ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ އެންމެ މަޝްހޫރު ފަންނާނުން ހިމެނޭ "ޔާރާ" އާއިލާގެ ފުރަތަމަ ވެބް ސީރީޒް، "ޔާރާ" ގެ ޓްރެއިލާ ނެރެފިއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު) ލިޔެފައިވާ މި ސީރީޒްގެ ޕްރޮޑިއުސަރަކީ މަޝްހޫރު ފިލްމީ ތަރި ރިޝްމީ ރަމީޒެވެ. ރިޝްމީގެ ޕްރޮޑަކްޝަން ހައުސް އާރުޓޫޒީން ޕްރޮޑިއުސްކޮށް މި ފަހަރު ބެލުންތެރިންނަށް ގެނެސްދޭ މި ސީރީޒަކީ އެހެން ސީރީޒްތަކާ ތަފާތު ވެބު ސީރީޒެކެވެ.

މި ސީރީޒްގެ ޕްރޮޑިއުސާ އަދި ޑައިރެކްޓާ، ރިޝްމީ ބުނީ، މި ސީރީޒަކީ ލޯބީގެ އެންޓަޓައިންމެންޓް ސީރީޒެއް ކަމަށެވެ.

މި ސީރީޒް ބިނާވެފައި އޮންނަނީ އެކި ކަހަލަ ގުޅުންތަކުގެ މައްޗަށެވެ. އެގޮތުން ހެއްވާ މަޖާ ކަންކަން ދައްކުވައިދޭއިރު، ލޯބިވެރިންނާއި ރަހުމަތްތެރިން އަދި އާއިލީ ގުޅުންތަކާ އެ ގުޅުންތައް ދެމެހެއްޓުން މި ސީރީޒްގައި ދައްކުވައިދެއެވެ.

އިއްޔެ ނެރުނު މި ސީރީޒްގެ ޓްރެއިލާއިން ވެސް ފެންނަނީ ލޯބީގެ ތަފާތު އިހުސާސްތައް ކުރުވާ މަންޒަރުތަކެވެ. އުފާވެރި މަންޒަރުތަކާ ހިތާމަވެރި މަންޒަރުތަކެވެ. އަދި ބެލުންތެރިން ހެއްވާލާ މަންޒަރުތަކެއް ވެސް ޓްރެއިލާގައި ދައްކާލާފައިވެއެވެ. މިއާއެކު "ޔާރާ" ސީރީޒްގެ ބެލުންތެރިން ވަނީ އެ ސީރީޒް ބެލުމަށް ކެތްމަދުވެފައެވެ.

މި ސީރީޒްއަކީ ހަތަރު ސީޒަންއަކަށް ދެމިގެންދާ ސީރީޒެކެވެ.

ދިވެހި ޑްރާމާ ސީރީޒް "ޔާރާ"އަކީ ފިލްމީ ދާއިރާގައި ވެސް އެންމެ ގިނަ ފަންނާނުން އެކުގައި ފެނިގެންދާނެ އެއް ސީރީޒެވެ. މި ސީރީޒްގައި ފެންނާނެ ތަރިންގެ ތެރޭގައި މިހާރު ފިލްމީ ދުނިޔޭގައި ފިޔަ ޖަހަމުން ދާ ތަރިންނާއި އަލަށް ތައާރަފްވެފައިވާ ތަރިން ހިމެނެއެވެ.

އެގޮތުން، ރިޝްމީ ރަމީޒާއި، މަރިޔަމް އައްޒަ، އަހުމަދު އަޒްމީލް، އަލީ ސީޒަން، ލަމްލާ ލަތީފް، އައިމިނަތް ރިޝްފާ، ނުޒުހަތު ޝުއައިބު، އިސްމާއީލް ޖުމައިހް، ޝަރާ އާދަމް، އާޝާ އަލީ، ޝަހާ އަދުނާން، އައިމިނަތު ސިލްނާ އަދި ހުސައިން ޝަދިޔާން ހިމެނެއެވެ.

ބައިސްކޯފުން ދައްކާ މި ސީރީޒް މި މަހުގެ 24 ވަނަ ދުވަހު އޮލިމްޕަސްގައި ރަސްމީކޮށް ލޯންޗްކުރާނެއެވެ. އަދި އެ ދުވަހުން ފަށައިގެން ބައިސްކޯފް އެޕްލިކޭޝަންއިން މި ސީރީޒް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.