20 Apr 2023, 09:28
ފެންޓެސީ ފްރެންޗައިޒްތަކުގެ ތެރެއިން "ވެމްޕަޔާ" ޖޯންރާ ދިރުވައި ހޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދި "ޓްވައިލައިޓް" ފްރެެންޗައިޒް ވާހަކައަށް ބިނާކޮށް ޓީވީ ސީރީޒް އެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ރޮބާޓް ޕެޓިންސަން އާއި ކްރިސްޓެން ޓްވާޓް ހޮލީވުޑްގެ އޭލިސްޓަށް ފޮނުވާލި ޓްވައިލައިޓް ފްރެންޗައިޒް އަކީ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައިވާ ފިލްމު ސީރީޒް އަކަށް ވި ނަމަވެސް ބޮޑު ފޭން ބޭސް އެއް ވެސް އޮތް ފްރެންޗައިޒް އެކެވެ. އެގޮތުން ޖުމްލަ ފަސް ފިލްމު ނެރެފައިވާ ފްރެންޗައިޒް ވަނީ ޖުމްލަ 3.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ.
އެއާ އެކު މިއަދާ ހަމައަށް ވެސް ޓްވައިލައިޓް އަކީ ޕޮޕް ކަލްޗާގައި ބޮޑު ރޯލެއް ކުޅެމުން އަންނަ ފްރެންޗައިޒްއެކެވެ.
އެ މަގުބޫލުކަމުގެ ފައިދާ ހޯދުމުގެ ގޮތުން މިހާރު ޓްވައިލައިޓް ފޮތްތަކަށް ބިނާކޮށް އަންނަނީ ސީރީޒް އެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްޓެފެނީ މެޔާގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ މި ސީރީޒްގެ މަސައްކަތްތައް އަދި އޮތީ ފުރަތަމަ ސްޓޭޖުގައެވެ. އޭގެ ސަބަބުން އަދި އެ ސީރީޒް ދައްކާނެ ވަކި ނެޓްވޯކެއް ވެސް ހަމަޖެހިފައެއް ނުވެއެވެ.
ފިލްމު ފްރެންޗައިޒްގެ ހުއްދަ އޮތް ލަޔަންސްގޭޓްގެ ޓީވީ ގޮތްޕަކުން މި ސީރީޒް ތައްޔާރު ކުރާއިރު މި މަސައްކަތުގައި އުޅޭނީ ޝެނާޑް ޑޭލީ އެވެ. ޑޭލީގެ އުފެއްދުންތަކުގެ ތެރޭގައި "ރެއިޒްޑް ބައި ވުލްވްސް" އާއި "ވޯކިން ޑެޑް" ފަދަ މަގުބޫލު އުފެއްދުންތައް ހިމެނެއެވެ.
މި ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. އަދި ސީރީޒް އަށް ކާސްޓުން ވެސް ހަމަޖައްސާފައި ނުވާއިރު މި އަހަރުގެ ތެރޭގައި ސީރީޒް އާ ގުޅޭ ތަފާތު އާ މައުލޫމާތުތައް އާންމުވަމުން ދާނެއެވެ.