19 Apr 2023, 10:04
ތެލުގޫ އަދި ހިންދީ ފިލްމުތަކުން ފެނިފައިވާ ބަތަލާ އިލިއާނާ ޑި ކްރޫޒް ބަލިވެއިންކަން ހާމަކޮށް މަންމައަކަށްވާން އުޅޭކަމުގެ ޚަބަރު ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.
ފިލްމު "ބަރްފީ" އަދި "ރުސްތަމް"ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި މަޤުބޫލުވި ބަތަލާ މަންމައަކަށްވާން އުޅޭ ޚަބަރާއެކު އިތުރު އެއްވެސް ތަފުސީލެއް ސަޕޯޓަރުންނާ ހިއްސާކޮށްފައެއް ނުވެއެވެ. އިލިއާނާގެ މިޕޯސްޓާއެކު ބޮލީވުޑްގެ ފަންނާނުންގެ އިތުރުން ބަތަލާއަށް ސަޕޯޓްކުރާ ގިނަ ފަރާތްތަކުން ވަނީ މަރުހަބާގެ މެސެޖުތަކުން ބަތަލާއަށް ރައްދުދީފައެވެ. އިލިއާނާގެ ޕޯސްޓާއެކު ވަރަށް ލޯބި ދެ ފޮޓޯއެއް ވެސް ވަނީ ޕޯސްޓްކޮށްފައެވެ.
އިލިއާނާއަށް ކުއްޖަކު ލިބޭ ޚަބަރު ޢާއްމުކުރުމާއެކު ގިނަ ބަޔަކު ވަނީ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ސުވާލު އުފައްދާފައެވެ. އިލިއާނާ ކުރިން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރިކަމަށް ބުނާ އޮސްޓްރޭލިއާގެ މަޝްހޫރު ފޮޓޯގްރާފަރު އެންޑްރޫއާ ދެމީހުންގެ ގުޅުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އެންޑްރޫއާއި އިލިއާނާގެ ގުޅުން 2019ވަނަ އަހަރު ނިމުމަކަށް ގެނެސް ބަތަލާވަނީ ފިލްމި މަސައްކަތްތަކުން ވެސް ކުޑަ ބްރޭކެއް ނަގާފައެވެ.
ދާދިފަހުން އިލިއާނާއާއި ބަތަލާ ކެޓްރީނާ ކައިފްގެ ފިރިހެން ކޮއްކޮ ސެބެސްޓިއަން ކައިފްއާ ދެމީހުން ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ވަނީ އަރާފައެވެ. ބަތަލާ ކެޓްރީނާ ކައިފްގެ އުފަންދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު އިލިއާނާ ވަނީ ރާއްޖެވެސް އައިސްފައެވެ. އިލިއާނާގެ އިތުރުން ކެޓްރީނާއާއި ވިކީ ކޯޝަލްގެ ގާތް ރަޙްމަތްތެރިން ހިމެނުނު މިދަތުރުގައި ކެޓްރީނާގެ ކޮއްކޮ ސެބެސްޓިއަން ވެސް ހިމެނެއެވެ. އިލިއާނާއާއި ސެބެސްޓިއަންގެ ލޯބީގެ ގުޅުމުގެ ވާހަކަ ބޮޑަށް ދެކެވެން ފެށީވެސް މި ދަތުރަށްފަހުއެވެ.
މިހާރު ވެސް ފިލްމީ މަސައްކަތްތަކާއި ދުރުގައި އުޅޭ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2021ވަނަ އަހަރު ރިލީޒްވި ފިލްމު "ދަ ބިގް ބުލް"އިންނެވެ. އިލިއާނާގެ އަތުގައި މި ވަގުތު އޮތް ހަމަ އެކަނި ފިލްމީ ޕްރޮޖެކްޓް "އަންފެއާ އެންޑް ލަވްލީ"ގެ މަސައްކަތްވެސް ބަތަލާ ވަނީ ނިންމާލާފައެވެ. މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިޢުލާނުނުކުރެއެވެ.