23 Apr 2012, 10:19
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަން ބޮޑުވާ އިސްލާހެއް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެލްޖީއޭގެ ބޯޑް މެންބަރު އަހުމަދު ފައިސަލް ވިދާޅުވީ މިހާރު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުންދާ އިސްލާހުގެ ސަބަބުން އިތުރު ކައުންސިލްތަކެއް އުފެދި އެ ނިޒާމުގެ ތެރެއަށް މީހުންތަކެއް މިވަގުތު އިތުރު ވެގެން ދިއުން އެއީ މިހާރު ރާއްޖޭގައި އުފައްދަން ބޭނުންވާ ލާމަރުކަޒީ ނިޒާމު އުފެއްދުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމަކަށް ނުވެ ހިނގައިދާނެ ކަމަށެވެ.
"އިތުރު މީހުންތަކެއް މިވަގުތު އިތުރުވެގެން ދިއުން އެއީ އަޅުގަނޑުމެން އުފައްދަން އުޅޭ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ޓަކައި ވާނެ އެންމެ ފުރިހަމަ އެއްބާރުލުމަކަށް މި ހާލަތުގައި ނުވެދާނެ. އެއީ މިނިޒާމު ދޮޅުއަހަރެއްހާ ދުވަހު މިނިޒާމު ތަޢާރަފްކުރެވި މާޒީވެގެން ދިޔައިރު ތަރުތީބުވެގެން ވެސް ނުދޭ،" ފައިސަލް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހަކީ، ސިޓީ ކައުންސިލްތައް ބޭނުންވެއްޖެ ހިނދެއްގައި އަވަށު ބޯޑުތައް އުފެއްދުމަށް ކައުންސިލްތަކަށް ދީފައިވާ ބާރު ގާނޫނުން އުނިކޮށް، އަވަށު ބޯޑުތައް އަވަށު ކައުންސިލްތަކަށް ބަދަލުކޮށް އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކޮށް ގަނޫނީ ހައިސިއްޔަތު ދިނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ފައިސަލް ވިދާޅުވީ ލާމަރުކަޒީ ގާނުނަށް އިސްލާހުތަކެއް ބޭނުންވާކަމަށް އެލްޖީއޭއިން ގަބޫލް ކުރާކަމަށާއި ނަމަވެސް މިވަގުތު ހުށައަޅާފައިވާ އިސްލާހާއި މެދު އެއޮތޯރިޓީން ކަންބޮޑުވިނަމަވެސް ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތަކަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް އެލްޖީއޭއިން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
"އިދާރީ އިންތިޒާމުތަކަކަށް ބަދަލުތަށް ގެނެވެގެން ދާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ގައުމުގެ ކަންކަމާއި މެދުގައި ވެސް ވިސްނަން. އެނިޒާމެއްގެ އިކޮނޮމިކް ވަޔަބިލިޓީ އާއި މެދު ސުވާލުނުކޮށް ނިޒާމެއް ތައާރަފުކުރުމުންނެއް އެނިޒާމެއް ނުހިންގޭނެ،"
އޭނާ ވިދާޅުވީ ގާނޫނުގައި ނެތް އިތުރު ކައުންސިލްތަކެއް ހާއްސަކޮށް އަވަށު ކައުންސިލްތަކެއް އިތުރުވެގެން ދިއުމަކީ ގައުމުގެ މަސްލަހަތާތައް އޮތް އެންމެ ރަނގަޅު ނިންމުން ކަމަށް އެލްޖީއޭއިން ގަބުލް ނުކުރައްވާ ކަމަށެވެ.