ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާ މީހުން ޖަލަށް ލުމާއި ގޭ ބަންދު ކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ގޮތަށް ކަނޑައަޅައި ހެއްކާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ހެއްކާ ބެހޭ ގަވާއިދަކީ މިފަހުން އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލަން ޖެހޭ ގަވާއިދެކެވެ. އަލަށް އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުން ހެކިބަސް ދޭން ލާޒިމް ކުރުވުމުގެ ބާރު އޮންނަ އިރު، އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން އެންގުމާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބާރު އޮންނަނީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް ކޯޓުން މިއަދު އަމަލުކުރަން ފެށި ހެއްކާބެހޭ ގަވާއިދުގައި ވާ ގޮތުން ކޯޓަށް ހާޒިރު ކުރެވޭ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހަދައިފި ނަމަ ހެކިބަސް ދޭން އެންގުމުގެ ބާރު ކޯޓަށް އޮވެއެވެ. އެގޮތުން، ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިނަމަ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ ގިނަވެގެން 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަގުތުން ހުކުމް ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އާއިލީ ގުޅުމެއް އޮތުމުގެ ސަބަބުން ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދޭން ދެކޮޅު ހެދުމުގެ ބާރު އޮންނަ މީހުންނާއި އެ ގާނޫނުގެ ދަށުން ހެކިބަސް ދޭން ލާޒިމް ނުކުރެވޭނެ މީހުން ފިޔަވައި ދެން ތިބި އެންމެންނަށް އެ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބޭނެއެވެ.

މީގެއިތުރުން ހެކިބަސް ދޭން ބޭނުން ނުވާ މީހަކު ކޯޓަށް ހާޒިރު ވުމަށް ދެކޮޅު ހަދާނަމަ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރެވިދާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެއްވެސް ހެއްކެއް ނެތް ހާލަތުގައި މަދަނީ މައްސަލަތަކުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށް ވުރެ ދަށުގެ އަދަދުގެ ފައިސާ ހިމެނޭ މައްސަލަތަކުގައި ހުވާ ކުރުވައިގެން ދައުވާ ސާބިތު ކުރުމުގެ އުސޫލުވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. މި ހާލަތުގައި ދައުވާލިބޭ މީހާ ހުވާކުރަން ދެކޮޅު ހަދައިފިނަމަ އެ ދައުވާއެއް ސާބިތުވާނެއެވެ.

މިއީ ރާއްޖޭގައި ހެކިބަސް ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ފެށި ފުރަތަމަ ފަހަރެވެ.