19 Apr 2023, 09:05
ޗެލްސީ ކަޓުވާލުމަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެއާލްއިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ރެއާލްއިން ވަނީ އެ ޓީމުގެ ދަނޑުގައި މި މަހުގެ 16ވަނަ ދުވަހު ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ މެޗު ވެސް ރެއާލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 10ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރެއާލްގެ އޭރިއާ ބޭރުން ޗެލްސީގެ ރީސް ޖޭމްސް ނެގި ހުރަސް ކޮންޓްރޯލް ކޮށްލުމަށްފަހު އެންގޯލޯ ކަންޓޭ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ 20ވަނަ މިނެޓުގައި ރެއާލްއަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ޗެލްސީގެ އޭރިއާ ތެރޭގައި ހުރެ ރެއާލްގެ ޒުވާން ފޯވާޑް ރޮޑްރިގޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގައި ރެއާލްއިން ފުރަތަމަ ގޯލު ޖެހީ މެޗުގެ 58ވަނަ މިނެޓުގައެވެ. ޗެލްސީގެ އޭރިއާ ތެރެއިން ރެއާލްގެ ވިނީޝީއަސް ޖޫނިއާއަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުގެ ބަދަލުގައި ރޮޑްރިގޯއަށް ދިނުމުން އޭނާ ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ރެއާލްއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލާކީ ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކުރި ފުރުސަތަކުން ރޮޑްރިގޯ ކާމިޔާބުކުރި ގޯލެކެވެ.
އެ މެޗުން ރެއާލް މޮޅުވެ އެ ޓީމު ސެމީ ފައިނަލްގެ މެޗުގައި ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާއި ބަޔާން މިއުނިކް ބައްދަކުކުރާ ކުއާޓާ ފައިނަލްގެ މެޗުން މޮޅުވާ ޓީމަކާއެވެ. އެ ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 3-0 އިން ސިޓީ ވަނީ ކުރި ހޯދައިފައެވެ.