19 Apr 2023, 11:43
ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ މަތީ މަގާމުތައް ހަމައެކަނި ދިވެހީންނަށް ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިސޯޓު މެނޭޖަރުކަމާއި، އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހީންނަށް އަދާކުރެވޭ މަގާމުތަކެއްގެ ގޮތުގައި ކަނޑައެޅުމާބެހޭ ގޮތުން ޖާބިރު ހުށަހެޅުއްވި ގަރާރުގެ ބަހުސް މިއަދު ވަނީ ފަށައިފައެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓުތަކާއި ގެސްޓްހައުސް ފަދަ ތަންތަނުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ރިސޯޓު މެނޭޖަރު ކަމާއި ހިއުމަން ރިސޯސް މެނޭޖަރު ކަމާއި އަދި ޗީފް އެކައުންޓަންޓް ފަދަ މުހިންމު މަގާމުތައް އަދިވެސް ގިނަ އަދަދަކަށް ފުރަމުން ދަނީ ބިދޭސީން ކަމަށެވެ.
ޖާބިރު ވިދާޅުވީ އެފަދަ މުހިންމު ވަޒީފާތަކަށް ބޭނުންވާ ދިވެހީންނަށް ތައުލީމާއި ތަމްރީން ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްކޮށްފައި ހުންނަންވާނެ ކަމަށާއި، އެފަދަ މަގާމުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
އަދި ބައެއް ރިސޯޓުތަކުގެ މެނޭޖްމަންޓް ކުންފުނިތަކުން ދިވެހީންނާ މެދު އިހާނެތިކޮށް ކަންތައް ކުރާކަމުގެ ޝަކުވާ ލިބޭ ކަން ފާހަގަކުރައްވައި އޭނާ ވަނީ ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ބިދޭސީންނަށް ލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުކޮށް ޑޮލަރު ބޭރު މީހުން ގެންދާއިރު، ދިވެހި މީހާގެ ޖީބަށް މަދުން ޑޮލަރު އަންނަ މައްސަލައަކީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންބޮޑުވާ ކަމަކަށް ވާތީ އަޅުގަނޑު މި މައްސަލަ މި ހުށަހެޅީ. މި ގަރާރުގެ ނަތީޖާއަކަށް ވާން ޖެހޭނީ ދިވެހިރާއްޖޭގެ އިކޮނޮމީއަށް ރަނގަޅު ހެޔޮ ބަދަލެއް އައުން.ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން ވަޒީފާ ތަނަވަސްވާ މުހިންމު ދާއިރާތަކުން ކިތަންމެ މަތިން ތައުލީމް ހާސިލް ކުރި ކަމުގައި ވީ ނަމަވެސް ނަން ހިނގާ ފެންވަރު ރަނގަޅު ރިސޯޓެއްގެ މަތީ މަގާމެއް އޭނާއަށް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ގިނަ ދިވެހީންގެ ނެތް ކަމަށެވެ.
ރިސޯޓުތަކުގެ މަތީ މަގާމުތަކުގައި ބިދޭސީން ތިބުމުގެ ސަބަބުން އެފަދަ މަގާމުތައް އަދާކުރުމުގެ ގާބިލްކަން ލިބިފައިވާ އެތައް ދިވެހީންނަށް ކުރިއެރުން ނުލިބުމާއި، ރާއްޖެއަށް ވަންނަ ޑޮލަރު ބިދޭސީންނަށް ލިބި އިގްތިސާދަށް ނޭދެވޭ އަސަރު ކުރާކަމުގެ ކަންބޮޑުވުން އޮތް ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.