
"ފުނައްޑޫގައި ކުރަންހުރި މަސައްކަތްތަކަށް ބަލާއިރު، ބަނދަރު މިހާރު އެއޮތީ އެއްކޮށް ހަލާކުވެފައި. އަޅުގަނޑުމެންގެ ވިސްނުން ހުރީ އައު ބަނދަރެއް ހެދުމަށް" ފައުޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުނައްޑޫ ބަނދަރު ހަދާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ވީހާ ވެސް ދިގު މުއްދަތަކަށް އެތަން ބޭނުންކުރެވޭ ފަދަ ގޮތަކަށް ޑިޒައިންކޮށް ހަދަން ކަމަށެވެ. ބަނދަރުގެ މަސައްކަތާ އެކު ތަނުގެ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ލަފާކުރާގޮތުގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަދުވެގެން 157 މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ. މި އަދަދު ލަފާކޮށްފައިވަނީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހާލަތު ބެލުމަށް ހެދި އެސެސްމަންޓްތަކަށްފަހުއެވެ.
ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޑޮޮކްޓަރު ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ އެންމެ އަވަހަށް ވެސް އެރަށް އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ލަފާކުރެވެނީ މި އަހަރުގެ މައިމަހުގެ ތެރޭގައި ކަމަށެވެ.
ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އަޙްމަދު ތަސްމީން ޢަލީ ތަރައްގީކުރެއްވި ރަށެކެވެ.
ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އެ ރަށް ވިއްކާލަން ބޭންކުން އިޢުލާން ކުރީ ލޯނު ނުދެއްކުމުންނެވެ. އަދި، ފުނައްޑޫގެ ކާރުޚާނާ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގައެވެ.
ފުނައްޑޫގައި މަސް ގަތުމުގެ އޮޕަރޭޝަންތައް ހުއްޓާލީ 2008ގައެވެ.