23 Apr 2012, 11:03
ކުރިކެޓް ބޯޑުން މިއަހަރު ބާއްވާ ތިން މުބާރާތެއް ސްޕޮންސަކުރުމަށް އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެތިން މުބާރާތަކީ ފިލިޕް ގޯ ގިއަރ ޓުވެންޓީ ޓްވެންޓީ ކަޕާއި، ކްރޫގަރ ޓްވެންޓި ފިކްސް ސްކޫލް ކުރިކެޓް ލީގާއި ނިޕޯން ރަމަޒާން ކާނިވަލެވެ.
ކުރިކެޓް ބޯޑު އޮފީހުގައި ރޭ ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ ޖެނެރަލް މެނޭޖަރު މާކެޓިންގ އާދަމް އާޒިމްއެވެ. އަދި ކުރިކެޓް ބޯޑުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ ރާއީސް އަހުމަދު ހާސަން ދީދީ އެވެ.
ރޭގެ ހަފުލާގައި ވާހަކަ ދައްކަމުން އެސްޓީއޯއިން ކުރިކެޓުގެ ހަރަކާތްތަކެއް ސްޕޮންސަރކޮށްދެއްވުމަށްޓަކައި އެފަރާތްތަކަށް ރައީސް ހަސަން ދީދީ ވަނީ ޝުކުރު އަދާކުރާއްވާފައެވެ. އަދި މި ސްޕޮންސަރޝިޕްގެ ދަށުން ކުރިކެޓް ކުލަބްތަކަށާއި ކުރިކެޓް ކުލޭ ސްކޫލް ކުދިންނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ހަސަންދީ ވަނީ ވިދާޅުވެފައެވެ.
އަދި ރޭގެ ހަފުލާގައި އެސްޓީއޯގެ ފަރާތުން ވާހަކަދެއްކިވި އާޒިމް ވިދާޅުވީ، ކުރިކެޓަކީ ރާއްޖޭގައި ކުރިއެރުވެދާނެ ކުޅިވަރެއްކަމަށާއި އަދި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ކާމިޔާބީތައް ހޯދައިފައިވާ އަދި އިތުރަށް ހޯދޭނެ ކުޅިވަރެއްކަން ފާހަގަކޮށް، އެ ސަބަބުތަކަށްޓަކައި އެސްޓީއޯއިން ކުރިކެޓަށް އެހީތެރިވުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.