ސިއްޚީ ދާއިރާގައި ބޭނުންކުރާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބަލްސް ފުޅާ ދާއިރާގައި ފޯރުކޮށްދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ މެޑްޓެކް ޑައިގްނޯސްޓިކްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޮންޑް (ޞުކޫކު) އެއް ވިއްކަން ހުޅުވާލައިފިއެވެ.

ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގައި އެ ކުންފުނިން ވިއްކަން ހުޅުވާލި ޞުކޫކް ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ "ވިޔަނަ" ޕޯޓަލް ގައި ލިސްޓުކޮށްފައެވެ.

ޞުކޫކަކީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑު އާއި އެއްފަދައިން، ފައިދާއެއް ލިއްބައިދޭ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ޞުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެޞުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެއެވެ. އަދި ޞުކޫކުގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ޞުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.

ޞުކޫކް ލިސްޓް ކުރުމުގައި ލީޑް އެރޭންޖާގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ. އެގޮތުން، ޞުކޫކް ސްޓްރަކްޗާ ކުރުމުގައްޔާއި އިޝުއަންސްގެ ޑިއުޑިލިޖަންސް ހެދުމާއި ޕްރޮސްޕެކްޓަސް ތައްޔާރުކޮށް، ޞުކޫކް ލިސްޓްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކޮށްފައިވަނީ އެ ކޯޕަރޭޝަނުން ކަމަށް މެޑްޓެކް އިން ބުންޏެވެ.

ފަސްޓް ނޭޝަނަލްގެ ވެބްސައިޓުގައިވާ ގޮތުން މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވިއްކަން ހުޅުވާލީ 30 މިލިއަން ރުފިޔާގެ ޑިމިނިޝިން ޕާޓްނާޝިޕް ބޮންޑެކެވެ. މި ބޮންޑަށް އެންމެ މަދުވެގެން އިންވެސްޓް ކުރެވޭނެ އެންމެ މަދު އަދަދަކީ 10،000 ރުފިޔާއެވެ. މި ބޮންޑު ދޫކުރަނީ ހުޅުމާލޭގައި ހެލްތު އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ބިނާކޮށް ހިންގުމަށް ފައިނޭންސް ރެއިޒް ކުރުމުގެ ބޭނުމުގައެވެ.

އިންވެސްޓަރުންނަށް މި ބޮންޑުން ނުވަ އިންސައްތަ ފައިދާ ލިބޭނެ ކަމަށް ލަފާކުރާއިރު، ފައިދާ ބަހަން ހަމަޖެހިފައިވަނީ އަހަރަކު ދެ ފަހަރުއެވެ. މި ބޮންޑުގެ މުއްދަތަކީ ހަތް އަހަރު ދުވަހެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ލިސްޓް ކުރެވުނު ބޮންޑަށްވީއިރު، ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓަށް ލިބޭނެ ކުރިއެރުމެކެވެ. ޞުކޫކްގެ ޝާރީޢާ ސެޓިފިކޭޝަން ދެއްވާފައިވަނީ ފަސްޓް ނޭޝަނަލްގެ އިސްލާމިކް ފައިނޭންސް އެޑްވައިޒަރު އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ މާހިރެއް ކަމުގައިވާ ޑރ. އައިޝަތު މުނީޒާއެވެ.

ޞުކޫކް ލިސްޓް ކުރުމާ ގުޅިގެން ޑރ. މުނީޒާ ވިދާޅުވީ މެޑްޓެކް ޑައިގްނޯސްޓިކްސް އިން ދޫކުރާ މި ޞުކޫކްގެ ސަބަބުން، އަމިއްލަ ކުންފުނިތަކަށް ޞުކޫކް ދޫކޮށްގެން ފައިސާ ހޯދޭން ކަމުގެ ޔަގީންކަން ލިބި، ގިނަ އަމިއްލަ ކުންފުނިތަކަކުން އިސްލާމިކް ކެޕިޓަލް މާކެޓްގައި ބައިވެރިވެގެން ފައިސާ ހޯދުމުގެ މަގު ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މެޑްޓެކް ޑައިގްނޯސްޓިކްސް އިން ވިއްކަން ހުޅުވާލި ޞުކޫކަކީ ޕްރައިވެޓް ޕްލޭސްމަންޓަކަށް ވުމުން މި ޞުކޫކުގެ ތަފްސީލުތައް ލިބޭނީ ވިޔަނަ ޕޯޓަލްގައި ރަޖިސްޓްރީވާ އިންވެސްޓަރުންނަށް އެކަންޏެވެ. ވިޔަނަ ޕޯޓަލް އަކީ ޕްރައިވެޓް ސެކިއުރިޓީޒް ގަތުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެފަދަ ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ޕޯޓަލް އެކެވެ. މި ޕޯޓަލް ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.