މިޒްޔަލް ގޭގެ އެކި ތަންތަނަށް ނަޒަރު ހިންގައިލިއެވެ. ކުޑަ ތަނެކެވެ. ތަރުތީބު ކުރަން މަސައްކަތްކޮށްފައި ހުއްޓަސް، ބައުވެފައިވާ ފަރުނީޗަރުތަކުގެ ސަބަބުން، ތަން ފެންނަނީ، ގުދަނެއް ހެންނެވެ. އެނދުގައި ބިންޔާ އިނީ ދެއަތުން މޫނު ފޮރުވާލައިގެންނެވެ. އޭރު މަޑު ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.

********

"ބިންޔާ!..." މިޒްޔަލްގެ އަޑު ނުކުތީ ކުރެހިގެންނެވެ.

ބިންޔާ ބަލައެއް ނުލިއެވެ. މިޒްޔަލް ހުރިކަން އެނގުނު ނަމަވެސް ފޮނުވާލާކަށްވެސް ނޫޅުނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، މިޒްޔަލް ބިންޔާގެ ކުރިމަތީގައި އިށީނެވެ. ބިންޔާގެ ވޭނީ ގިސްލުމުގެ އަޑުން އޭނާގެ ހިތް ޒަހަމު ކުރަމުން ދިޔައެވެ. ބިންޔާއަކީ ހިތްވަރުގަދަ ކުއްޖެކެވެ. އެފަދަ ގޮތަކަށް ގިސްލާފައި ރޯނީ، ކެތްތެރިކަން ކޮޅުންލީމައެވެ.

"އައި އޭމް ސޮރީ..." މިޒްޔަލްއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

ބިންޔާގެ ހިތާމަތަކަށް ލުއިކަމެއް ދޭން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން މިޒްޔަލް ބޭނުންވިއެވެ. އެކަމަކު، އިވެމުންދިޔަ ވޭނީ ގިސްލުމުގެ އަޑުން، މިޒްޔަލް ހިމޭންކުރުވައިފިއެވެ. ވޭނީ ރުއިމަކުން މިޒްޔަލްގެ ހިތް ރޮމުން ދިޔައެވެ. އޭގެ އަސަރު ދެލޮލުގައި ބަބުޅަން ފެށިއެވެ. މިޒްޔަލް އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ބިންޔާ ގެނެސް މޭގައި ފޮރުވާލަން އޭނާ ބޭނުންވިއެވެ. ދެއަތުގެ ހިމާޔަތް ދޭން ހިތް ގޮވިއެވެ.

އެތައް ހިތްވަރަކުން މިޒްޔަލް އޭނާގެ އަތް އުފުލައިލިއެވެ. ބިންޔާގެ ދެކޮނޑުގައި ހިފަހައްޓައިލީއިރު، އޭނާގެ ހިތުގެ ތެޅުންވެސް އިތުރުވެއްޖެއެވެ. ބިންޔާ އޭނާއަށް ފުރުސަތު ދޭނެބާއެވެ؟ ބިންޔާ ގަދަހަދަން ނޫޅުމުން، މިޒްޔަލްއަށް ހިތްވަރު ލިބުނެވެ. މަޑުމަޑުން ބިންޔާ ގެންގޮސް ގައިގައި ލައްކޮށްލިއެވެ. މިޒްޔަލްގެ އަތުގެ ހިމާޔަތަށް ބިންޔާ އިނީ ބޭނުންވެފައެވެ. ޝަކުވާތަކުން ފުރި ބާރުވެފައިވާ ހިތަށް އޯގާތެރިކަމެއް ލިބުމުން، އެ އޯގާތެރިކަމަށް ފުރަގަސްދޭނެ ހިތްވަރެއް ބިންޔާގެ ގަޔަކު ނެތެވެ.

"ކީއްވެތަ އަހަންނަށް މިހެން ވަނީ؟..." ބިންޔާ ގިސްލަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "ކީއްވެތަ މިޒްޔަލްގެ މަތިން ހަނދާން ނައްތާނުލެވެނީ... މިހާ ދުވަސްކޮށްފަ، ކީއްކުރަން ތިއައީ؟... އައި ހޭޓް ޔޫ... އަހަރެން ބޭނުން މިޒްޔަލްއަށް އަދަބު ދޭން... ރުޅި އަންނަން ބޭނުން..."

"އިޓްސް އޯކޭ... ބިންޔާ ބޭނުން އަދަބެއް އަހަންނަށް ދީ...." މިޒްޔަލް ވަރަށް ލޯބިން ބުނެލިއެވެ.

"ހީވަނީތަ ތީ އެހާ ފަސޭހަ ކަމެއްހެން؟.... މިޒްޔަލްއަށް ފަސޭހަވިޔަސް، އަހަންނަކަށް ފަސޭހައެއް ނޫނޭ... ހުރިހާ އަދަބެއް މިލިބެނީ އަމިއްލަ ނަފުސަށް..." ބިންޔާގެ އަޑުގައިވީ ޝަކުވާއެވެ. އެތައް ދުވަހަކަށްފަހު، އެ ޝަކުވާތައް ދުލާއި ހަމައަށް އައިއިރު، ގިސްލެވޭ ވަރުން އޭނާގެ އަޑު ރަނގަޅަށް ނުވެސް ނުކުމެއެވެ.

"އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އެންމެ ރަނގަޅު... އަހަރެން ބޭނުންވަނީ ބިންޔާ އުފަލުގަ ހުންނަން..." މިޒްޔަލް ވާހަކަ ދައްކަމުން ދިޔައިރު، ބިންޔާގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.

"އަހަރެން ބޭނުންވަނީ މިޒްޔަލް ދެރަކުރަން... އެކަމަކު، މިޒްޔަލް ދެރަވީމަ، އަހަންނަކަށް އުފަލެއް ނުލިބޭ... އަހަރެންގެ ހިތަށް ވަރަށް ތަދުވޭ..." މިޒްޔަލްގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ، ބިންޔާގެ ހިތުގެ ހާލަތު ހާމަކުރަމުން ދިޔައީ ފޮރުވުމެއް ނެތިއެވެ.

"އަހަރެން މިހުރީ ބިންޔާއާ އެކީ... ދެވަނަ ފަހަރަށް ބިންޔާގެ އިތުބާރު ގެއްލުވައެއް ނުލާނަން... އައި ޕްރޮމިސް..." މިޒްޔަލް ޔަގީންކަން ދިނެވެ.

"ކީއްވެތަ ތި ވާހަކަތައް ގަބޫލުކުރަން މަޖުބޫރު ކުރުވަނީ؟... އަހަރެން ބޭނުމެއް ނޫނޭ ގަބޫލުކުރާކަށް..." މިޒްޔަލް ދުރުކޮށްފައި ބިންޔާ ތެދުވިއެވެ.

"ބިންޔާ!..." މިޒްޔަލް ކޮޅަށް ތެދުވަމުން ބިންޔާއަށް ގޮވައިލީ އާދޭހުގެ ރާގަކަށެވެ.

"އަހަންނަށް މިޒްޔަލްގެ މަތިން ހަނދާން ނައްތާލަން މިހާ އުނދަގުލީ ކީއްވެތަ؟... ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ؟..." ބިންޔާ މިޒްޔަލްގެ މޭގައި އަތްއަޅައި ކޮއްޕައިލިއެވެ.

މިޒްޔަލް ގޮސް ތެލި ހަރުގައި ޖެހެންދެން އޭނާ އެކަން ތަކުރާރު ކުރިއެވެ. ތެލިތައް ފައިބައިގެން ދިޔަ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ހަރާއިއެކު މިޒްޔަލްވެސް ވެއްޓުނެވެ. ތެލިތަކުގެ މައްޗަށް ވެއްޓުނު ގޮތުން، އޭނާއަށް އެކިވަރުގެ އަނިޔާ ވިއެވެ. އަތުން ތަންކޮޅެއް ކަފައިގެން ގޮސް ލޭ އައެވެ. މިޒްޔަލް އުނދަގޫ ގޮތަކަށް ތެދުވިއެވެ. އޭރުވެސް ބިންޔާ ހުރީ ހުއްޓުން އަރާފައެވެ.

"އައި ލަވް ޔޫ..." މިޒްޔަލް ބިންޔާގެ ގައިގައި ބައްދައިލިއެވެ. "ބިންޔާ ބޭނުން ގޮތެއް އަހަންނަށް ހަދާ... ހިތަށް ލުއިކަމެއް ލިބެންދެން، އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް... އަހަރެން ބޭނުންވަނީ އެންމެ ކަމެއް... ބިންޔާ އުފަލުގަ ހުރުން..."

މިޒްޔަލް ދާން ހިނގައިގަތެވެ. ބިންޔާއަށް މިޒްޔަލްގެ އަތުގައި ހިފެހެއްޓުނު ގޮތްވެސް ނޭނގެއެވެ. ކުރެވުނު ކަންތަކާއި އޭނާ ހުރީ ދެރަވެފައެވެ. އޭނާގެ މަގުސަދަކީ މިޒްޔަލަށް އަނިޔާއެއް ދިނުމެއް ނޫނެވެ. ވެއްޓުނުގޮތުން މިޒްޔަލްއަށް ތަދުވާނެވަރު ބިންޔާއަށް އެނގެއެވެ. އެ ހާލުގައި މިޒްޔަލް ފޮނުވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކަރުނަތައް ފޮހެލުމަށްފަހު، ހަމަޖެހިލަން ބިންޔާ މަސައްކަތް ކުރިއެވެ.

"ބޭސްއަޅައިގެން ދާނީ..." މިޒްޔަލް ބަލައިލުމުން ބިންޔާ ނޫންކަމަށް ހަދައިލިއެވެ.

ބިންޔާ ބޭސްއަޅާ ނިމެންދެންވެސް މިޒްޔަލް އިނީ އެ މޫނަށް ބަލާށެވެ. ނުރުހޭގޮތް ދައްކަން މަސައްކަތް ކުރިނަމަވެސް ބިންޔާގެ މޫނުން ލޯބި ނޫން އެއްޗެއް ނުފެނެއެވެ. މިޒްޔަލްދެކެ ވާ ސާފު ލޯބި އެ ދެލޮލުން ސާފުކޮށް ފެންނަން ހުއްޓެވެ. ބިންޔާގެ ރަތްވެފައިވާ ދެލޮލާއި، ދުޅަވެފައިވާ މޫނުގައި ފިރުމައިލަން މިޒްޔަލްގެ ހިތް އެދުނެވެ. އެ ނާޒުކު އަންހެން ކުއްޖާގެ އޮމާން ދެ ކޯތާފަތުގައި އޭނާއަށް ހިފަހައްޓައިލެވުނީ އިހުތިޔާރުން ބޭރުގައެވެ. ދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އިސްނެގީ މިޒްޔަލްއެވެ. ބިންޔާގެ ތުންފަތުން އިހުސާސްކުރެވިގެންދިޔަ ފޮނިކަމާއިއެކު، ހަނަފަސްވަމުންދިޔަ ދެމީހެއްގެ ދިރިއުޅުމަށް އުޖާލާކަމެއް ލިބިގެން ދިޔައެވެ. ދެމީހުންގެ ހިތުގައި ޖަހަމުންދިޔައީ ސާފު ތެދުވެރި ލޯބީގެ ވިންދެވެ. މިޒްޔަލް ބިންޔާގެ ދެކޯތާފަތަށް ބޮސްދިނެވެ. ދުވަހަކުވެސް ވަކިނުވާނެކަމަށް ބުނެ ވައުދުވިއެވެ. ކައިވެނި ކުރާނެކަމުގެ ޔަގީންކަން ދިނެވެ. މިޒްޔަލް ބިންޔާގެ ގެއިން ނުކުތީ، ނިވިފައިވާ ހުޅުކޮޅު އަލުން ދިއްލާފައެވެ.

********

މީރާގެ ހާލު ރަނގަޅުވެ، ގެއަށް ދޫކޮށްލިއެވެ. ޝިމާޢު އެންމެ ވަގުތުކޮޅަކަށްވެސް މީރާއާއި ދުރަކަށް ނުދެއެވެ. ގެއަށް ދޫކޮށްލުމުންވެސް، އެއްވެސް މަސައްކަތެއް ނުކުރެ އަރާމުކުރަން އެދުނެވެ. ހަސްފަތާލުން ދޫކޮށްލި ނަމަވެސް މީރާ ހުންނަނީ ގަބުވެފައެވެ. ކުރެވުނު ކުށަކުން އޭނާގެ މުޅި ނަފުސު އަނދާ އަޅިއަށް ވެއްޖެއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރުން ހުއްޓައެއް ނުލިއެވެ. ނިދީގައިވެސް މީރާއަށް ދެއްކެނީ އޭނާ ކުރަން އުޅުނު ނުބައި ފާފައިގެ ވާހަކައެވެ.

"ދޮންބޭ... މީރާއަކަށް ނުނިދޭ... ބިރުގަންނަނީ... މީރާ އެއްވެސް މީހަކު މަރާލާކަށް ނޫޅޭނަން..." މީރާގެ ކަމަކީ އަބަދު ރުއިމެވެ.

އެތައް ގޮތަކުން މީރާއަށް ވިސްނައިދޭން ޝިމާއު މަސައްކަތް ކުރިއެވެ. މީރާއަކަށް ލުއިކަމެއް ނުލިބުނެވެ.

"ދޮންބެއަށް ފެންނަނީ މިޒްޔަލްމެންގެ ކިބައިން މާފަށް އެދެން..." ޝިމާޢު އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތް ހާމަކުރިއެވެ.

މީރާ ވަގުތުން އެއްބަސްވިއެވެ.

"ދޮންބެ ހުރިހާ ކަމެއް ހަމަޖައްސާނަން... މީއްކޮ ދެން މާ ބޮޑަށް ނުވިސްނާ..." ޝިމާޢު އެދުނެވެ.

މީރާ ކެއުމުން ތަށިތައް ހިފައިގެން ޝިމާޢު ނުކުތްއިރު، ސިޓިންގްރޫމުގައި އަމަން އިނެވެ.

"ކަމެއް ގޯސްވީތަ؟..." އަމަން އިން ގޮތުން ޝިމާޢު ސުވާލުކުރިއެވެ.

"އަހަރެން މިއުޅެނީ ޖެނީފާ ގެންނަން..." އަމަން ބުނެލިއެވެ.

"ވަޓް؟..." ޝިމާޢުގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ.

ޖެނީފާއަކީ، އެމެރިކާ އަންހެން ކުއްޖެކެވެ. ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނުއިރު، މިޒްޔަލްއަށް ރީތިވި އަންހެން ކުއްޖެކެވެ. ދެމީހުންގެ މެދުގައި އެކުވެރިކަމެއް އޮތްނަމަވެސް، އެގުޅުން އިތުރު ހަރުފަތަކަށް ނުގެންދެއެވެ. ފަހުން އަމަންއަށް އެނގުނީ ޖެނީފާ މިޒްޔަލްދެކެ ލޯބިވާ ކަމެވެ. އެހެނަސް، ދީނީގޮތުންނާއި، ދެ މުޖުތަމައުގެ ތަފާތުތައް ހުރިގޮތުން، އެކީ އުޅެވެން ނެތުމުން، އެކަން ސިއްރުކޮށްގެން ޖެނީފާ ހުރީއެވެ.

"ހުރިހާ ހަގީގަތެއް ކިޔާދިނީމަވެސް މިޒްޔަލް ހީނުވޭ އެ ބިންޔާއާ ދުރަށް ގޮސްދާނެހެނެއް..." އަމަން އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

"ކިޔާދިނިއްޔޭ؟..." ޝިމާއުގެ މޫނުން ފެނުނީ ނުރުހުމުގެ އަސަރެވެ. "އަމަން ތިކުރީ ވަރަށް ސަކަރާތް ކަމެއް..."

"މިޒްޔަލް މިހާރު އެ އުޅެނީ ވަކި އުފާވެރި ދިރިއުޅުމެއްތަ؟... ހުރިހާ ކަމެއް އެ ވަނީ ބިންޔާއާ ހެދިއޭ...." ކުރިއެކޭ އެއްގޮތަށް އަމަން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"ތީގަ ބިންޔާއަށްވެސް ފުރުސަތު އެބަ އޮތެއްނު މިޒްޔަލްދެކެ ރުޅި އަންނަން... އެ ވާހަކައެއް ނުބުނަންދޯ..." ޝިމާޢު ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ކީއްކުރަން އެވާހަކަ ދައްކަންވީ؟..." އަމަންވެސް ހިތްހަމަނުޖެހުނެވެ.

"އަމަން ނުދައްކަންޏާ، އަހަރެން ދައްކަފާނަން..." ޝިމާޢު ހަލުވި ފިޔަވަޅުތަކެއްގައި ގެއިން ނުކުތުމަށް ހިނގައިގަތެވެ. ފަހަތުން އަމަންވެސް ދިޔައެވެ. އަމަން ނުކުތުމުގެ ކުރިން ޝިމާޢު ސައިކަލަށް އަރާ ނައްޓައިލިއެވެ.

********

ގެއަށް އައިއިރު މިޒްޔަލްގެ މޫނު ވަނީ އުޖާލާވެފައެވެ. ކުރިން އެމޫނުން ފެނުނު މާޔޫސްކަން ފިލައިގޮސް، ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ބިންޔާ ދުރަށް ނުދާނެކަމުގެ ޔަގީންކަން އޭނާއަށް ވަނީ ލިބިފައެވެ. ދެމީހުންގެ މެދުގައި ހޭދަވި އުފާވެރި ވަގުތުކޮޅުގެ ސަބަބުން، މިޒްޔަލްގެ ހުރިހާ ހިތާމައެއް ފިލާ ގޮސްފައިވާ ކަހަލައެވެ. އޭނާ ފޯނު ނަގައި ބިންޔާއަށް ލޯބީގެ މެސެޖެއް ފޮނުވައިލިއެވެ.

"ދަރިފުޅާ!..." ސަރަފިއްޔާއަށް މިޒްޔަލް ފެނުމުން އުފާވެފައި ގޮވާލިއެވެ.

މިޒްޔަލް ގޮސް މާމަގެ ކައިރީގައި އިށީނެވެ. މާމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޭނާ އޮތެވެ.

"މާމަދެކެ ވަރަށް ލޯބިވޭ..." މިޒްޔަލް އުފާވެފައި ބުނެލިއެވެ.

"ކިހިނެއްވީ ކުއްލިއަކަށް މާމަދެކެ މާލޯބިވީ... އެހެން މީހަކުދެކެ ލޯބިވާ ވާހަކަތަ ތި ބުނަނީ؟..." ސަރަފިއްޔާ ވާހަކަ ދެއްކީ ދިމާކުރާ ކަހަލަ ރާގަކަށެވެ. މިޒްޔަލްއަށް އުފާވެރިކަމެއް ލިބިއްޖެކަން ސަރަފިއްޔާއަށް އެނގުނެވެ.

"މާމަ ބުނީމެއްނު ވާހަކައެއް ބުނާނަމޭ... މިއައީ ގެއަށް، ދެން އުޅޭނީ ގޭގަ..." އެއްޗެއް ހަނދާންވާ ފަދައިން މިޒްޔަލް ތެދުވެ، ސަރަފިއްޔާގެ މޫނަށް ބަލައިލިއެވެ.

"ދަރިފުޅު މިހާރު ބިންޔާއާ ޖެހުނު މައްސަލަ ހައްލުކުރީތަ؟..." ސަރަފިއްޔާ ކުރީ ސުވާލެކެވެ.

"މާމައަށް ހީވަނީ ކިހިނެއް؟..." މިޒްޔަލް އަނެއްކާވެސް ސަރަފިއްޔާގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"މާމަ ދަރިފުޅަށް އިތުބާރު ކުރަން..." ސަރަފިއްޔާ ވަރަށް ލޯބިން ބުންޏެވެ.

"އެހެންވެއޭ މާމަދެކެ މިހާ ލޯބިވަނީ..." މިޒްޔަލް ސަރަފިއްޔާގެ ގައިގައި ދެއަތް ވަށައިލިއެވެ.

"ދަރިފުޅަށް ޔަގީންތަ، ބިންޔާގެ މާޒީ ކޮންމެ ގޮތަކަށް އޮތަސް، ދަރިފުޅަށް ބިންޔާއާ އެކީ ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެހެން؟..." ސަރަފިއްޔާ ބޭނުންވީ ޔަގީންކަމެކެވެ. އެ ޔަގީންކަން އޭނާގެ މާމަ ދަރިފުޅުގެ މޫނުން ފެނުނު ނަމަވެސް އޭނާ ބޭނުންވީ ދުލުން އެ ވާހަކަ ބުނުވާށެވެ.

"މާޒީގަ ވެފަ އޮތް އެއްވެސް ކަމެއްގަ ބިންޔާގެ ކުށެއް ނެތް... އެކަމަކުން އެއްވެސް ބަދަލެއް ނާންނާނެ.." މިޒްޔަލް ޔަގީންކަން ދިނެވެ.

"ދަރިފުޅާ، މާމައަށް އެކުއްޖާ ފެނިއްޖެ..." ސަރަފިއްޔާ އޭނާ ވާހަކަ ދައްކަން ބޭނުންވި މައުޟޫޢުއަށް ދިޔައެވެ.

"ކޮން ކުއްޖެއް؟..." މިޒްޔަލް ހައިރާންވެފައި ސުވާލުކުރިއެވެ.

ސަރަފިއްޔާ އޭނާގެ ކޮޓަރިއަށް ވަދެފައި އެނބުރި އައިއިރު، އަތުގައި އޮތީ އަލްބަމެކެވެ. އެއިން އޭނާ ދައްކައިލީ ކުރިންވެސް އޭނާ މިޒްޔަލްއަށް ދައްކާފައިވާ ތަސްވީރެކެވެ. އެއީ ސިފައިންގެ ހެދުމުގައި ހުރި ފިރިހެނަކާއިއެކު ސަމީރާ ހުއްޓާ ނަގާފައިވާ ތަސްވީރެކެވެ.

"މާމަ ބުނީމެއްނު މީ ދަރިފުޅުގެ މަންމަ އެންމެ ފުރަތަމަ ކައިވެނި ކުރަން އުޅުނު މީހާއޭ..." ތަސްވީރުގައި ހުރި ފިރިހެންމީހާ ދައްކައިލަމުން ސަރަފިއްޔާ ވާހަކަ ދެއްކިއެވެ.

(ނުނިމޭ)