23 Apr 2012, 09:49
ތެހެރާން (މާޗް 23): ޢިރާޤުގެ ބޮޑުވަޒީރު ނޫރިއަލްމާލިކީ އާއި އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ތެހެރާންގައި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި، ދެލީޑަރުން އިސްކަން ދެއްވީ އެދެޤައުމުގެ އިޤްތިސާދީ، ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް އީރާނުގެ ރިޔާސީ އޮފީހުން ބުނެ އެވެ. މާލިކީ އީރާނަށް ވަޑައިގެން އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގަ އެވެ. މިދަތުރުފުޅުގައި ދެ ޤައުމުގެ މަސްއޫލުވެރިން، އިޤްތިސާދާއި ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުގެ އިތުރުން ކޮންސްޓްރަކްޝަން އާއި ސިއްޙަތާއި ތަޢްލީމާއި ޘަގާފީ ދާއިރާތަކާ ބެހޭ އެތަށް އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ އެވެ. މިއެއްބަސްވުންތަކުގެ ދަށުން ޢިރާޤު އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތުގައި އީރާނުގެ ކުންފުނިތަކަށް މުހިއްމު ދައުރެއް އަދާކުރުމުގެ ފުރްސަތު ލިބިގެންދާނެ ކަމަށް ޚަބަރު ލިބެ އެވެ.
އިރާޤުގެ އިންފްރާސްޓްރަކްޗާ ތަރައްޤީ ކުރުމުގެ ތަފާތު މަސައްކަތްތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ ކުންފުނިތައް މިހާރު ވެސް ޙަރަކާތްތެރިވަމުން ގެންދެ އެވެ. މާލިކީ އާއި ނެޖާދްގެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން، މެދުއިރުމަތީގައި ފިތްނަ އުފެއްދުމަށް ބޭރުގެ ބައެއް ބާރުތަކުން މަސައްކަތްކުރާ ކަމަށް ދެ ލީޑަރުން ތުހުމަތުކުރެއްވި އެވެ.
ޢިރާޤުގައި ހިންގަމުން ގެންދާ ބޮންގޮއްވުމާއި ޓެރަރިޒަމްގެ ޢަމަލުތަކާބެހޭގޮތުން މާލިކީ ވިދާޅުވީ މިޢަމަލުތައް ހުއްޓުވައި ޢިރާޤަށް ސުލްޙަ ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޢިރާޤަށް ސުލްޙަ ގެނައުމުގައި އަވަށްޓެރި ހުރިހާ ޤައުމުތަކެއްގެ އެއްބާރުލުން ބޭނުންކަމުގަ އެވެ. މާލިކީ އީރާނަށް ވަޑައިގެންނެވީ އޭނާގެ ވެރިކަމުގައި އީރާނުގެ ބާރާއި ނުފޫޒު އިރާޤުގައި ގަދަވަމުންދާކަމުގެ ތުހުމަތު ޢިރާޤުގެ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ ދުވަސްވަރެއްގަ އެވެ.
ޢިރާޤަކީ ސައްދާމް ޙުސައިންގެ ދުވަސްވަރު އީރާނާ ދެކޮޅަށް 8 އަހަރުގެ ދިގު ހަނގުރާމައެއްކޮށް އީރާނުގެ އިސްލާމީ އިންޤިލާބު ނައްތާލުމަށް އެމެރިކާގެ އެހީގައި މަސައްކަތް ކޮށްފައިވާ ޤައުމެކެވެ. އެމެރިކާ އާއި ގަލްފުގެ ޢަރަބި ޤައުމުތަކުގެ އެހީގައި އީރާނާ ދެކޮޅަށް ސައްދާމް ފެއްޓެވި ހަނގުރާމައިގާ ދެޤައުމުން މިލިޔަނަކަށް ވުރެ ގިނަ މީހުން މަރުވެ އެތަށް ލައްކަބަޔަކު ޒަޚަމްވެ އިޤްތިސާދީ ގޮތުން ޢިރާޤު އިނދަޖެހިގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން ހަނގުރާމަ ހުއްޓާލައި އީރާނުގެ ޝަރުތުތަކަށް އެއްބަސްވުމަށް އެންމެފަހުން ޢިރާޤަށް މަޖްބޫރުވެގެން ދިޔަ އެވެ.
2003 ވަނަ އަހަރު އެމެރިކާ ޢިރާޤަށް އަރައި ސައްދާމްގެ ވެރިކަން ވައްޓާލުމާ އެކު ޢިރާޤުގެ ވެރިކަން ޝިޔަޢީންގެ އަތްމައްޗަށް އެރުމާއެކު ޢިރާާޤާއި އީރާނުގެ ގުޅުންތައް ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. މިއީ ފާއިތުވި އަހަރު އެމެރިކާ ސިފައިން ޢިރާޤުން އެއްކޮށް ފޭބުމަށްފަހު ޢިރާޤުގެ ބޮޑުވަޒީރަކު އީރާނަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. -- ނޫސްއެޖެންސީތައް