20 Apr 2023, 09:37
ގިނަ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ކޮރިއަން ޕޮޕް އައިޑަލް މޫން ބިން މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ކޭޕޮޕް ބޭންޑް "އެސްޓްރޯ"ގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށް ސޯލޯ އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މޫން ބިން މަރުވި އިރު އޭނާގެ އުމުރަކީ އެންމެ 25 އަހަރެވެ.
އޭނާ މެނޭޖްކުރާ ލޭބަލް "ފެންޓޭޖިއޯ" އިން ވަނީ މޫން ބިން މަރުވެފައި ވާ ކަމުގެ ހަބަރު ކަށަވަރު ކޮށްދީފައެވެ. ކޮރިއާ ގަޑިން ރޭގެ މައިރާ ވަގުތެއްގައި މޫން ބިން މަރުވެފައިވާ ކަމުގެ މައުލޫމާތު ލޭބަލް އަށް ލިބިފައިވާ ކަމަށާއި އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާގެ ގެއިން ކަމަށް ފެންޓޭޖިއޯ އިން ބުނެއެވެ.
މޫންގެ މަރާ އެކު އާއިލާއަށް ލިބެމުންދާ ހިތްދަތިކަމާއި ހިތާމައިގައި ބައިވެރިވާ ކަމަށް އެ ލޭބަލް އިން ބުނެއެވެ. އަދި އޭނާގެ މަރާ ގުޅިގެން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިއްސާ ނުކުރުމަށް ވަނީ ލޭބަލް އިން އެދިފައެވެ.
https://www.youtube.com/watch?v=5huBq36OLDs
ކޮރިއާގެ ނޫސްތަކުން މައުލޫމާތު ހިއްސާކުރާ ގޮތުގައި މޫން ބިން ވަނީ އަމިއްލަ އަށް މަރުވެފައެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ބަލަމުން ދާތީ އެކަމަށް ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މޫން ބިން ކޭޕޮޕްގެ ތެރެއަށް ރަސްމީކޮށް ވަނީ އެސްޓްރޯ ގްރޫޕާއެކު 2016 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ ކުރިން ވެސް އޭނާ އައީ އެކި ކަހަލަ އިޝްތިހާރުތަކާއި ޝޯތަކުގައި އެކްޓު ކުރަމުންނެވެ. އޭނާ ކުޑައިރުގެ ރޯލުތަކުން ނަމަ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބޯއިސް އޯވާ ފްލާވާ"ގެ ކެރެކްޓަރެއްގެ ކުޑައިރު ބަޔަށް ކުޅެފައިވާ ރޯލެކެވެ. އޭރު މޫން ބިންގެ އުމުރަކީ 11 އަހަރެވެ.