19 Apr 2023, 14:40
ދިމިޝްގު (19 އެޕްރީލް 2023): ސައުދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ރަސްމީ ދަތުރުފުޅެއްގައި ސީރިޔާއަށް ވަޑައިގެން އެގައުމުގެ ރައީސް ބައްޝާރުލްއަސަދު އާ ބައްދަލުކުރައްވައިފިއެވެ.
މިއީ ފާއިތުވި 12 އަހަރު ތެރޭގައި ސައުދީ ޚާރިޖީސައުދީ ޚާރިޖީ ވަޒީރަކު ސީރިޔާއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. ސައޫދީން ސީރިޔާއާ ގުޅުންތައް ކަނޑާލީ 2012 ވަނަ އަހަރުއެވެ. އޭގެކުރިން 2011 ވަނަ އަހަރުގެ މެދުތެރޭގައި ސީރިޔާގައިވަނީ ދާޚިލީ ހަނގުރާމައެއް ފެށިފައެވެ.
ދާޚިލީ ހަނގުރާމަފެށީ އެމެރިކާއާއި ޔޫރަޕާ އަދި ތުރުކީގެ މަދަދުލިބޭ ސީރިޔާގެ އިދިކޮޅު ފަރާތްތަކުންނެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ސައޫދީއާއި ގަލްފުގެ އެހެން ގައުމުތަކުން ތާއީދުކުރީ އިދިކޮޅު ފަރާތްތަކަށެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށްފެށި މިހަނގުރާމައިގާ ސީރިޔާ މުޅިން ހަލާކުވެ ރައްޔިތުންގެ ހަތް ލައްކައެއްހާމީހުންމަރުވެ ދެމިލިޔަނެއްހާ މީހުން ޒަޚަމްވެ 12 މިލިޔަން މީހުން ރެފިއުޖީންނަށްވެ ހާލުގައި ޖެހިފައިވެއެވެ. އަދި ސީރިޔާގެ އިގްތިސާދާއި އިންފްރާސްޓްރަކްޗަރ ގެ 85 އިންސައްތަ ފުނޑުފުނޑުވެގެން ދިޔަނަމަވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ނުލިބުނެވެ.
ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްޝާރު ވައްޓާލުމަށްޓަކައި އައިއެސް ޖަމާއަތާއި އަލްގާއިދާގެ ހަނގުރާމަވެރިންގެ އެތަށް ހާސްބަޔަކުވެސް ތުރުކީ ގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސީރިޔާއަށް ވެއްދިއެވެ. ނަމަވެސް ރަޝިއާއާއި އީރާން އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ މަދަދާއެކު ބައްޝާރުވަނީ އޭނާގެ ވެރިކަން ދިފާއުކޮށް އިދިކޮޅު ފަރާތްތަކާއި އައިއެސްފަދަ ހަރުކަށި ޖަމާއަތްތައް އަސްކަރީގޮތުން ބަލިކޮށްލުމުގައި ކާމިޔާބު ހޯދާފައެވެ.
ބާރުގެ ބޭނުންކޮށްގެން ސީރިޔާގެ ވެރިކަން ބަދަލުނުކުރެވޭނެކަން ކަށަވަރުވުމުން ސައުދީއާއި ޔޫއޭއީ ވަނީ ސީރިޔާއާމެދު ގެންގުޅުނު ހަރުކަށި ސިޔާސަތު ދޫކޮށް ބައްޝާރުގެ ސަރުކާރާ ގާތްވާން ފަށާފައެވެ. މިގޮތުން ޔޫއޭއީ މިހާރުވަނީ ސީރިޔާއާ ޑިޕްލޮމެޓިކް ގުޅުންތައްވެސް އަލުން ގާއިމްކޮށްފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބައްޝާރު ދެފަހަރެއްގެ މަތިން ޔޫއޭއީއަށް ޒިޔާރަތް ކުރައްވާފައިވެއެވެ.
ސައޫދީވެސް މިހާރު މިދަނީ ސީރިޔާއާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމާ ދިމާއަށެވެ. ދާޚިލީ ހަނގުރާމައާ ގުޅިގެން އަރަބި ލީގުގެ މެންބަރުކަމުން ސީރިޔާ ވަގުތީގޮތުން ވަކިކޮށް ސީރިޔާ އަރަބި ސަފުން އެކަހެރިކޮށްފައިވާއިރު ސައޫދީއާއި ޔޫއޭއީ ވަނީ ސީރިޔާ އަލުން އަރަބި ސަފަށް ގެނަސް އަރަބި ލީގުގެ މެންބަރުކަންވެސް ސީރިޔާއަށް އަލުން ދިނުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
އެދެގައުމު މިހާރު ގެންދަނީ ފާޅުގައި އެކަމަށް މަސައްކަތްވެސް ކުރަމުންނެވެ. އަރަބި ގިނަ ގައުމުތައް މިކަމަށް މިހާރު ތާއީދުވެސް ކުރެއެވެ. އިދިކޮޅު ހަދަނީ އެންމެ ހަތަރު ގައުމުންނެވެ. އެއީ ގަތަރު، ކުވައިތު، މަޣްރިބު އަދި ޔަމަންއެވެ. މިއީ ސީރިޔާ އަލުން އަރަބި ލީގަށް ގެނައުމަށް ސައޫދީއާއި ޔޫއޭއީ އިސްވެތިބެގެން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭވަރުގެ ގައުމުތަކެއްނޫނެވެ.
އެހެންކަމުން އަންނަ މޭމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ސީރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ދައުވަތު ދޭނެކަމަށްވަނީ ބެލެވިފައެވެ. މި ސަމިޓް ބާއްވަނީ ސައޫދީގައެވެ. މިދިޔަ ހަފްތާގައި ސީރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް އަލްމިގްދާދު ވަނީ ސައުދީއަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ.
އަރަބި ގައުމުތައް ސީރިޔާއާ ގާތްވަމުންދާތީ އެމެރިކާއާއި ޔޫރަޕްވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިދެފަރާތަކީ ސިޔާސީ ބޭނުމެއްގައި ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް އަދިވެސް ބޭނުންވާ ދެފަރާތެވެ. ނަމަވެސް އަރަބި ގައުމުތަކުގައި އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒު މިހާރު ކުރިޔާ އަޅާބަލާއިރު ކުޑަވެފައިވާތީއާ އަދި އެމެރިކާއަށް ގޮންޖެހުމުގެ ސިޔާސަތެއް ސައުދީމިހާރު ގެންގުޅެން ފަށާފައިވާތީ މިކަމުގައި އެމެރިކާއަށް ކުރެވޭނެ މާބޮޑުކަމެއް މިހާރަކު ނެތެވެ.
ބައްޝާރުގެ ސަރުކާރާ ގުޅުންތައް ގާއިމްކުރުމަށް ސައުދީކުރާ މަސައްކަތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް މިހާރު ކުރެވޭނެ ކަމެއްނޫނެވެ.
ސައުދީ ޚާރިޖީސައުދީ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ބައްޝާރު ދެއްކެވި ވާހަކަފުޅުގައި އޭނާވަނީ ސީރިޔާއަށް ގަވައިދާ ޚިލާފަށް އަރައިތިބި ބޭރުގެ ސިފައިން އެގައުމުން ބޭރުކޮށް އެފަރާތްތަކުގެ އަތްދަށުގައިވާ ސީރިޔާގެ ބިންތައް މިނިވަންކުރުމުގައި ސައޫދީގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.
ސީރިޔާއަށް ގަވައިދާ ޚިލާފަށް އަރައިތިބި ބޭރުގެ ސިފައިންނަކީ ތުރުކީ ސިފައިންނާއި އެމެރިކާ ސިފައިންނެވެ. އެމެރިކާގެ ދެހާހެއްހާ ސިފައިން ސީރިޔާގެ އިރުއުތުރުގައި ގަދަބާރުން ފައިހަރުކޮށްލާފައިވާއިރު ކުރުދީ ބާޣީންނާ ހަނގުރާމަ ކުރުމުގެ ނަމުގައި ސީރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ތުރުކީ ސިފައިންވަނީ ފައިހަރުކޮށްލާފައެވެ.
އެމެރިކާ ސީރިޔާގައި ގަވައިދާ ޚިލާފަށް ފައިރުކޮށްލައިގެން އުޅުމުގެ ބޭނުމެއްގެ ގޮތުގައި ބެލެވިފައިވަނީ ބައްޝާރުގެ ސަރުކާރު ވައްޓާލަންއުޅޭ ސީރިޔާގެ ބާޣީ ޖަމާއަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެއިތުރުން ސީރިޔާގައި އީރާނުގެ ހަރަކާތްތައް ބެލުމާއި އިސްރާއީލުން ސީރިޔާއަށް ދޭ އުދުވާނީ ހަމަލާތަކަށް މަގުފަހިކޮށްދިނުމަކީވެސް އެމެރިކާގެ މަގްސަދެއްކަމަށްވަނީ ބެލެވިފައެވެ.