19 Apr 2023, 23:13
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ހިމެނުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު ކޮތަޅުބޮނޑީގެ އަގު އުފުލިފައި ވުމާ ގުޅިގެން މިރޭ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮތަޅުބޮނޑި އަގުބޮޑުވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީ ކަމަށެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށް ވެފައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ރޭޓުން ޖުމުލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނާފައިވާނެ ކަމަށެވެ. ނަމަވެސް، ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
"މި މާއްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަސްދީގުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ކުރި މައްސަލަތައް ހައްލު ހޯދައި ދިނުމަށް ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމެވެ،" ބަޔާނުގައި ވެއެވެ.
އެގޮތުން، 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ އިސްލާހު މާޗް މަހު މަޖިލީހަށް ހުށަހަޅައިފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި އިސްލާހު ފާސްވުމުން މި ކަމަށް ހައްލު ލިބޭނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެތީ ކަމަށް މިނިސްޓްރީން ބުނެއެވެ.
ބާޒާރުގައި އިއްޔެ 20 ރުފިޔާއަށް ހުރި ކޮތަޅުބޮނޑި މިއަދު ހުރީ 220 ރުފިޔާއަށެވެ. 35އަށް ހުރި ކޮތަޅު ބޮނޑި ހުރީ 235 ރުފިޔާއަށެވެ. ކޮންމެ ކޮތަޅުބޮނޑިއަކުން ވެސް 200 ރުފިޔާ ވަނީ އިތުރުވެފައެވެ. މި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.