19 Apr 2023, 09:22
މަޝްހޫރު ގޭމް "ސުޕަ މާރިއޯ" ފްރެންޗައިޒްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލައިވް އެކްޝަން ފިލްމު ބޮކްސް އޮފީސް ބޮޑު ހިޓަކަށް ވެ އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
"ސުޕަ މާރިއޯ ބްރޮސް" ނަމުގައި ފިލްމެއް އުފައްދަން އުޅޭކަން އިއުލާނު ކުރުމާ އެކު ވެސް އެތައް ބައެއްގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ. އެތައް ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅުންހުރި މި ގޭމް ފިލްމަކަށް ހަދައި އެ ހަނދާންތަކަށް ގެއްލުން ދޭނެ ކަމަށް ގިނަ ބަޔަކު ކިޔަމުން ދިޔައެވެ.
ހޮލީވުޑްގެ ބޮޑެތި ތަރިންނާ އެކު އެނިމޭޓެޑް ލައިވް އެކްޝަން ފިލްމެއް ތައްޔާރުކޮށް މިހާރު ރިލީޒްކޮށްފައިވާއިރު މި ފިލްމަށް ބޮކްސް އޮފީހުގައި އަންނަނީ ބޮޑު ތަރުޚީބެއް ލިބެމުންނެވެ.
ބޮޑު އޯޕެނިން އަކަށް ފަހު ފިލްމު ދައްކަން ފަށާފައިވާތާ އަދި، މަހެއް ވެސް ނުވާއިރު ފިލްމަށް ވަނީ މިހާތަނަށް 678 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އޭގެ ތެރެއިން 330 މިލިއަން ޑޮލަރަކީ އެމެރިކާއިން ބޭރުން ހޯދާފައިވާ އާމްދަނީއެކެވެ. އަދި، ލަފާކުރާ ގޮތުގައި މި މަސް ނިމުމުގެ ކުރީން ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެއެވެ.
މި ފިލްމުގެ ބޮޑެތި ރޯލުތަކަށް އަޑު އަޅާފައިވާ އެކްޓަރުންގެ ތެރޭގައި ކްރިސް ޕްރެޓް އާއި އާންޔާ ޓޭލާ ޖޯއިގެ އިތުރުން ޖެކް ބްލެކް ޗާލީ ޑޭ ހިމެނެއެވެ.
މިހާރު ވެސް މި ފިލްމު ވެފައިވަނީ މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބިފައިވާ ފިލްމަށެވެ. އެއީ، މިދިޔަ އަހަރު ދައްކަން ފަށައި މިއަހަރު ވެސް ދައްކަމުން ދިޔަ ފިލްމު އެވެޓާ: ދަ ވޭ އޮފް ވޯޓާ އާ ނުލައެވެ.