ކޮލަންބޯ (19 އެޕްރީލް 2023): ސްރީލަންކާއިން ޗައިނާއަށް އެއްލައްކަ ރާމާމަކުނު އެކްސްޕޯޓް ކުރަން ނިންމައިފިއެވެ.

ސްރީލަންކާގެ ދަނޑުވެރިކަމާބެހޭ ވަޒީރު މަހިންދަ އަމަރަވީރާ އާ ހަވާލާދީ ލަންޑަންގެ "ދަ ޓައިމްސް" ނޫސް ބުނާގޮތުން ސްރީލަންކާއިން އެއްލައްކަ ރާމާމަކުނު ޗައިނާއަށް ފޮނުވުމަށް އެދެގައުމުވަނީ އެއްބަސްވެފައެވެ. އެއީ ޗައިނާއިން ނަގާފައިވާ ލޯންތަކުގެ ތެރެއިން ބައެއް ލޯނުތަކުގެ އަގު އަދާކުރުމުގެ ގޮތުންނެވެ.

ސްރީލަންކާ ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން ހަތް ބިލިޔަން ޑޮލަރުގެ ލޯނުގެ އަގުއަދާކުރުމަށްޓަކައި ރާމާމަކުނުގެ އިތުރުންވެސް މަދު އަދަދެއްގެ ބައެއް ޖަނަވާރާއި ބައެއް ބާވަތުގެ މަސްމަހާމެހި އަދި ޒީނަތްތެރިކުރުމަށް ބޭނުންވާ ބައެއް ގަސްގަހާގެހިވެސް ޗައިނާއަށް ދޭގޮތަށް ދެގައުމުވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން މިތަކެތި ދޭނީ ފައިސާއިން އަގުމަގު ކުރުމަށްފަހު އެބައި ލޯނުން ކެނޑޭގޮތަށެވެ. މިއީ ލޯނުތަކުގެ އަގު އަދާކުރުމަށްޓަކައި ޗައިނާއިން ސްރީލަންކާއަށް ދޭ ލުއެއްކަމަށް ވެއެވެ.

ސްރީލަންކާއިން ޗައިނާއަށް އެކްސްޕޯޓްކުރާ ރާމާމަކުނާއި އެނޫންވެސް ބައެއް ޖަނަވާރާއި މަސްމަހާމެހި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހައިވާނު ބަގީޗާތައް ޒީނަތްތެރިކޮށް އެތަންތަނުގެ ފެންވަރު ރަނގަނޅުކުރުމަށްޓަކައެވެ. ޒީނަތްތެރިކުރުމަށް ބޭނުންވާ ގަސްގަހާގެއްސަކީވެސް އަގުމަގުކޮށްފައި ޗައިނާއަށް ދޭ ތަކެއްޗެވެ.

މިތަކެއްޗަކީ ޗައިނާގެ ބާޒާރުގައި ރަނގަޅު އަގެއްގައި ވިއްކޭނެ ތަކެއްޗަށްވާތީ ލޯނު އަދާކުރުމުގައި މިތަކެތި ގަބޫލުކުރުމަށް ޗައިނާވަނީ އެއްބަސްވެފައެވެ. އެއީ މާލީގޮތުން ސްރީލަންކާ މިހާރުއޮތް ހާލަތުން ލޯނުތަކުގެ ޕޭމަންޓްތައް ޑޮލަރުން ދައްކަން ސްރީލަންކާ ނުކުޅެދިފައިވާތީ ލޯނު ދެއްކުމުގައި ސްރީލަންކާއަށް ލުއި ދިނުމުގެ ގޮތުންނެވެ.

ސްރީލަންކާގައި ރާމާމަކުނުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެތަކެތީގެ އުނދަގޫ މިހާރުދަނީ ސްރީލަންކާގެ ދަނޑުވެރިންނަށް ވަރަށް ބޮޑަށް ފޯރަމުންނެވެ. އެހެންކަމުން ޗައިނާއަށް އެއްލައްކަ ރާމާމަކުނު އެކްސްޕޯޓް ކުރުމަކީ ސްރީލަންކާއަށް މިހާރު ވަރަށް ފަސޭހަ ކަމެކެވެ. އަދި އެކަމުން ސްރީލަންކާއަށް ފަސޭހަތަކެއްވެސް ލިބިގެންދާނެ ކަމެކެވެ.

ސްރީލަންކާގައި ތިން މިލިޔަނަށްވުރެ ގިނަ ރާމާމަކުނު އުޅޭކަމަށްވެއެވެ. ޗައިނާއަށް ބޭނުންވާ ރާމާމަކުނުގެ ބާވަތްތަކާއި މަސްމަހާމެއްސާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ބައެއް ގަސްގަހާގެހި ދެނެގަތުމަށްޓަކައި ޗައިނާގެ ވަފުދެއް ދާދިފަހުންވަނީ ސްރީލަންކާއަށް ޒިޔާރަތްކޮށްފައެވެ.