20 Apr 2023, 09:34
ދުނިޔޭގެ އެކި ކަންކޮޅުން ބޮޑެތި މަގުބޫލުކަން ހޯދާފައިވާ އޭލިސްޓު ތަރިންތަކެއް ހިމެނޭ އެންމެ ބޮޑު ކޮންޓްރޮވާޝަލް އެއް ޑްރާމާ ޝޯ "ދަ އައިޑަލް" ކެންސަލު ކުރުމެއް ނެތި އަދިވެސް ދައްކަން ފެށުމަށް ނިންމައި ނެރޭނެ ތާރީހު އިއުލާނުކޮށްފިއެވެ.
މުޅި އިންޓަނެޓް އެއް އަޑަކުން މިދިޔަ އަހަރު ސިއްސުވާލީ "އެޗްބީއޯ" އިން ނެރުނު ދަ އައިޑަލްގެ ޓްރެއިލާއިންނެވެ. ބޮޑެތި ތަރިންނާ އެކު ނެރޭ މުޅިން އާ ޝޯއެއްގެ ޓީޒާއިން މުޅިން ހީވެސް ނުކުރާ ތަރިން އެކީގައި ފެނުނެވެ.
ދަ އައިޑަލްގައި ލީޑް ރޯލުން ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ "ދަ ވީކެންޑް" އިތުރުން އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕް "ބްލެކްޕިންކް"ގެ ޖެނީގެ އަދި ލެޖެންޑެރީ އެކްޓަރު ޖޮނީ ޑެޕްގެ އަންހެން ދަރި ލިލީ ރޯޒް ޑެޕް އެވެ. އެއާ އެކު ފޭނުންގެ ކެތްތެރިކަން ވަނީ ކޮޅުން ލައިގެން ގޮސްފައެވެ.
ޝޯ އާ ގުޅޭ މާ ގިނަ މައުލޫމާތު ތަކެއް ނެރުނު ޓީޒާތަކަކުން ހާމަވެފައެއް ނުވެއެވެ. ނަމަވެސް ފެނުނު މަންޒަރުތަކުން ފޭނުން ތިބީ ކެތްމަދުވެފައެވެ. އެ ޝޯއެއް އިއުލާނު ކުރުމަށް އިންތިޒާރުކުރަން ތިއްބައި އިވެން ފެށީ އަޑުއަހަން އުނދަގޫ ބިރުވެރި ވާހަކަތަކެކެވެ.
ފުރަތަމަ އިވެން ފެށީ ޝޯގެ އަންހެން ޑިރެކްޓަރު ބަދަލުކޮށް ތަފާތު ފާޑުކިޔުންތައް ރައްދުވެފައިވާ ޑައިރެކްޓަރު ސޭމް ލެވިންސަން އެ ރޯލަށް ހަމަޖެއްސި ވާހަކައެވެ. އެއް ސަބަބަކަށް ވެގެން ދިޔައީ ޝޯއިން އަންހެނުން ބާރުވެރި ކުރުވާތީއެވެ. އޭގެ ބަދަލުގައި ޕްރޮޑިއުސަރެއްގެ ރޯލުން ވެސް ފެންނަ ވީކެންޑް ބޭނުންވީ އެހެން މިސްރާބަކަށް ޝޯ ބަދަލުކުރާށެވެ.
ވާހަކަ ދެކެވޭ ގޮތުގައި ޝޯގެ ޕްލޮޓް ބަދަލު ކޮށްލާފައިވަނީ އަންހެނުންނަށް ޖިންސީ ގޯނާ ކުރެވޭ ފަދަ މާހައުލެއް ސެޓުތަކުގެ ތެރޭގައި އުފެއްދުމަށެވެ. އަދި ސެޓުތެރޭގައި މަސައްކަތް ކުރި އެތައް ކްރޫއިންގެ ފަރާތުން ވެސް އިވެން ފެށީ މަސައްކަތުގެ މާހައުލުގައި އަންހެން ކާސްޓުން އެކި ގޮތްގޮތަށް ޖިންސީ ގޮތުން ނަހަމަ ގޮތުގައި ފައިދާ ނަގާ މަންޒަރުތައް ފެންނަ ކަމަށެވެ. މި މާހައުލު އުފެއްދީ ލެވިންސަން އާއި ވީކެންޑު ކަމަށް ބުނެއެވެ.
މިކަމަށް އެޗްބީއޯއިން ބީރު ކަންފަތެއް ދިން އިރު ވީކެންޑް ވެސް ވާހަކަތައް ދެއްކީ ހަބަރު ފެތުރި މީޑިއާތަކަށް މަލާމަތް ކުރާ ގޮތަށެވެ. ކޮންމެއަކަސް މިހާރު ޖޫން މަހުގެ ހަތަރެއްގައި ޝޯ ދެއްކުމަށް ވަނީ ތާވަލުކޮށްފައެވެ. ނުވި ތަނަކުން މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ޝޯ ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.