ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ކުންފުނިން 2018ވަނަ އަހަރު ގެނެސްދިން ރީތި ލޯބީގެ ފިލްމު "ދަޅަކް"ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ޚަބަރު އެކުންފުނިން ދޮގުކޮށްފިއެވެ.

ކާމިޔާބު ޑައިރެކްޓަރު ނެރުނު ސްޓޭޓްމެންޓުގައި ބުނެފައިވަނީ، ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ގޮތަށް ދަރްމާ ކުންފުނިން "ދަޅަކް2"ގެ ނަމުގައި ފިލްމެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމުގައެވެ.

މީޑިއާ ރިޕޯޓުތަކުން ނޫސްތަކާއި ޙަވާލާދީ ބުނެފައިވަނީ މި ފިލްމު އުފެއްދުމަށް ނިންމާފައިވަނީ އެކްޓަރު ސިދާތް ޗަތުރްވެދީއާއި ބަތަލާ ތްރިޕްތީ ދިމްރީ ހިމަނައިގެންނެވެ. ނަމަވެސް ކަރަން ބުނެފައިވަނީ މި ތަރިންނާއެކު އެފަދަ މަޝްވަރާތަކެއް ކުރެވިފައިނުވާ ކަމަށެވެ.

ކަރަން ނެރުނު ސްޓޭޓްމަންޓް.

މި ފިލްމާ ބެހޭ ގޮތުން ކަރަން ވާހަކަ ދައްކާފައިވާއިރު "ދަޅަކް"އަކީ ދަރްމާ ކުންފުނިން ގެނެސްދީފައިވާ އެންމެ ކާމިޔާބު އެއް ފިލްމެވެ. ތަމަޅަ ފިލްމު "ސައިރާތް" އަސްލަކަށް ބަލައިގެން އުފެއްދި މި ފިލްމަކީ، މިހާރު ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރާއި އެކްޓަރު އިޝާން ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމުވެސްމެއެވެ. މި ފިލްމުގައި ޖާންވީއާއި އިޝާންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. ފިލްމުގެ ރީތި ވާހަކައާއެކު ފިލްމުގެ މިއުޒިކަށް ވެސް ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިގެން ގޮސްފައެވެ.

ލޯބީގެ ރީތި ފިލްމުތަކާއެކު ޢާއިލީ ފިލްމުތައް ގެނެސްދީފައިވާއިރު ދަރްމާއިން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރު ޖުލައި މަހުގެ 7ގައި ރިލީޒްކުރާ ފިލްމު "ޔޮދާ"އެވެ. އެއަށްފަހު ކަރަން ޖޯހަރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ މިއަހަރު ޖުލައި މަހުގެ 28ގައެވެ.