23 Apr 2012, 10:59
މިހާރު ކުރިއަށްދާ މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު 19 އަހަރުން ދަށުގެ މެޗްތައް ސީއެޗްއެސްއީ އާއި ށ. އަތޮޅު ތައުލީމީ މަރުކަޒު އަދި ގަލޮޅު މަދާރުސާއިން ކާމިޔާބު ކޮށްފި އެވެ.
މިމުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗް ސީއެޗްއެސްއީން ކާމިޔާބު ކުރީ މަދަރުސަތުލް އަމީރު އަހުމަދު ސުކޫލާ ވާދަކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ސެޓްތައް ސީއެޗްއެސްއީ އިން ކާމިޔާބު ކޮށްފައި ވަނީ 25-15 އަދި 25-21 އިންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސީއެޗްއެސްއީގެ އިސްމާއިލް ޝަރީފެވެ.
ރޭ ކުޅުނު ދެ ވަނަ މެޗް ށ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ މާފަންނު މަދަރުސާއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-13 އިން ކާމިޔާބު ކުރި އިރު، ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-7 އިންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުސައިން އަޒުމީއެވެ.
މިއުމުރުފުރައިގައި ރޭ ކުޅުނު ފަހު މެޗް ގަލޮޅު މަދަރުސާއިން ކާމިޔާބު ކުރީ ވިލާ ހައިސުކޫލާ ވާދަކޮށް ދެ ސެޓް އެއް ސެޓުން ނެވެ. މެޗުގެ ފުރަތަމަ ސެޓް 25-17 އިން ވިލ ހައިސުކޫލުން ކާމިޔާބުކުރިއިރު، ފަހު ދެ ސެޓް ގަލޮޅު މަދަރުސާއިން ކާމިޔާބުކުރީ 25-22 އަދި 15-12 އިންނެވެ. އަދި މެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމަށް ހޮވުނީ މުހައްމަދު ޖަޒްލާނެވެ.
މީގެއިތުރުން މިމުބާރާތުގައި އިއްޔެ މެންދުރުފަހު ކުޅުނު 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިގެ މެޗްތައް ކާމިޔާބުކުރީ ސީއެޗްއެސްއީ އާއި ގަލޮޅުމަދަރުސާ އަދި ވިލާ ހައިސުކޫލުންނެވެ.