ނަޕޯލީގެ މައްޗަށް ކުރިހޯދައި 16 އަހަރު ފަހުން އޭސީ މިލާނުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެ ޓީމު ޗެމްޕިއަންސް ލީގު ސެމީއަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ނަޕޯލީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެ ޓީމު ވަނީ މިލާންގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އެ މެޗުގެ 22ވަނަ މިނެޓުގައި މިލާނަށް ވަނީ ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަޕޯލީގެ އޭރިއާ ތެރެއިން މިލާންގެ ރަފައެލް ލީއާއޯ ކުރި ފައުލަކަށް ދިން ޕެނަލްޓީ އޮލީވިއާ ޖިރޫޑް ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިލާނުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ މެޗުގެ 43ވަނަ މިނެޓުގައި ލިއާއޯ ތަނަވަސްކުރި ފުރުސަތަކުން ޖިރޫޑް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ނަޕޯލީން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރަސްޕަޑޯރީ ނެގި ހުރަހަކުން އެ ގޯލު ޖެހާފައިވަނީ ވިކްޓާ އޮސިމްހެންއެވެ.

އެ މެޗުން މޮޅުވެ މިލާން ސެމީ ފައިނަލް މެޗުގައި ބައްދަލުކުރަން ޖެހޭނީ ބެންފިކާއާއި އިންޓަމިލާން ބައްދަލުކުރާ ކުއާޓާ ފައިނަލްގެ މެޗު ކާމިޔާބުކުރާ ޓީމަކާއެވެ. އެ ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖާއަކުން އިންޓައިން ވަނީ ކާމިޔާބު ހޯދައިފައެވެ.